މާލެ އިން ފުރައިގެން އދ. މަންދުއަށް ދަތުރުކުރި ރަންތަރި ނަމަކަށް ކިޔާ ދޯނިން، އދ. މަންދޫ ރަތްވިލާގެ އުމުރުން 27 އަހަރުގެ އަލީ ޝާހް ގެއްލިގެން ހޯދަމުންދާތާ މިހާރު24 ގަޑިއިރަށް ވުރެ ގިނައިރުވެފައިވާއިރު، އަދިވެސް އޭނާގެ އެއްވެސް ހިލަމެއް ނުވެއެވެ.

ރަންތަރި ދޯނީގެ ކެޕްޓަން ބުނި ގޮތުން ޝަހް ދޯނީގައި ނެތްކަން އެމް.އެން.ޑީ.އެފް އަށް ރިޕޯޓް ކުރީ އެކަން އެނގުނުތާ ގާތްގަނޑަކަށް ގަޑިއިރެއް ފަހުނ،ް، މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު 2 ޖަހާ އެހާކަންހާއިރުއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސާހު ގެއްލިފައިވަނީ ކޮވިޑް19 ގެ ސަބަބުން އެތައް ދުވަހަކު މާލޭގައި ތާށިވެފައި ހުރުމަށްފަހު، ހޯމް ކަރަންޓީނަށް އެނބުރި އާއިލާ ކައިރިއަށް ދިޔުމަށް ކުރި ދަތުރުގައި ރަށުގެ ފަޅަށްވެސް ވަން ފަހުންނެވެ. އދ. މަންދޫ އަކީ ބަނދަރެއް ނެތް ރަށެއްކަމުން އެރަށަށް އަރާ ފޭބުމުގެ އިންތިޒާމު އޮންނަނީ ފާލަމެއް މެދުވެރިކޮށެވެ. އެރަށުގެ ވަށައިގެން ވާ ފަޅަކީ ފުދޭވަރަކަށް ބޮޑު ފަޅެކެެވެ.

ޝާހު އެންމެ ފަހުން ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖީންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބުނެފައެވެ.

ދުވަސްވަރަކީ މޫސުންގޯސްވެ ގަދަ ދުވަސްވަރެއް ނަމަވެސް މަންދޫގެ ރައްޔިތުންގެ އިތުރަށް އދ. އަތޮޅު އަދި އއ. އަތޮޅުގެ ގިނަ ޑައިވަރުންތަކެއް ދަނީ މެދު ނުކެނޑި ޝާހް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މުޅި މަންދޫ އަދި އަރި އަތޮޅުގެ ރައްޔިތުންވެސް ތިބީ ޝާހް އާއި ބައްދަލުވާނެ ކަމުގެ އުންމީދުގައި ކަމަށް މަންދޫ އިން މުނިއަވަސް އާއި ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވިއެވެ.

ސާހު ހޯދުމުގެ މަސައްކަތުގައި އަރި އަތޮޅުގެ ގިނަ ރަށްރަށުގެ އެތައް ރައްޔިތުންނެއް އެއްވެސް ވަރުބަލިކަމެއްނެތި ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

މި ޒުވާނާއާއި ގުޅޭ އެއްވެސް ޚަބަރެއް ވޭތޯ، މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވައެވެ. އަދި މީނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުމަށްވެސް ކޯސްޓްގާޑުން އެދިވަޑައިގަންނަވައެވެ.

05 މެމްބަރުން ތިބޭ އައިލާގައި ޝާހުއަކީ އެ އައިލާއިން އެންމެ ހައްގަށް ދެވަނައަށް ހުންނަ ކުއްޖާއެވެ. ފަތުރުވެރިކަމުގެ ދައިރާތަކަށް ޝައުގުވެރިކަން ހުންނަ ޝާހު ވަނީ އާމްދަނީ ހޯދުމަށް ގެސްޓް ހައުސްއާއި ރިސޯޓްތަކުގައި މަސައްކަތްކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.