ބޮލީވުޑްގެ މަޤްބޫލު އެކްޓަރު ރަންޖީތު، ނުބައިބައި (ވިލަންގެ ރޯލު) ކުޅުމުން އޭނާގެ ދިރިއުޅުމަށް ކުރި ނޭދެވޭ އަސަރުތައް ހިއްސާކުރަމުން ބުނީ އޭނާ ގެއިން ނެރުނު ކަމަށާއި، އެންމެން އޭނާއާ ދިމާއަށް ބަލަނީ ނުލަފާ ގޮތަކަށް ކަމަށް ބުނެފިއެވެ.

އެ ޒަމާނަކީ މީސްމީޑިއާގެ ޒަމާނެއް ނޫނެވެ. ފިލްމީ ފަންނާނުންގެ މަސައްކަތުގެ ޚަބަރު ކިޔައިލެވެން އޮންނަނީ ކަރުދާހުގައި ޗާޕްކޮށްފައިވާ ދެތިން މަޖައްލާއަކުން އެކަންޏޭ ބުންޏަސް ދޮގަކަކަށް ނުވާނެއެވެ. ފިލްމީ ތަރިންގެ މަސައްކަތަށް ފާޑުކިޔައި ހަޖޫ ޖަހާނެ މީސްމީޑިއާގެ މަންސައެއް ނޯވެއެވެ. އެހެންކަމުން، އޭރު، ނެގެޓިވް ރޯލު ނުވަތަ ނުބައިބައި ކުޅޭ ތަރިންނާމެދު ފިލްމު ބެލުންތެރިން ދެކެނީ ފިލްމުތަކުން އެ ފެންނަ ރޯލުތަކަކީ އެބައި ކުޅޭ ތަރިންގެ އަމިއްލަ ދިރިއުޅުމާ އެއްގޮތަށް އޮންނަ ކަމެއްގެ ގޮތުގައެވެ.

އޭރު ޕްރޭމް ޗޯޕްރާ ފެނުމުން ބިރުގަންނަ އަންހެނުން މަދެއް ނޫނެވެ. ނުލަފާ ކުއްޖަކަށް ޕްރާންގެ ނަމުން ނުވަތަ މޮގެންބޯގެ ނަމުން ނަންވެސް ދެއެވެ. ނުބައިބައި ކުޅޭ ބޮލީވުޑްގެ ވަރަށް މަޤްބޫލު ފަންނާނެއް ކަމަށްވާ ރަންޖީތު މިއަދު މިވަނީ އޭނާ ނުބައިބައި ކުޅެން ފެށުމުން ކުރިމަތިވި ވަރަށް އާދަޔާޚިލާފު ކަންތައްތަކެއް މީޑިއާއާއި ހިއްސާކޮށްފައެވެ.

“އަހަރެން ކައިވެނި ނުކޮށް ހުރިއިރު، އޭރު އަހަންނާމެދު މީހުން ދެކޭ ގޮތާއި ދޭތެރޭ މާބޮޑު ފަރުވާލެއް ނުބަހައްޓަން. އެހެން ނަމަވެސް، އޭރު، މީހުން ހީކުރަނީ އަހަރެމެން ކުޅޭ ރޯލުން އެ ދައްކަނީ ހަމަ އަހަރެމެންގެ އަސްލު ދިރިއުޅުން ކަމަށް. ދިއްލީގަ ހުންނަ އަހަރެންގެ ދަރިފުޅާ ބައްދަލުކުރަން ގޮސް އުޅޭއިރު، ރެސްޓޯރެންޓަށް ދިޔައިމަ އެތާ ތިބޭ މީހުން އަހަންނަށް ބަލާނީ ފާޑަކަށް. އެހެން އެވަނީ އަހަންނަކީ ދުވަސްވެފަ ހުރި މީހަކަށް ވެފައި އަހަރެންގެ އުމުރަށްވުރެން ދެބައިކުޅަ އެއްބައި ހަގު އަންހެން ކުއްޖަކާ އެކުގައި ހުރި ކަމަށް ވާތީ. އަހަރެން ކާ އެއްޗެއްސަށް އޯޑަރުދޭން ޖެހެނީ އަހަރެން ކައިރީ އިނީ އަމިއްލަ އަންހެން ދަރި ކަމަށް އެހެން މީހުނަށް އެނގޭހާ ބާރަށް. މީހުން އަހަންނާމެދު ގޯސް ގޮތަކަށް ދެކޭކަށް އަހަރެން ބޭނުމެއް ނޫން.”

“ފިލްމު “ޝަރްމީލީ”ގަ ފުރަތަމަ ފަހަރަށް އަހަރެން ނުބައިބައި ކުޅުނީމަ އަހަރެންގެ ގެއިންވެސް ނެރެލި. އަހަރެންގެ އާއިލާއަކީ ބޯދާ ޚިޔާލުގެ ޢާއިލާއެއް. އެމީހުން (އަހަރެންގެ މައިންބަފައިން) ހީކުރަނީ އަހަރެން ވަދެ މި އުޅެނީ ވަރަށް ކަޓު ދާއިރާއަކަށް ކަމަށް. އަހަރެން އަންހެން ކުދިންނަށް އިހާނެތިކޮށް ހިތާކަމަށާއި އެކުދިންނަށް ގޯނާކޮށް އެބިއުޒްކުރާކަމަށް އެމީހުން ދެކޭ. އެކަމަކު އަސްލު ހަގީގަތުގަ ފިލްމެއްގަ އަހަރެން އެ ވިޔާނުދާ ރޯލުގެ ޝޮޓް ނިންމާފަ އަހަރުމެން އެންމެން ހީނ މަޖާކޮށް ހަދަން.” އިންޑިއަން އެކްސްޕްރެސް އަށް ދިން ބަސްދީގަތުމެއް ފަށަމުން ރަންޖީތު ކިޔައިދިނެވެ.

ރޭޕް ސީންއެއްގައި ރަންޖީތު – ފޮޓޯ: ފިލްމުފެއަރ

ރަންޖީތު ކުޅެފައިވާ ނުބައިބައި ރޯލުތަކަށް ފަހު، އެތަކެއް ވަނަމެއް އޭނާއަށް ދިނެވެ. ‘ރޭޕް ކިންގް’ ފަދަ ނަންތައް ދިނެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ރަންޖީތަކީ ބޮލީވުޑްގެ އެވަރގްރީން ވިލަންއެއް ކަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.