ގައިދުރުކޮށްގެން ސަފުހަދައިގެން ނަމާދު ކުރަން ޖެހޭ އެއްވެސް ސަބަބެއް ރާއްޖޭގައި ނެތްކަމަށާއި އެކަމުގެ ސަބަބުތައް ޑރ. އިޔާޒް ޢަބްދުއްލަޠީފް ވަރަށް ތަފުސީލުކޮށް ހާމަކުރައްވައިފިއެވެ. ޑރ. އިޔާޒް ހިންގަވާ އިސްލާމިކް ނޮލޮޖް ވައިބަރ ކޮމިއުނިޓީގައި މިކަމުގެ ފުރިހަމަ ތަފުސީލެއް ދެއްވާފައިވެއެވެ.

“ގައި ދުރުކޮށް ނަމާދު ކުރުމުގެ މައްސަލައިގައި (ތިޔަ އިމާމުންނަށް) އަދި ވެސް ތަކްރާރުކޮށް އަޅުގަނޑު ދަންނަވަން އޮތް ވާހަކަ އަކީ، ގައިދުރުކޮށްގެން ސަފުހަދައިގެން ނަމާދު ކުރަން ޖެހޭ އެއްވެސް ސަބަބެއް ރާއްޖޭގައި ނެތްކަމަށް، އަދި އެކަމުގެ ސަބަބުތައް ތިރީގައި ދަންނަވާލާނަން.

1. ނަމާދުގެ ސަފުތައް ގުޅިފައި (ގުޅޭނޭހެން) ބެހެއްޓުމަށާއި ޝައިޠާނާއަށް ޖާގަ ދޫކޮށްފައި ނުބެހެއްޓުމަށް މާތް ނަބިއްޔާ ﷺ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވޭ،
ޟަރޫރީ ޙާލަތުގައި ދުރުދުރުގައި ތިބެން ޖެހުނު ކަމުގައި ވީނަމަވެސް، އެ ޟަރޫރަތް ދިވެހިރާއްޖެއިން ފެންނަން ނެތް ކަން އަޅުގަނޑު ފާހަގަ ކުރަން.

2. އެއްވެސް ބަލިމަޑުކަމެއް ނެތް އިރުގައިވެސް ރާއްޖޭގައި (ޖަމާޢަތުގެ ނަމާދުގެ) ޞަފުތައް ތަރުތީބު ކުރުމުގައި އަދި ކައިރި ކައިރީގައި ތިބުމުގައި ގިނަގުނަ ދަތިތަކެއް ވަނީ ކުރިމަތިވެފައި.

މިފަހަރު މި ފުރުޞަތު ހުޅުވާލައިފިނަމަ އެއީ ދުވަހަކު ވެސް ބަންދު ނުކުރެވޭނެ ފިތުނައިގެ ދޮރަކަށް ވެދާނެ، އަބަދުވެސް ރޯގާ އެއް ނޫޅޭ ދުވަސްވަރެއް މި މުޖްތަމަޢުގައި ނޯންނާނެ.

މިހާރު މި ފުރްޞަތު ދެވިއްޖެނަމަ އެއީ ޙުއްޖަތެއް ކަމުގައި މީސްތަކުން އަބަދުވެސް ނަގާނެ.

3. ނަމާދު ކުރާއިރު ދުރުދުރުގައި ތިބެގެން ސަފު ހެދިނަމަވެސް ނަމާދަށް އަންނަނީ އެކަކު ފަހަތުގައި އަނެކަކު ސައިކަލް ގައި އިނދެގެން، ނޫންނަމަ ކައިރި ކައިރީގައި ތިބެގެން ހިނގާފައި.

ނަމާދުން ނިމިގެން މިސްކިތްކައިރީ ގައްޔާއި، އެނޫންވެސް ތަންތަނުގައި ވާހަކަ ދައްކަން ވެސް ތިބޭނީ ކައިރި ކައިރީގައި. ވީމާ ހަމައެކަނި ނަމާދުގައި ތިބޭ ވަގުތު އެއީ “ކޮރޯނާ” ގައިންގަޔަށް އަރާނެ ވަގުތުކަމުގައި ބުނުން އެއީ، ހަމަޖެހޭ ކަމަކަށް ނުވުން.

4. ދުރުދުރުގައި (ތިބެގެން) ނަމާދު ކުރިނަމަވެސް މިސްކިތަށް ވަންނަނީ އެއްދޮރުން، ނިކުންނަނީ އެއް ދޮރުން، ނުވަތަ ކައިރި ކައިރީގައި ތިބެގެން، މިވާހަކަ ޑޮކްޓަރުން ގާތުގައި ބުނުމުން، ދެއްވި ޖަވާބަކީ ކޮންޓެކްޓުވުން ކަމުގައި އެބޭފުޅުން ބައްލަވަނީ، ކައިރި ކައިރީގައި 15 މިނެޓު ވުން ކަމުގައި.

އެހެން ކަމަށް ވަނީ ނަމަ ނަމާދު 15 މިނެޓަށް ވުރެ އަވަސް ކޮށް ނިންމާލުމުން ކޮންޓެކްޓެއް ނުވާނެ.

5. ކޮރޯނާ އަކީ ކުޅުން ނުވަތަ ނޭވާލާ އިރު ވައިން (ވައިގެ ގެ ތެރެއިން،) އެކަކުއަނެކަކުގެ ގަޔަށް އަރާ ޖަރާސީމެއް ކަމަށް ޑޮކްޓަރުން ވިދާޅުވޭ، އެހެންކަމަށް ވަނީ ނަމަ ނަމާދުގައި އެންމެން މާސްކު އަޅައިގެން، އަދި މޫނާއި މޫނު ދިމާނުވެ ތިބޭ އިރު، ކޮރޯނާ ފެތުރި ދާނެ ކަމަށް ބުނާ ބުނުން އެއީ ޤަބޫލު ކުރެވޭ ވާހަކަ އެއް ނޫން.

6. ގައިދުރުކޮށް ޖަމާޢަތް ހެދުމުން ޖަމާޢަތުގެ (ޖަމާޢަތް ހެދުމުގެ) މަޤްޞަދު ގެއްލިގެން ދޭ. އެއަށްވުރެ، ގޭގައި ވަކިން ނަމާދު ކުރުން ނުވަތަ ގޭގައި ޢާއިލާގެ ފަރުދުންނާއި އެކު ޖަމާޢަތް ހަދައިގެން ނަމާދު ކުރުން މާ ރަނގަޅު.

7. 27 މެއި 2020 ވަނަ ދުވަހު އޮތް ނޫސް ކޮންފަރެންސްގައި ލޮކްޑައުންއަށް ލުއިދޭން އުޅޭ ވާހަކަ ދައްކަވަމުން ޑރ. ޝީނާ މޫސާ ވިދާޅުވެފައި ވަނީ ގިނަ ބިދޭސީންނަކީ ބައްޔަށް ހުށަހެޅި ބަލި ރަނގަޅުވެ ފައިވާ މީހުން ކަމުން އެމީހުންގެ ގައިގައި އެންޓި ބޮޑީޒް (ބަލި ޖެހިފައި ފަސޭހަވިކަން އަންގައިދޭ ސެލް) ހުންނާނެ ކަމަށް، ނަމާދަށް މިސްކިތަށް އަރާ ގިނަ މީހުންނަކީ ބިދޭސީން ކަމަށްވާނަމަ އެމީހުންގެ ގައިގައި އެންޓިބޮޑީޒް ހުންނާނެ. އަދި އެންޓިބޮޑީޒް ހުރިހާ ހިނދަކު ގައިންގަޔަށް ބަލި ނާރާނެ ކަމަށް ޑޮކްޓަރުން ވިދާޅުވޭ.

8. ޙަރާމް ކަންތައް ޟަރޫރީ ޙާލަތުގައި ހުއްދަ ވީނަމަވެސް އެހުއްދަ ވަނީ، ކިރިޔާ ޙާޖަތް ފުއްދޭ ވަރަށް، އެހެންކަމުން ކައިރީގައި ތިބެގެން ޞަފު ހެދުން ދޫކޮށްލަނީ ޟަރޫރަތަކަށް ކަމަށް ވާނަމަ 15މިނެޓު ގެ ތެރޭގައި ނަމާދު ނިންމާލުމުން ނުރައްކާތެރިކަން ފިލައިގެން އެބަދޭ.

ވީމާ، ގައިދުރުކޮށް ނަމާދު ކުރުމުގެ ޙުއްޖަތެއް ނެތް.

9. ބައެއް ޤައުމު ތަކުގައި ގައިދުރުކޮށް ނަމާދު ކުރުން އެއީ އެކަން ރަނގަޅު ކަމެއް ކަމުގައި ވުމުގެ ޙުއްޖަތެއް ނޫން، ސުޢޫދިޢަރަބިއްޔާގައި އެކަން ކުރިނަމަވެސް ވަރަށް ގިނަ ޢިލްމުވެރިން އެކަމާއި އިންކާރު ކުރައްވާ ކަމެއް ކަމަކީ.

10. ގައި ދުރުކޮށް ސަފު ހެދުމުގެ ޢިއްލަތަކީ (ސަބަބަކީ) ބަލިފެތުރުމުގެ ބިރުވެރިކަން.
މާސްކު އަޅައިގެން ނަމާދު ކުރާނަމަ އަދި 15 މިނެޓަށް ވުރެ އަވަސްކޮށްފިނަމަ، އަދި މޫނާއި މޫނު ބައްދަލު ނުވާނަމަ (އެކަމަކީ އިމާމު މީހާ ނަމާދަށް ފަހު މައުމޫމުން ނާއި ދިމާއަށް ކުރިމަތިލާ ހިނދުގައި އެކަނި ދިމާވާނެ ޙާލަތެއް) އެ ނުރައްކާތެރި ކަން ފިލައިގެން ދޭ، އެހެން ނަމަ ގައިދުރުކޮށް ނަމާދު ކުރުމުގެ ޙުއްޖަތެއް ނެތް.

11. މަގު މަތީގައި އަދި ކެފޭ ތަކުގައި މީސްތަކުން އުޅެމުން ދަނީ ގައި ދުރުކޮށެއް ނޫން. އެހެން ކަމަށް ވަނީނަމަ ހަމަ އެކަނި ނަމާދުގައި ގައިދުރުކުރަން ބުނުން އެއީ ހަމަޖެހޭކަމެއް ނޫން. ކޮރޯނާ އަރަނީ ހަމައެކަނި ނަމާދުގެ ތެރޭގައި ކަމަށް (ދޭހަވާ މޭރުމަށް) ބުނާނަމަ އެއީ ވަރަށް ނުބައި ބުނުމެއް.

12. އެކަކު ސަޖިދަ ޖަހާ ތަނަކަށް އަނެކަކު ސަޖިދަ ޖެހީމަ ބަލިފެތުރިދާނެ ކަމަށް ބުނާ ނަމަ ދުރުދުރުގައި ސަފު ހެދިޔަސް ވެސް (ހެދި ނަމަވެސް) ހަމަ އެ މައްސަލަ ނިކުންނާނެ.

މިހުރިހާ ސަބަބުތަކަށްޓަކައި އަޅުގަނޑުގެ ނަޞޭޙަތް އަޑުއަހާ ހުރިހާ ބޭފުޅުންނަށް ވެސް ދަންނަވާލަން އޮތީ ގައި ދުރުކޮށް ސަފު ހެދުމަށް އެއްވެސް ބޭފުޅަކު (ޚާއްޞަކޮށް އިމާމުވެ ނަމާދު ކުރައްވާ ބޭފުޅުން) ގައިދުރުކޮށް ޞަފު ހެދުމަށް އިރްޝާދު ނުދެއްވާށޭ! (ވެދާނެ) ނުބައިކަމަކަށް ހުޅުވާލެވޭ މަގެއްގެ ބައިވެރިން ކަމުގައި އެއްވެސް ބޭފުޅަކު ވެވަޑައި ނުގަންނަވާށޭ!

إن أريد إلا الإصلاح ما استطعت وما توفيقي إلا بالله عليه توكلت وإليه أنيب.
وما علي إلا البلاغ.
والسلام عليكم ورحمة الله تعالى وبركاته

ވީ ވަރަކުން އިޞްލާޙާއި ހެވަށް ނޫނީ އަހުރެން ނުއެދެމެވެ.

ތައުފީޤް ދެއްވަނީ ﷲ ތަޢާލާ ފިޔަވާ ދެވަނަ ފަރާތަކުން ނޫނެވެ. ވަކީލުކުރަނީ އެކަލާނގެ އަށެވެ، އަދި އެނބުރި ދާހުށީވެސް އެކަލާނގެ ޙަޟްރަތަށެވެ. އަހުރެންނަށް އޮތީ ފޯރުކޮށްދިނުމެވެ.
ވައްސަލާމު ޢަލައިކުމް ޥަރަޙްމަތުﷲ ވބަރަކާތުހޫ.”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.