“މިނިވަން ވަޔާ ކުޅެލާށެ ތާޒާ…” މި އިބާރާތްކޮޅުން އެކަނިވެސް މިނިވަން ލޭ ކެކޭ ކޮންމެ ދިވެހި ދަރިއެއްގެ ލޭ ކެކޭނެކަން ގައިމެވެ. މިއަދު ފާހަގަކުރަމުން މިދާ “މިނިވަން 55″ގެ އުފާވެރި މުނާސަބަތުގައި ދިވެހި ފިލްމީ ފަންނާނުންގެ ފަރާތުން މިވަނީ ރެކޯޑަކާއެކު “މިނިވަން ވަޔާ ކުޅެލާށެ ތާޒާ…” މި ލަވައަށް ވަރަށް ހިތްގައިމު ވީޑިއޯއެއް ގެނެސްދީފައެވެ.

މިއީ ފިލްމީ ފަންނާނުންގެ އެންމެ ގިނަ ބަޔަކު އެއް ލަވައަކުން ފެނިގެންދާ ރެކޯޑް މުގުރާލާފައިވާ ލަވައެކެވެ. “މިނިވަން ވަޔާ” އެކު 67 ތަރިން ގެނެސްދިން މި ލަވަ އުފެއްދުމުގެ ފަހަތުގައި ހުރީ އެކްޓަރ ޖާދުﷲ އިސްމާޢީލް އެވެ.

“މި ލަވަ ނެރުމަށް ކުރިން ނިންމާފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ދިހަވަރަކަށް ފަންނާނުން ލައިގެން ލޮކްޑައުންގެ ދުވަސްވަރު ކަމުގައި ވީނަމަވެސް، މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު، ޖުމްލަކޮށް ފިލްމީ ދާއިރާ މަސައްކަތްކުރާ އަދި ކޮށްފައިވާ އެހާރާއި މިހާރުގެ ހުރިހާ ފިލްމީ ތަރިންނަށް އަޅުގަނޑު ގުޅައިގެން މި ލަވައިގެ މައިގަނޑު މަގުސަދު ތަފުސީލުކޮށްދިނުމުން ހީނުކުރާ އަދަދަކަށް ފަންނާނުން މިކަމުގައި ބައިވެރިވެ، އެ ފަރާތްތަކުން އަޅުގަނޑުމެންނަށް ލިބިގެން ދިޔަ އެއްބާރުލުމާއި ތަރުހީބު ވެގެން ދިޔައީ މި ޕްރޮޖެކްޓް އިތުރަށް ފުރިހަމަވެ، ކާމިޔާބު ކަމާއެކު ނިންމާލުމަށް އަޅުގަނޑަށް ލިބިގެންދިޔަ ބާރަކަށް.” ލަވަ އުފެއްދުން ކުރިއަށް ދިޔަ ގޮތް މުނިއަވަސް އާ ހިއްސާކުރަމުން ޖާދު ބުންޏެވެ.

“އެހެންކަމުން މިފަދަ ޚާއްޞަ ލަވައެއް ޚާއްޞަ މުނާސަބަތަކާއި ގުޅުވައިގެން ނެރުމަކީ އިތުރަށް މި ލަވަ ޚާއްޞަވެގެން ދާނެ ކަމެެއް ކަމުގައި އަޅުގަނޑަށް ފެންނާތީ، މި ލަވަ މި އަހަރުގެ މިނިވަން ދުވަހަށް ޚާއްޞަކޮށްލީ.” މިނިވަން55 ގެ މުނާސަބަތަށް ޚާއްޞަކޮށްލި ލަވައިގައި މިއަދުގެ ހާލަތާ ގުޅޭ މެސެޖްތަކެއްވެސް ފިލްމީ ފަންނާނުންގެ އަޑުން ގެނެސްދީފައިވެއެވެ.

“މި ލަވައިގަ މި ވީހާ ތަނަށް މުނިފޫހިފިލުވުމުގެ ދާއިރާއި އެއް ޕްރޮޖެކްޓަކުން ފެނިފައި ނުވާ ވަރަށް، ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިކޮށްގެން، 67 ފިލްމީ ތަރިންނާއި، 06 ލަވަކިޔުންތެރިންގެ އިތުރުން، ޖުމްލަކޮށް މުޅި ޕްރޮޖެކްޓައި 75 ފަންނާނުންގެ އެއްބާރުލުމާއެކު މުޅި ފިލްމީ ދާއިރާ ތަމްސީލުކޮށްދެވޭ ވަރުގެ މަސައްކަތެއް، އިންޝާﷲ ކާމިޔާބުކަމާއެކު ނިމިގެން ދިއުމަކީ އަޅުގަނޑު ދެކޭގޮތުގައި މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ރެކޯޑެއް. އަދި ހަމަ އެހެންމެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވި، ނަމަވެސް މުޅިންހެން ފިލްމީ ދާއިރާ އާއި ދުރުގައި އެތައް އަހަރުތަކެއް ވެފައިވާ އެހާރުގެ އެތައް ފަންނާނުންނެއް އަޅުގަނޑުގެ މި ޕްރޮޖެކްޓްގައި ފެނިގެން ދިއުމަކީ، އަޅުގަނޑު ދެކޭގޮތުގައި މިހާރު ދާާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް ލިބިގެންދާނެެ އިތުރު ހިތްވަރެއް. އެ ބޭފުޅުން އެ ދެއްވާ މެސެޖްތަކަކީ މުޖުތަމައަށް ފައިދާހުރި، ހޭލުންތެރިކަން އިތުރުވެގެންދާނެ އަގުހުރި މެސެޖްތަކެއް ކަމުގައިވެސް ފާހަގަކޮށްލަން.”

“މި ލަވައިގެ އަސްލު މައިގަނޑު ބޭނުމަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންވެސް މުޖުތަމައާއެކީގައި، އެއް ބައެއްގެ ގޮތުގައި، އެއްބައިވަންތަކަމާ އެކު ތިބި ކަމާއި، ދެވޭ މެސެޖް ތަކަކީ ފަރުދުން ހޭލުންތެރި ކުރުމުގެ ގޮތުން ފޯރުކޮށްދެވޭ މެސެޖްތަކަކަށް ވުމާ، ކޮންމެ ހާލަތެއްގައި ވެސް އެއްބައިވަންތަކަމާއި އެކު އެންމެން ގުޅިގެން އެއް އާއިލާއެއްގެ ގޮތުގައި ތިބެގެން ހިތްވަރާއެކު ކުރިއަށްދާ ނަމަ، ދިމާވާ ދަތި އުނދަގޫތަކުން އަރައިގަނެވޭނެ ކަން.” ލަވަ އުފައްދާ ނެރުމުގެ މަޤްޞަދު ހާމަކުރަމުން ލަވައިގެ ޑައިރެކްޓަރ ޖާދު ބުންޏެވެ.

“މި ފުރުސަތުގައި ދަތި އުނދަގޫތަކާ އެކުވެސް، މި ދަނޑިވަޅުގައި ދުރުގައި ތިއްބަވައިގެން މި ޕްރޮޖެކްޓް ފުރިހަމަކޮށް، ކާމިޔާބުކޮށްދެއްވުމަށް އެހީތެރިކަން ވެދެއްވި ހުރިހާ ބޭފުޅުންނަށް ހިފެހެއްޓުމެއް ނެތް ޝުުކުރު އަދާކުރަން. ޚާއްޞަކޮށް ޢަލީ ރަޝީދު ސަރ (ގޮޅާ އައްޔަ) އެންމެ ގާތުން ޓެކްނިކަލް އެޑިޓަރެއްގެ ގޮތުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް ފަށްފަށުން ޝުކުރު އަދާކުރަން. އަދި ހަމަ އެހެންމެ ސޮބާ ސަރ (ޙުސައިން ސޮބާހް)، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ އެދުމަށް މިއުޒިކް ހައްދަވައިދެއްވާ، 06 ލަވަކިޔުންތެރިންގެ ރެކޯޑިން ނިންމަވައި އޯޑިއޯ ލަވަ ވަރަށް ފުރިހަމަކަމާއެކު ނިންމަވައިދެއްވި ކަމަށްޓަކައި ހިތުގެ އަޑިން ޝުކުރު އަދާކުރަން.” ލަވައިގެ ވީޑިއޯ އެޑިޓިން ހެދި ގޮޅާ އައްޔަ އާއި ލަވައިގެ މިއުޒިކް އަދި އޯޑިއޯ މަސައްކަތް ނިންމައިދިން ސޮބާގެ މަސައްކަތް ފާހަގަކުރަމުން ޖާދު ބުންޏެވެ.

“ޖުމްލަކޮށް އެހާރާއި މިހާރުގެ ފިލްމީ ތަރިންނާއި، ލަވަކިޔުއްވައިދެއްވާފައިވާ 06 ލަވަކިޔުންތެރިންނަށް ހިތުގެ އުމުގުން ޝުކުރު އަދާކުރަން. ނިންމާލުމުގެ ކުރިން މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ފުރިހަމަ ކޮށްދެއްވުމުގައި އެންމެ ގާތުން ދެގޮތެއް ނުވެ އެހީތެރިވެދެއްވި ސިސްޓަރ (ނިޢުމާ)، ފާތުމަތު ނަހުލާ، މުހައްމާ، ސައީދު އަދި މޯޑެކްސް އަށް ޚާއްޞަ ޝުކުރެއް އަދާކުރަން. މި ފުރުޞަތުގައި މިނިވަން ދުވަހުގެ ތަހުނިޔާާ އަޅުގަނޑުގެ ނަމުގައި ލޮބިވެތި ހުރިހައި ފަރާތްތަކަށް އަރިސްކުރަން.”

މި ލަވައިން ފިލްމީ ދާއިރާގައި ކުރިން ހަރަކާާތްތެރިވި އެންމެ ވިޑާލި ތަރިން ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ލިލިޔަން، މަރްޔަމް ނިޝާ، ރީކޯ މޫސަ، ޝިރާނީ، ޝީރީންގެ އިތުރުން 80 ގެ އަހަރުތަކުގައި އުފެއްދި ފިލްމުތަކުން ފެނިފައިވާ ބައެއް މޫނުތައް ވެސް ފެނިގެންދެއެވެ.

ލަވަ ކިޔާފައިވަނީ ޙުސައިން ސޮބާ، ކޮމަންޑޫ އައްޔަ، ނާޝިދާ، ޝަހީދާ މުޙައްމަދު، ނިޝާ އަދި ޝާހީދާ ރިއްފަތު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.