ޒިންމާ އަދާކުރުމުގައި ފަރުވާކުޑަކޮށްފިނަމަ، ބާރުގަދަ ވާރުވެރިޔަކަސް އިސްދަށަށްޖަހާންޖެހި ނިކަމެތިވެދާނެއެވެ.

އަލްމަރްޙޫމް ތުނޑީ ޒަކަރިއްޔާ ކިޔައިދިން ވާހަކައެއްގެ ގޮތުގައި، މިވާހަކަތައް ކިޔައިދޭ މީހާއަށް ތުނޑީ ޒަކަރިއްޔާގެ ކާފަދަރިއެއްކަމުގައިވާ ތުނޑީ ޒަކަރިއްޔާގެ ޤާސިމުގެ ޒަކީ ކިޔައިދިނެވެ. ތިމަންނާގެ ކާފަ އެއްރޭ ނިދަން އޮއްވާ މުކުރިމަގު މާމުދިން އިބްރާހިމްދީދީ ދުރުވެ ބުނުއްވައިފިޔޭ ޒަކަރިއްޔާއޭ ވާރު ހިފައިގެން ހިތަދޫއަށްދާ ދަތުރުގައި މާދަމާ ގޮސްދޭން ވާނެޔޭ.

އަނެއް ދުވަހު ހެނދުނު އިބްރާހިމްދީދީގެ ކުޑަދޯނީގައި ގަމުން ފުރައިގެން ވައިމަޑުކަމުން މެންދުރުވާއިރަށް ކިރިޔާ ފޯރީ ހުޅިމެންދޫއަށެވެ.

މި ދަތުރުގައި ދިޔައީ ތިންމީހުންނެވެ. ދެން ހުޅިމެންދޫ އޮޅުތެރޭ ޖައްސާފައި އިބްރާހިމްދީދީ ބުނުއްވައިފިއޭ ޒަކަރިއްޔާއޭ ދާންވާނީ ކުރުނބައެއް އަޅައިގެނެއް ނޫންހޭ. މިހެން ބުނުއްވާފައި އިބްރާހީމްދީދީ ރަށުގެ އަތިރިމަތިން އެއްކޮޅަކަށް ދުރުވެއްޖެވެ. ތިމަންނާމެން ކައިރީގައިހުރި ރުކަކަށް އަރާ ކުރުނބާ ނޭޅި އުޅެނިކޮށް އިބްރާހިމްދީދީ މާހަރެއްކޮށް ދުރުވެ ބުނުއްވައިފިޔޭ ކުރުނބާ އެޅުނަސް ނޭޅުނަސް ހަމަ މިހާރު ފައިބައިގެން މިރަށުން ފުރާންވީއޭ. ދެން އަވަސްއަވަހަށް ކުޑަދޯންޏަށް އަރައި ވީކީއްތޯ އަހައިފީމެވެ. އިބްރާހިމްދީދީ ބުނުއްވިޔޭ ގިނަ ވާހަކަ ނުދައްކައި ހިތަދުއާ ދިމާއަށް ބާރަށް ފަލިޖަހަން ފަށާށޭ. ދެން ބާރަށް ފަލިޖަހާފައި ހިތަދޫއަށް މިސްރާބު ޖަހައިފީމުއެވެ.

މާމެންދޫ ދެކުނު ކޮޅުން ލަނބާލީމައި ބުނުއްވައިފިޔޭ ރިޔާ މޮހައިލާށޭ. ރިޔާމޮހައިލީމާ މަޅުމަތީގައި ރިޔާ ބާއްވާފައި ރިޔާދަށަށް އިބްރާހިމްދީދީ ވަންނަވައިފިއެވެ. ހިތަދޫ ފަޅަށް ވަނީމާ ބުނުއްވައިފިޔޭ ދާގޮތަށް ގޮސް ކޮޅުފަސްކޮޅު ރަށާ ގާތްކުރާށެވެ. އެއިރު އަތިރިމަތީގައި އަތޮޅުވެރިން ހުންނެވިއެވެ. އެއިރުގެ އަތޮޅުވެރިޔާއަށް ކިޔަނީ ތައްބެއެވެ. ހުންނަވާނީ ހުދުއަތްދިގު ގަމީހާ މުންޑު އަންނަވައި ބޮލުގައި ހުދު ފޮށާ އޮޅުއްވައިގެންނެވެ. އަތޮޅުވެރިން އަންގަވައޭ ރަށަށް ނުވަދެ ދާށޭ. ރިޔާދަށުގައި އޮންނަވައިގެން އިބްރާހިމްދީދީ ބުނުއްވަޔޭ އަތޮޅުވެރިންގެ ބަހެއް އަހާނެކަމެއްނެތޭ ރަށާ ގާތްކުރާށޭ. ދޯނި ގޮނޑުދޮށާ ވަރަށް ކައިރި ވީމާ އަތޮޅުވެރިން އެބަ އައްސަވަތޭ ހުޅިމެންދޫއަށް ލެފީމުހޭ. އިބްރާހިމްދީދީގެ ބަހަށް ލައްބައޭ ބުނެފީމެވެ. އެއިރު ދޯނީގެ ފަހަތުކޮޅު ގޮނޑުދޮށަށް ބީހިއްޖެއެވެ. އަތޮޅުވެރިން ރުޅިދުރުވެފައި ބުނުއްވައިފިޔޭ އެހެންވެއްޖިއްޔާ ހަމަ މިހާރު މިފަޅުން ނުކުމެގެން ދާށޭ. ހިތަދޫ ރައްޔިތުން ނެރެފާނަމޭ. ހަމަ ބުނުމާއެކު ރިޔާދަށުގައި އޮންނެވި އިބްރާހިމްދީދީ ފުންމައިގެންގޮސް ޖެހުނީ މެދު އަތިރިމަތީގައި ހުންނެވި އަތޮޅުވެރިންގެ ކުރިފުޅުމައްޗަށެވެ.

އިބްރާހިމްދީދީ: ފަސްމާވަގަ ހުރީ ނުބައިކަން ބަލައިބިލާށޭ. އިހަށްހުރީ އަތޮޅަ މީހުންކައިފައި މިހާރަ ތެތް އޮޅެނޫ މިއަތޮޅަ މީހުން ކާން ކަމަށްހޭ. ހުޅިމެންދޫ އަތިރިމައްތަ އޭއްތޫ އިނބަ މަހަކައިފައި އެއްލާލާފާ އޮތް މީހެއް ނޯންހޭ. މިވާހަކަ މާލެއާ ހަމައަށް ނުގެންދާކަން ގޮތެއް ނޯންނާޅޭ. ޝައިޠާނު ހުރީގޮތް ބަލައިބިލާށޭ.
އިބްރާހިމްދީދީ މިއަރުވާލިވަރުން އަތޮޅުވެރީން އިސްދަށަށްޖައްސަވައިފިއެވެ.

އަތޮޅުވެރީން: އިބްރާހީމްދީދީވޭ. ތިޔައަކީ ތިޔަހެން ހިނގާފައިވާކަމެއް ނޫނޭ.

އިބްރާހިމްދީދީ: ކޮން ހެނެއް ހެނަކޭ ކިޔާކަށްހޭ.

އަތޮޅުވެރީން: އިބްރާހިމްދީދީވޭ ރުޅިމަޑުކުރައްވާށޭ. އިހަކަށްދުވަހު އައްޑޫ އޮޑިއެއް އެތާ އޮވެފައި ދަމުން 4 މަހާއި 10 ދުވަސް ނުވަނިސް އެރަށަށް ނުލަފަން ބުނެފައިވާތީ ޤަބުރެއް ލައްވެފައި އޮތީކަން އެނގުނޭ. ހީކުރީ އެމީހުން ދާނީ ވަޅުލައިފައި ކަމަށްށޭ.

އިބްރާހިމްދީދީ: ހީކޮށްކޮށެއް ހައްދުންމައްތަކު ނުހުރުވޭޅޭ. އިނބަ ހީކެރަނޫ އިނބަ ނޯނުއްވާ ނުލަފާމީހުންނާ ވަރަގަދަ މީހުންނެއް ނޯޅޭން ކަމަށްހޭ.

އަތޮޅުވެރީން: މާތްކަލާނގެ ރަސްކަންފުޅަށްޓަކައޭ، ރުޅިމަޑުކުރައްވާފައި އެމީހާ ވަޅުލާން ގޮސްދެއްވާށޭ.

ދެން އިބްރާހިމްދީދީ ރުޅިމަޑުކުރެއްވީކަމަށް ހައްދަވައިގެން ހިތަދޫން ތިންހަތަރު މީހަކާއި ތިމަންމެން (ވާރުހިފައިގެން ދިޔަ ދޯނިން ދިޔަ މީހުން) ގޮވައިގެން ހުޅިމެންދޫއަށް ގޮސް ބެލިއިރު އެޤަބުރު ނުފެންނަ ވަރަށް އޮތީ ފޮޅުއަޅައިފައެވެ. ޤަބުރު ލައްވެފައި އޮތްފަރާތުގެ އަތިރިމަތީގައި ފައިޖައްސާ ނުލެވޭވަރަށް ކޮޅުން ކޮޅަށް އޮތީ ފޮޅު ދެމިދެމިއެވެ. ޤަބުރު ފެންނަވަރުވީވެސް ބޮޑު ފަންބުޑިއެއްގެ ދެކޮޅުގައި ހިފައި އަތިރިމަތީ ދަމައި ފޮޅުތައް ކަހައިގެންނެވެ.

—-

ދަންނައެ:
• ޤާސިމުގެ ޒަކީއަށް މިވާހަކަ ކިޔައިދިން އޭނާގެ ކާފަ، ތުނޑީ ޒަކަރިއްޔާބޭ 107 އަހަރުގެ ދިގު ޢުމުރެއްގައި ދުނިޔޭގައި ހުންނެވިއެވެ. ބޮޑުހުޅުގެ ހާދިސާ ހަނދާން ހުންނަ ކަމަށްވެއެވެ. ޒަކަރިއްޔާބޭ ނިޔައުވީ 1993 ޖެނުއަރީ 8 ގައެވެ. އެތާރީޚުން ބަލާއިރު ޒަކަރިއްޔާބޭ އުފަންވެފައިވާނީ 1886މ. ހިސާބުގައެވެ. ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ މަޝްހޫރު ބޮޑުހުޅަކީ 1887މ. ގައި ހިންގި ފިތުނަވެރި ހާދިސާއެކެވެ. ޒަކަރިއްޔާބޭގެ ހަނދާނުގައި ބޮޑުހުޅު ހުރިކަމުގައިވާނަމަ، ޒަކަރިއްޔާބޭ އުފަންވެފައިވާނީ 1886މ. ގެ ކުރީންކަމުގައި ޤަބޫލުކުރާންޖެހެއެވެ.

• މާމުދިން އިބްރާހިމްދީދީއަކީ 1932މ. ގައި “ރައްޔިތުންގެ މަޖިލިސް”ގެ ނަމުގައި އެކުލަވައިލެވުނު ރައްޔިތުންގެ ގޭގައި ހައްދުންމަތި ތަމްސީލްކުރެއްވި 4 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. ވަރުގަދަ ސަޚުސިއްޔަތެއްގެ ވެރިއެކެވެ. ކައިވެނިކުރެއްވީ މަންދަގޭ މުޙައްމަދު ދީދީ ކަތީބުގެ މަރިޔަމްދީދީ އާއެވެ. ފަހުން ކުޑަކަމަނާއާއެވެ.

• ހައްދުންމަތީ ހިތަދޫގައި ދެފަހަރެއްގެ މަތިން އަތޮޅުގެ ވެރިކަން ކޮށްފައިވެއެވެ. މިހައިތަނަށް ހޯދިފައިވާ ހޯދުންތަކުން ބުރަވެވެނީ މިހާދިސާ ހިނގީ ފުރަތަމަ ފަހަރު ހިތަދޫގައި ވެރިކަންކުރި ދުވަސްވަރުގައިކަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޠާހާ އަބޫބަކުރު
ތާރީޚީ ހޯދުުންތައް ހޯދައި ތާރީޚް ލިޔުމާއި ދިވެހި ބަހާއި ބަހުގެ އަދަބިއްޔާތުގެ ލިޔުންތަކަކީ ޠާހާ ގެ އެންމެ ފާހަގަ ކޮށްލެވޭ ދާއިރާ އެވެ.