މީރު ފޮނިކާ އެއްޗެއް ކާ ހިތްވެގެން އޭގެ ރެސިޕީއެއް ހޯދަން ފޭސްބުކް ހާވާލީމެވެ. އަހަރެންގެ ރާޑަރަށް “ފޮނިކާތަކެތި” އެރީ މި “ސާރޗް” ގައެވެ. ތަފާތު ލެމަން ކޭކާ ބްރައުނީސްއެވެ. މީރު ކުކީ ތަކެވެ. އެކި ކަހަލަ ބްރެޑްތަކެވެ. ފޮޓޯތައް ފެނި ކުޅު ދިޔާވިއެވެ.
https://www.facebook.com/foni.kaathakethi/
ޕޮނިކާތަކެތި އެފްބީ ޕޭޖް އަދި އިންސްޓަގްރާމް ޕްރޮފައިލް ބަލާލުމުން ރަހަބަލާ ނުލާ ކެތްވާ ވަރެއް ނުވެއެވެ.
ފަރީހާ އާއި ރިޝްމާގެ ފޮނިކާތަކެތީގެ ބަދިގެއަށް އަހަރެންވަނީ ހަމަ ކެތްނުވެގެންނެވެ. ފޮނިކާ ތަކެތި ކާން ފޯރި ހުންނަ މީހުންނަށް އަގު ހެޔޮކޮށް ތަފާތު ރަހަތަކެއް ފޯރުކޮށްދޭން ފެށި މަސައްކަތް ވަރަށް ކާމިޔާބު ކަމާއެކު ކަސްޓަމަރުން ބަލައިގަނެފިއެވެ.

“އަބަދުވެސް އެކި ކަހަލަ ފޮނި ކާއެއްޗެހި ޓްރައި ކުރަން ބޭނުންވޭ. ދެން ބައެއް އެއްޗެހި ގޭގަ ކާންވެސް ހަދަން.. ދެން ޕެންޑަމިކްގަ ގިނަވަގުތު ގޭގަ ހުންނަން ލިބުނީމަ އެވަގުތުތަކުގެ ބޭނުން ހިފަން މިކަން ފެށީ” ފޮނިކާތަކެތި މީރު ކަމާއެކު ފޯރުކޮށްދެމުން އަންނަ ފަރީ އާއި ރިޝް މުނިއަވަސްއަށް ބުންޏެވެ.

ދިވެހިންގެ ކެއުމުގެ ވައްޓަފާޅިއާއި “ޓޭސްޓް” ހުންނަ ގޮތުން ގިނަ ދިވެހިންނަށް ކަމުދަނީ ބޮޑަށް ޗޮކުލެޓާއި ވެނީލާ އަދި ބަޓަރ ފްލޭވާތައް ކަމަށް ވާތީ ފޮނިކާތަކެތި ބަދިގެއިން އަދި ފޯކަަސް ކުރަނީ އެ ބާވަތްތަކަށް ކަމަށްވެސް ރިޝްއާއި ފަރީ ބުންޏެވެ. އެހެންނަމަވެސް އެހެން ފްލޭވާތައްވެސް ޓްރައި ކުރަން ބޭނުންވާކަމަށް “ފޮނިކާތަކެތި” އިން ބުނެއެވެ.

މީރު ފޮނިކާ އެއްޗެއް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށް ދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ރިޝްއާއި ފަރީ ބުނީ މިދުވަސްކޮޅު އެންމެ އުނދަގޫ ކަމަކަށްވަނީ ބޭނުންވާ ބްރޭންޑްތަކުގެ އެއްޗެހި ހޯދަންކަމަށާއި މޭވާގެ ބާވަތްތައް ހޯދަންކަމަށެވެ.
ތަފާތު ވެރައިޓީތަކުގެ ފޮނިކާ އެއްޗެހި އަތްފޯރާ އަގެއްގައި ތައާރަފް ކޮށް، ކޮލިޓީ ރަނގަޅު މީރު ފޮނިއެއްޗެއް ކަސްޓަމަރުންނަށް ދާއިމީ ގޮތެއްގައި ފޯރުކޮށްދިނުމުގެ “ގޯލް” އާއެކު ފޮނިކާތަކެތި ކުރިއަށް ދަނީ އާއިލާގެ ފުރިހަމަ ސަޕޯޓާއި އެއްބާރުލުމާއެކުގައެވެ. މިގޮތުން އޯޑަރުތައް ޑެލިވަރކުރުމާއި އެއްޗެހި ތައްޔާރުކުރަން ބޭނުންވާ އެއްޗެހި ގަނެދިނުމަކީ ގޭ އެންމެންގެ ފަަރާތުން ފުރިހަމައަށް ލިބޭ އެހީތެރިކަން ކަމުގައި ރިޝްއާއި ފަރީ ފާހަގަ ކުރިއެވެ.

“ކަސްޓަމަރުންގެ ފަރާތުން އަސްލު އެންމެ ބޮޑަށް ބޭނުންވަނީ ތެދުވެރި ފީޑްބެކް. ބައެއް ފަހަރު ކަސްޓަމަރުން އެބަ ތިބޭ އެއްވެސް ފީޑް ބެކެއް ނުދީ. ޕޮޒިޓިވް ވިޔަސް ނެގެޓިވް ވިޔަސް ފީޑްބެކެއް ދޭށޭ. އޭރުން އިތުރަށް ރަނގަޅު ކުރަށް ފަސޭހަވާނެ. މިކަން ކުރިއަށް ގެންދަން އެބަ ބޭނުންވޭ ކަސްޓަމަރުންގެ ފީޑްބެކް.” ފޮނިކާތަކެތީގެ ލޮބުވެތި ކަސްޓަމަރުންނަށް ރިޝްއާއި ފަރީ ދޭން ބޭނުންވި މެސެޖަކީ ކޮބައިތޯ މުނިއަވަސް އިން އެހުމުން ރިޝްއާއި ފަރީ ބުންޏެވެ.

މުނިއަވަސް އިން އެދެނީ ފޮނިކާތަކެތީގެ މީރު، އާ ވެރައިޓީތައް ކަސްޓަމަރުންގެ ފަަރާތުން ފުރިހަމައަށް ބަލައިގަތުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.