އިސްމާއީލް މުލްހަމް އާޒިމް (8އ) އެއްގަޑިއިރާއި ތިރީސް މިނިޓްގެ ޕްލޭންކެއް ހަދައި އެންމެން ހައިރާންކޮށްލައިފިއެވެ. މުލްހަމްގެ މި އާދަޔާ ޚިލާފު ހިތްވަރުގެ ވާހަކަ މުލްހަމްގެ މަންމަ މުނިއަވަސްއާއި ހިއްސާކުރަމުން ބުނި ގޮތުގައި މުލްހަމް އޭނާގެ ދައްތަ (15އ) 3-4 މިނިޓް އަދި ދޮންބެ(13އ) 5 މިނިޓްގެ ޕްލޭންކްއާއި ވާދަކޮށް 10 މިނިޓްގެ ޕްލޭންކަކުން ކުރި ހޯދި ކަމަށެވެ. އަދި ދުވަސްކޮޅެއްގެ ބްރޭކަަކަށްފަހު ހަދަން އުޅެ ނުހެދުމުން އަނެއްކާވެސް މަސައްކަތްކޮށް 15 މިނިޓްގެ ޕްލޭންކެއް ހެދި ކަމަށެވެ.
“15 މިނިޓްގެ ޕްލޭންކަށްފަހު 4 ފަހަރެއްގެ މަތިން ޓްރައި ކުރި.. މިއިން ކޮންމެ ފަހަރަކުވެސް 5 މިނިޓް އިތުރަށް ހިފަހައްޓާލެވޭ.. ދެން އެންމެ ފަހުން ރޭގަ އެއްގަޑިއިރާއި ތިރީސް މިނިޓް ހިފަހައްޓާލި.. އަޅުގަނޑު ބުނިން އެހާ ގިނައިރު ނުޖައްސާށޭ އެކަމަކު މުލްހަމް ބޭނުންވީ ޓްރައި ކުރަން.. އެހެންކިޔާފަ ފުރަތަމަވެސް 1:30 މިނިޓަށް ގަޑިވެސް ޖެއްސީ..”
މުލްހަމްގެ މަންމަ މަރިޔަމް ސައީދު ބުންޏެވެ.
މުލްހަމްގެ މި އާދަޔާ ޚިލާފު ހުނަރު މީސް މީޑިއާއަށް އަދާހަމަ ކުރުމާއެކު އޮލިމްޕިކް ކޮމިޓީގެ ފަރާތުން މުލްހަމްއާއި ބައްދަލުކުރުމަށް ހުށަހަޅާފައިވާކަމަށް މަރިޔަމް ބުންޏެވެ. ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފުވެސް މުލްހަމްގެ މި ކާމިޔާބީއަށް މަރުޙަބާ ދަންނަވާ މުލްހަމްއާއި ބައްދަލުކުރުމަށް އެދިފައިވާކަމަށް މުލްހަމްގެ މަންމަ ބުންޏެވެ.
މި ކާމިޔާބީއާއިއެކު މުލްހަމްވެސް ހުރީ ވަރަށް އުފަލުންނެވެ.
“ވަރަށް އުފާވި.. ބޭނުންވަނީ 9 އަހަރު ވުމުގެ ކުރިން ކުޑަކުދިންގެ ޕްލޭންކްސް ދުނިޔޭގެ ރެކޯޑް ހޯދަން..”
މުނިއަވަސްއަށް މަޢުލޫމާތު ދެމުން މުލްހަމް ބުންޏެވެ.
މުލްހަމްގެ މި ކާމިޔާބުގެ ފަހަތުގައިވަނީ މުލްހަމްގެ އާއިލާއެވެ. މުލްހަމްގެ މަންމަ ބުނިގޮތުގައި ޕްލޭންކް ކުރިއަށް ދިޔަ ވަގުތުގައިވެސް ޖޫސް ދީ ކައިރިން ދުރަށް ނުގޮސް ހުރިހާ ކުދިންވެސް ތިބި ކަމަށެވެ. އަދި ކޮންމެ ފަހަރަކުވެސް ސެޓްފިކެޓް ހަދާފައި ދޭކަމަށެވެ.
“އެއީ މުލްހަމްގެ ސަޕޯޓިންގް ޓީމް.. ނިންމާލާފަ އެންމެ ފުރަތަމަވެސް ސަޕޯޓިންގ ޓީމަށް ޝުކުރު އަދާކުރީ..”
މަރިޔަމް ބުންޏެވެ.
އިމާދުއްދީން ސްކޫލްގެ ގްރޭޑް 3ގައި ކިޔަވަމުން އަންނަ މުލްހަމްއާއި ބެހޭގޮތުން އޭނާގެ މަންމަ މަރިޔަމް ބުނީ މުލްހަމްއަކީ ބޭނުންވާ ކަމެއް ހާސިލްކުރުމަށް ވަރަށް މަސައްކަތްކުރާ ކުއްޖެއް ކަމަށެވެ.
“ވަރަށް އުފާވެއްޖެ މިފަދަ ކާމިޔާބީއެއް ހޯދީމަ.. އެހާ ފަސޭހައިން ދޫދޭ ކުއްޖެއް ނޫން މުލްހަމްއަކީ.. މުލްހަމްގެ އަމާޒަކީ ކުރިމަގުގައި ޤައުމަށް ޚިދުމަތްކުރަން އޭނާގެ ބައްޕަހެން ސިފައިންގެއަށް ވަންނަން.”
މަރިޔަމް ކިޔައިދިނެވެ.
މުލްހަމްއަކީ އާދަޔާ ޚިލާފު ހުނަރުވެރި ހިތްވަރުގަދަ ކުއްޖެކެވެ. ޤުރުއާން ހިފުޛުކުރުމާއި ފެތުމަކީވެސް މުލްހަމް ވަރަށް ކުރާހިތުން ކުރާ ކަމެކެވެ. މުނިއަވަސްގެ ފަރާތުން މުލްހަމަށް އިތުރު ކާމިޔާބީ އެދެމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޮކްޓޯބަރ 2023ޚަބަރުއަންހެން ޑިވިޝަންގެ ޗެމްޕިއަންސްކަން ޗަޑްސްއަށް
- 21 އޮކްޓޯބަރ 2023ޚަބަރުފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޗެލެންޖާރސްއަށް
- 19 އޮކްޓޯބަރ 2023ޚަބަރުފައިނަލްގައި ޗެލެންޖާސް އަދި ރޯޔަލް ފްރެންޑްސް
- 18 އޮކްޓޯބަރ 2023ޚަބަރުޑްރެގަންސް ބަލިކޮށް ޗަޑްސް އިން ފައިނަލަށް