މިއަދަކީ ދުނިޔޭގެ ތާރީޚް ބަދަލުކޮށްލި ކާރިސާއެއް ކަމަށްވާ ހިރޯޝިމާއަށް އެޓޮމިކް ބޮން އެޅިތާ 75 އަހަރު ފުރުނު ދުވަހެވެ. މި ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުގެ ރައްޔިތުން ހިތާމައިގެ ސުކޫތެއް ގެނައެވެ. އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ހިރޯޝިމާއަށް ބޮންއެޅީ 6 އޯގަސްޓް 1945 ގައެވެ. ވަގުތުން މަރުވި މީހުންނާއެކު، އެއަހަރުގެ ނިޔަލަށް 140،000 އެއްހައި މީހުން މަރުވިއެވެ.

އެ ކާރިސާއިން ސަލާމަތްވި މީހަކު ބުންޏެވެ. “އެދުވަސް ހަނދާންކޮށްލާއިރު އަހަންނަށް ބުނެވެން އޮތީ އެއީ ލާއިންސާނީ އަނިޔާވެރި އަމަލެކޭ. އެފަދަ ކަމެއް ދެން ހިނގައިގެން ނުވާނެއޭ.”

ރަސްމިއްޔާތަށް ގޮސްހުރި،ފަންސާހުގެ އަހަރުތައް ގުނަމުންދާ މީހަކު ބުންޏެވެ. “އަހަރެންގެ މައިންބަފައިންނަކީ އެ ކާރިސާއިން ސަލާމަތްވި ބައެއް. މިތަނަށް މިއައީ އެ ކާރިސާގައި މަރުވި މީހުންގެ މަތިން އަހަރެން ދުވަހަކުވެސް ހަނދާން ނައްތާނުލާނެ ވާހަކަ ބުނަން. ނިއުކްލިއަރ ހަތިޔާރު މަނާކުރަން އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ނަމަވެސް.”

ހިރޯޝިމާ ޕީސް މެމޯރިއަލްގައި ބޭއްވި މި ރަސްމިއްޔާތަށް 800 އެއްހައި މީހުން ހާޒިރުވިއެވެ. އޭގެ ތެރޭގައި މިކަމުން ސަލާމަތްވި މީހުންވެސް ހިމެނެއެވެ. އެމީހުންގެ އެވްރެޖް އުމުރަކީ 83 އަހަރެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވާން އެކި ގައުމުތަކުން އައި މަންދޫބުންގެ އަދަދު 80 އަށް އަރައެވެ. އެހެން އަހަރު ތަކަށްވުރެ މިއަހަރު މި ރަސްމިއްޔާތުގައި ބައިވެރިވެވޭ މީހުންގެ އަދަދު ދިހަބައިކުޅަ އެއްބަޔަށް މަދުކޮށްފައިވަނީ ކޮވިޑް19އާ ގުޅިގެންނެވެ.

އެ ކާރިސާގައި ލިބުނު ގެއްލުންތަކުގައި މި ވޭތުވެދިޔަ އަހަރުދުވަހު މަރުވި 4،943 މީހުންވެސް ހިމަނައިގެން، ޖުމްލަ 324،129 މީހުންގެ ނަން ލިޔެފައިވާ ލިސްޓެއް، އެކަމަށް ޓަކައި ހަދާފައިވާ ދަނާވަތީގައި، ހިރޯޝިމާގެ މޭޔަރ މަޓްސުއި ކަޒޫމީ ބޭއްވިއެވެ.

މިއަދުގެ 8:15 ގައި ހިރޯޝިމާ ސިޓީ ހަމަހިމޭން ކަމުގެ ސުކޫތަކަށް ދިޔައެވެ. މިގަޑިޔަކީ ބޮންއެޅި ގަޑިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.