“ކައިވެނީގެ އަމާޒު” މި ލަވައަކީ ދިވެހި ލަވަތަކުގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ހިތްގައިމު ރީތި ލަވައެކެވެ. އަބަދަށް ފެހި މި ލަވަ ކިޔާފައިވަނީ ދިވެހި އަމިއްލަ ރާގަކަށެވެ.
ލަވައިގެ ޅެން ހައްދާފައިވަނީ ދިވެހި އަދަބީ ޗަމަނުގެ ޑޭޒީމާ އާމިނަތު ފާއިޒާއެވެ. ފާއިޒާގެ ބޭފުޅެއް ކަމަށްވާ މުހައްމަދު ހިލްމީ ސްކްރީންޕްލޭ ލިޔުއްވި ފިލްމު “ހާލި”ގައި “ކައިވެނީގެ އަމާޒު” ހިމެނުން ވެގެންދިޔައީ މި ޅެމަށް އިތުރު ދިރުމެއް ލިބިގެންދިޔަ ކަމަކަށެވެ.
ފިލްމު “ހާލި” ޑައިރެކްޓް ކުރެއްވީ ހުސައިން ޝިހާބެވެ. ފިލްމަށް ލަވަ ވިދަޅުވީވެސް ހުސައިން ޝިހާބް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މި ލަވައާއި މެދު ގިނަ ބަޔަކަށް އަރާފައިވާ އޮޅުންތަކެއް ނިއުޅުވައިލެވޭތޯ މަސައްކަތްކޮށްލީމެވެ.
“ކައިވެނީގެ އަމާޒު” ލަވައިގެ ހިތްގައިމު ރާގު ހެއްދެވީ ދިވެހި އަމިއްލަ ރާގު ހެއްދެވުމަށް ދެވެނައެއް ނެތް، މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުލް ހަންނާން މޫސާދީދީއެވެ. އެހެންކަމުން މި ލަަވައިގެ ވާހަކަތައް ހޯދައިލުމަށް ލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ހަންނާން އާ މުނިއަވަސް އިން ވާހަކަދައްކައިލީމެވެ.
“އެއީ އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅުގަ، އޭރުގަ ހަދާ ދިވެހި ފިލްމުތަކުގަ ހަމަ މުޅިންހެން ބޭނުންކުރާނީ އަމިއްލަ ރާގު. ދެންް އެގޮތުން އޭރުގަ ނަޒާކީ ފިލްމްސް ކިޔާ ފިލްމު ކޮމްޕެނީއެއް އުފައްދައިގެން ޑޭޒީމާގެ ހިލްމީއާ ނަޒާކީ ޒަކީއާ ދެބޭފުޅުން އަޅުގަނޑާ އެގްރީމެންޓެއް ކޮށްގެން އެ ފިލްމުގެ ރާގުތައް ހަދައިދޭން އެދިލެއްވީމާ މީ ނަޒާކީ ފިލްމްސް ފަރާތުން ތައްޔާރުކުރި “ހާލި” ކިޔާ ފިލްމަކަށް ހެދި 04 ރާގުގެ ތެރެއިން އެއް ރާގު އެއީ.” ކައިވެނީގެ އަމާޒު ރާގު އުފެއްދިގޮތް މުނިއަވަސް އަށް ކިޔައިދެއްވަމުން ހަންނާނު ހާމަކުރެއްވިއެވެ.
“މި ލަވައިގެ ޅެން ހައްދަވާފައި މިވަނީ ޑޭޒީމާގެ ފާއިޒާ، މި ލަވަ ހިއްޕަވައިގެން އަޅުގަނޑާ ހަމައަށް ވަޑައިގެންނެވީ ނަޒާކީ ޒަކީއާ ހިލްމީއާ. ދެން އަޅުގަނޑު މި ޅެން ބަލައިލިއިރުގަ ޅެން ވަރަށް ބޮޑު، ފުދޭވަރަކަށް ދިގު ތިން ކަޑި އެބަ އިނދޭ. އެހެންވީމަ އަޅުގަނޑު ތިން ކަޑި ތަފާތުކޮށްލާފަ ލަވަ ހެދީ. (ލަވައަށް ރާގު ހެދީ.)”
“ހަދާފަ ފުރަތަމަ ރެކޯޑިން ހެދީ (ލަވަ ކިޔީ) އަޅުގަނޑު. އެހެން ނަމަވެސް ލަވަ ފޮހެލަން ޖެހުނީ އެއީ އަޅުގަނޑަކީ ސަރުކާރު ބޭންޑުގެ މުވައްޒަފަކަށް ވާތީ، އެއީ މަނާކަމެއް ކަމަށް އެންގެވީމަ. ދެން އެ ރެކޯޑިން ފޮހެލާފަ އެހެންނަމަވެސް އަޅުގަނޑު ފިލްމު ހަދާފަރާތަށް ކޮންމެ ގޮތެއް ވިޔަސް ދޭން ޖެހޭތީ އަޅުގަނޑު ޢަބްދުއް ރަޢޫފް ކައިރީ އެދިގެން ޢަބްދުއް ރަޢޫފް ގެނެސްގެން ޢަބްދުއް ރަޢޫފް ލައްވާ އެ ލަވަ ކިޔުއްވީ، ޢަބްދުއް ރަޢޫފް ބުނި ތިމަންނައަށް ނުވެސް ކިޔޭނޭ. އަޅުގަނޑު ބުނީ ނޫނޭ ނޫނޭ މަސައްކަތްކުރީމަ ކިޔޭނޭ ހިނގާށޭ ކިޔަން. ކިޔާފަ ގެނެސް އެ ރެކޯޑިން ހެދީ. އެއީ ޢަބްދުއް ރަޢޫފްގެ ފުރަތަމަ ރެކޯޑިން. އެހެން ނަމަވެސް މިހާރު މި އޮންނަ ގޮތަށް ސޯޝަލް މީޑިއާގެ ކަންތައްތައް މިހެން ނޯންނާތީ ވާގޮތަކީ އެ ލަވަ އިވެނީ ޢަބްދުއް ރަޢޫފްގެ އަޑުން، ޢަބްދުއް ރަޢޫފްގެ ނަން ޖަހާފަ. އެހެންވީމަ ގިނަ ބަޔަކަށް ހީވެފަ އޮންނަނީ އެއީ ޢަބްދު ރަޢޫފްގެ އަމިއްލަ ރާގެކޭ. އެހެން ނަމަވެސް ޢަބްދުއް ރަޢޫފް މިވާހަކަ ވަރަށް ތަފްސީލުކޮށް ‘ގޯ ޕްލަސް’ގެ ޕްރޮގްރާމެއްގަވެސް ކިޔާދީފަ އެބަވޭ. އެއީ ޢަބްދުއް ރަޢޫފް ފުރަތަމަ ހެދި ރެކޯޑިން. އަޅުގަނޑުގެ އަމިއްލަ ރާގު.” ލަވައިގެ ރާގައި ރެކޯޑިން ހެދިގޮތް ހަންނާން ވަރަށް ތަފުސީލުކޮށް ކިޔައިދެއްވިއެވެ.
ކައިވެނީގެ އަމާޒުމަކުގައި ވާ ހަގީގަތަކީ ކޮބާ *2
ރާވަމުންދާ ރޭވުމަށް އެއަރާ ބުރޫތަކަކީ ކޮބާ
ރާވަމުންދާ ގޮތްތަކުން އެނގިދާ އެނގުންތަކަކީ ކޮބާ
ދާވަމުންދާ ސާފު ހިތަކަށް ވާނެ ގޮތަކީ ވެސް ކޮބާ
ކައިވެނީގެ އަމާޒުމަކުގައި ވާ ހަގީގަތަކީ ކޮބާ
ލޯބި ދެހިތެއް ގުޅުވުމުން ފުރަތަމަ ހިފޭނެ އަމާޒަކީ *2
ލޯބިވެތި ކައިވެންޏެކޭ މީކަން ހިނގާ ގާނޫނަކީ
ލޯބިވެތި އުންމީދުތައް އެހިނދުން ލިބެން ވެސް ފެށުމަކީ
ލޯބިވެތިކަން ރަމްޒުކޮށްދޭ ސިއްރަކީ އެހެނަސް ކޮބާ
ކައިވެނީގެ އަމާޒުމަކުގައި ވާ ހަގީގަތަކީ ކޮބާ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 23 ނޮވެމްބަރ 2024ޚަބަރުޓިކްޓޮކް ރީިތި އަޑު ޝާފީ ކާމިޔާބުކޮށްފި
- 15 ނޮވެމްބަރ 2024ޚަބަރު“ބިބީ” ސްޕެއިން އަށް!
- 15 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” 20 ނޮވެމްބަރުގައި އެޅުވުން ކެންސަލެއް ނުވޭ!
- 13 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ޕްރިމިއާއަށް ނަގާފައިވާ އޮލިމްޕަސް ހޯލު އެންސީއޭ އިން އަތުލައިފި