މިއީ އެތައް ބަޔަކު ދައްކާ ވާހަކައެކެވެ. ދެމަފިރިން ނުވަތަ ރައްޓެހިވެގެން އުޅޭ ދެމީހުންގެ ޒާތީ ދިރިއުޅުމުގެ ފޮޓޯތަކާއި އިވެންޓްތައް ފޭސްބްކްގައި އާއްމުކުރަނީ އެމީހުންގެ ގުޅުން ރަނގަޅުކަމުން ހެއްޔެވެ؟ ނުވަތަ އެ ގުޅުން ގޯސްވެފައިވާތީ މަތިއަޅަން ހެއްޔެވެ؟

ޒަމާނެއް ދިޔައެވެ. އަހަރުމެން ކުރާ ކޮންމެ ކަމެއް، ނުވެސް ދަންނަ އެތަކެއް ބަޔަކާ ހިއްސާކޮށް އެމީހުން ދެކޭ ގޮތް ބަލަން ބޭނުން ނުވި ޒަމާނެކެވެ. އަހަރުމެންގެ ކާބަފައިން އެމީހުންގެ ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއް އުފާފާގަތިކަމުގައި ހޭދަކުރީ މި ދެންނެވި ގޮތަށް އެމީހުންގެ ގުޅުން އިޝްތިހާރު ނުކޮށެވެ. އެންމެ ބޮޑު ވަރަކަށްވެސް ދެމަފިރިން އެކުގައި ނަގާފައިވާ ފޮޓޯއެއް ގޭގެ ބޮޑުކޮޓަރީގެ ފާރެއްގައި ފްރޭމްކޮށްފައި ބަހައްޓަފާނެއެވެ. އެވަރުން އެމީހުންނަށް ފުދެއެވެ. ދެމީހުންގެ ޚާއްޞަ ގުޅުމުގެ ޚާއްޞަކަމުގެ އުފާ ލިބިގަނެއެވެ. ނަމަވެސް މިއަދު މިއޮތީ ޒަމާން ބަދަލުވެފައެވެ. ކަންކަން ބަދަލުވެފައެވެ.

މިއަދު މީސްމީޑިއާ ވެފައި މިވަނީ ހަމަ އެކަނި ‘ވަރޗުއަލް ދުނިޔެއެއް’ގެ ގޮތުގައި އެކަންޏެއް ނޫނެވެ. އެއީ މިއަދު އަހަރުމެންގެ ދިރިއުޅުމުގެ ބައެކެވެ. ފޭސްބްކް، އިންްސްޓަގްރާމް، ޓްވިޓަރ، ވަޓްސްއެޕް ނުވަތަ މީސްމީޑިއާގެ ކޮންމެވެސް އެހެން މަންސައެއްގެ ރިކްއެސްޓެއް އެކްސެޕްޓްކޮށްލަން ނުޖެހޭ ދުވަހެއް މަދުވާނެއެވެ. މިއަދު ލޯބިވެރިންގެ ލޯބީގެ ބަގީޗާއަކީ ވެސް ފޭސްބްކް ނުވަތަ އެހެންވެސް މީސްމީޑިއާގެ ވަސީލަތެއް ކަމުގައި ވެއްޖެއެވެ. ލޯބީގެ ފޮންޏާއި ހިތިކަންވެސް ހާމަކޮށްލަނީ ފޭސްބްކްގައެވެ.

މިއަދު އަހަރުމެންގެ ތެރެއިން ގިނަ މީހުން، އެމީހުން، މީހެއް ދެކެ ލޯބިވާކަން ހާމަކޮށްލަންވެސް ބޭނުންކުރަނީ މީސް މީޑިއާގެ މަންސައެކެވެ. ދެމަފިރިން، އެކަކު އަނެކަކު ދެކެ ވާ ލޯބިވެސް ހާމަކޮށްލަނީ މިދެންނެވި ފަދަ މަންސައެއްގަ އެވެ. ނަމަވެސް، ސުވާލަކީ އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތް ބާވައެވެ؟

ލޯބިވާ މީހާދެކެ ވާ ލޯބި، މުޅި ދުނިޔެއަށް އަންގަން ޖެހޭ ހެއްޔެވެ؟ ލޯބިވާގެ ކައިރީގައި ބުނެލުމުން ނުފުދެނީ ހެއްޔެވެ؟

ދިރާސާއަކުން ދައްކާ ހެއްކެއް ބުނަން ހެއްޔެވެ. ތާ އަބަދު މީސްމީޑިއާގައި ޕޯސްޓްތައް ޖަހާ މީހުންނަނީ ޑިޕްރެޝަން އާއި އިޖްތިމާޢީ ހާސްކަމެއްގެ ތެރޭގައި ގައިދުވެފައި ތިބޭ މީހުންނެވެ.

އަހަރެމެންގެ ދިރިއުޅުމަކީ ފިލްމެއް ނޫނެވެ. އަހަރުމެން ކުރާހާ ކަމެއް ފޭސްބްކްގައި އާއްމުކޮށް، އެތަކެއް ބީރައްޓެހިންނާއި އަދި ރައްޓެހިންނާއި ހިއްސާކުރާކަށް ނުޖެހެއެވެ. ދިރާސާއަކުން ދައްކާ އެހެން ހަގީގަތެއް ތިލަކޮށްލާނަމެވެ. އުފާވެރި ދިރިއުޅުމެއް ވޭތިކުރަމުން އަންނަ ‘ޖޯޑަކަށް’ އެމީހުންގެ ދިރިއުޅުމުގެ ކަންކަން މީސްމީޑިއާގައި ހިއްސާކުރުމަކީ އެއްވެސް މުހިންމި ކަމެއް ނޫނެވެ. އެމީހުން ދެކެނީ އެއީ ކުރުން ބޭކާރު ކަމެއްގެ ގޮތުގައެވެ. އެފަދަ ޖޯޑެއް އަބަދުވެސް މަސައްކަތް ކުރާނީ ދެމީހުން އެކުގައި ހޭދަކުރާ ވަގުތު އިތުރުތުކޮށް، ދެމީހުންގެ ލޯބި ވަރުގަދަ ކުރުމަށެވެ.

މީސްމީޑިއާގައި ވަރަށް ލޯބިން އުޅޭ ޖޯޑެއްގެ އާއްމު ހާލަތަކީ، އަސްލު ދިރިއުޅުމުގައި އެމީހުން ތިބޭނީ އަބަދު ރުޅިމޫނު ހަދާފައެވެ. އަބަދުވެސް ތިބޭނީ ޒުވާބެއްގައެވެ. އެހެން ދިރާސާއެއްގައި ބުނަނީ އޮފްލައިންކޮށް ހޭދަކުރާ ޖޯޑެއް ނަމަ، އެމީހުންގެ ދިރިއުޅުން މާ ބޮޑަށްވެސް ބާއްޖަވެރިވާނެވެ. އުޅޭނީ ނިކަން ލޯބިންނެވެ. ދެމީހުން ތިބޭނީ އެކަކު އަނެކަކަށްޓަކައި ޖާނުފިދާވާން ތައްޔާރަށެވެ.

ކުރުކޮށް ދަންނަވާނަމަ، ދެންނެވެން އޮތީ، ދެމަފިރިން ނުވަތަ ރައްޓެހިވެގެން އުޅޭ ދެމީހެއް ދުވަސްތައް ވޭތިކުރަމުން އަންނަނީ ލޯބިންނަމަ، މީސްމީޑިއާގައި އެކަން ހާމައެއް ނުކުރާނެއެވެ. މީސްމީޑިއާގައި އެފަދަ ކަންކަން އިޝްތިހާރު ކުރަނީ ނެތްކަމެއް ދެއްކުމަށެވެ. ވިސްނޭ ބަޔަކަށް މިވަރުން އެނގޭނެއެވެ.

ލިޔުމުގެ އަސްލު މަސްދަރު: ޑެއިލީހެލްޓުޕޯސްޓް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.