ގޯވިންދާ އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު، އެންމެ މަޤްބޫލު އެކްޓަރުންގެ ތެރެއިން އެއް އެކްޓަރެވެ. އިންޑަސްޓްރީގެ އެންމެ އުހަށް ވާޞިލުވެ މުޅި ދުނިޔެއަށް މަޝްހޫރުކަން ހޯދާފައިވާ ތަރިއެެކެވެ. ފިލްމީ ހަޔާތް ފެށި އިރު، އޭނާ ބަރުދާސްތުކުރަން ޖެހުނު ހުރިހައި ދަތި އުނދަގޫތަކެއް ކަޑައްތުކޮށް ކާމިޔާބީއަށް ވާޞިލްވިއެވެ.

ފިލްމީ ހަޔާތް ފެށި އިރު ކުރިމަތިވި ދަތިތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގޯވިންދާ ބުނީ ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހަކަށް އޭނާ ނޭނގޭ އިރު، ޕްރޮޑިއުސަރުންނާއި ބައްދަލުކުރަން ގޮސް އެތަކެއް ގަޑި އިރު ހޭދަކުރަން ޖެހުނު ކަމަށެވެ. އެވަރުން އަދި ނިމުނީކީ ނޫނެވެ. ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްނުލެވޭނެ ކަމަށް ވެސް އޭނާއާއި ދިމާއަށް އެތައް ބަޔަކު ބުނިކަމަށް ވެސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ގޯވިންދާ ބުންޏެވެ.

ގޯވިންދާ ބުނީ، މިއަދު މަޝްހޫރުކަން ލިބިފައިވާ އެތަކެއް އެކްޓަރުންނާވެސް އެ ހާލަތު ބައްދަލުވި ކަމަށާއި ނަމަވެސް އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރުމަށް ހެޔޮ ގޮތުގައި ރަނގަޅަށް މަސައްކަތްކުރުމުން ކާމިޔާބު ލިބޭނެ ކަމަށެވެ.

“ކޫލީ ނަންބަރ1” ފަދަ ހިޓް ފިލްމުތަކުގެ ލީޑް ކުޅެފައިވާ ގޯވިންދާ ބުނީ އޭރު ބޮލީވުޑް ކޮންޓްރޯލު ކުރަނީ މަދު ބައެއް ކަމަށާއި ނަމަވެސް މިހާރު އެކަން ބަދަލުވަމުން އަންނަ ކަމަށެވެ.

https://www.youtube.com/watch?v=Zmc9Qk6H9XM

ގޯވިންދާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2019 ގައި ރިލީޒްކުރި ފިލްމު ‘ރަންގީލާ ރާޖާ’ އިންނެވެ. ގޯވިންދާގެ ފުރަތަމަ ފިލްމަކީ 1986 ގައި ނުކުތް ފިލްމު ‘އިލްޒާމް’ އިންނެވެ. މިހާތަނަށް ގޯވިންދާ ވަނީ 165 ހިންދީ ފިލްމު ކުޅެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.