މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ މުޙައްމަދު ރަޝީދު (ދަރާ)، ހަރަކާތެރިވާ ހިންދީ ވެބް ސީރީޒް “ޕްރީ ވެޑިން ހަނީމޫން”ގެ ޑަބިން ރާއްޖޭގައި ފަށައިފިއެވެ. ޑަބިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުނަރުވެރި ޑައިރެކްޓަރ މުޙައްމަދު ނިޔާޒް (ޓެޑްރީ)ގެ އެހީތެރިކަމާއެކުގައެވެ.

“ޕްރީ ވެޑިން ހަނީމޫން” އަކީ އިންޑިޔާގެ ދިއްލީގައި ހިންގަމުން އަންނަ ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ އާއި ރަޝީދުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް “ދަރާ ޕްރޮޑަކްޝަން” އާއި ގުޅިގެން ރާއްޖޭގައި ޝޫޓްކޮށްފައިވާ ހަ އެޕިސޯޑްގެ ޑްރާމާ ސީރީޒެއް ކަމަށް މުނިއަވަސް އަށް ދަރާ މަޢުލޫމާތު ދީފައިވެއެވެ.

އިންޑިޔާގެ ޕްރޮޑަކްޝަން ހައުސްތަކަކާއި ގުޅިގެން ފިލްމާއި ވީޑިއޯ ލަވަ އުފެއްދުމުގެ މަސައްކަތްތަކެއް ފަށާފައިވާ ރަޝީދު ބުނީ މި ސީރީޒްގެ ޑައިރެކްޓްކުރަނީ ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ގެ ޑައިރެކްޓަރ ހަރްޝް އާނަންދު އެވެ.

މި ސީރީޒް ކެމެރާކޮށްފައި ވަނީ ރާއްޖޭގެ ޒުވާން ކެމެރާމަނެކެވެ. މި ވެބް ސީރީޒް ޝޫޓްކުރި ‘ލައިޓްސް އައުޓް’ގެ ސަމާހް އިބްރާހިމް އެވެ.

އިންޑިޔާ ތަރިން ހަރަކާތްތެރިވާ މި ސީރީޒްގެ ކާސްޓްގައި ހިމެނޭ ހަމައެކަނި ދިވެހި ސްޓާރަކީ ރަޝީދެވެ. މުނިއަވަސް އަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާ ނަމަ މިއީ ހިންދީ ވެބް ސީރީޒެއްގައި ދިވެހި އެކްޓަރެއް މިހައި ބޮޑު ރޯލެއް ކުޅެ، ފެނިގެންދާ ފުރަތަމަ މަސައްކަތެވެ.

“ހަރްސް ބޭނުންވީ މަވެސް ރޯލެއް ކުޅެން. އެހެން ނަމަވެސް އަހަންނަށް ތަންކޮޅެއް ކުޑަ ރޯލެއް ދިނުމަށް ރިކޮމެންޑްކުރިން. އެހެން ނަމަވެސް މަށަށް އިނީ ވަރަށް ބޮޑު މޭޖާ ރޯލެއް.” ރަޝީދު ބުނީ ހިންދީ އެއްޗެއް ކުޅެން ޖެހުމުން ތަންކޮޅެއް އުނދަގޫވެސް ވިކަމަށެވެ. އެހެން ނަމަވެސް ރަޝީދު ކުޅުނު ބަޔާމެދު ޑައިރެކްޓަރު ހުރީ ހިތްހަމަޖެހިފައި ކަންވެސް ރަޝީދު ފާހަގަކުރިއެވެ.

“ޕްރީ ވެޑިން ހަނީމޫން” އަކީ އިންޑިޔާގެ އޯޑިއަންސްއަށް ޓާަގެޓް ކޮށްގެން ހަދާ ވެބް ސީރީޒެެކެވެ. މި ސީރީޒް ދެެއްކުމަށް ‘ޒީ ފައިވް’ ޗެނަލްއާ މަޝްވަރާ ކުރެވެމުން ދާކަމަށާއި އެތަނުން ނުދެއްކިއްޖެ ނަމަ ‘ސެންސޭޝަން މީޑިއާ’ގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ރިލީޒްކޮށްފާނެ ކަމަށް ރަޝީދު ބުންޏެވެ. އެ ޔޫޓިއުބް ޗެނަލަކީ 15 މިލިޔަނަށްވުރެން ގިނަ ފޮލޯވަރސް އުޅޭ ޗެނަލެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.