ކޮވިޑް-19ގެ ހާސްކަމާއި ފުރަބަނދުގައި ތިބޭއިރު، ހާސްކަން ފިލުވައިލުމަށްޓަކައި ހަށިގަނޑަށް ގެއްލުން ނުވާނެ ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމަކީ މުހިންމު ކަމެކެވެ. ފެތުން، ނެށުން، ހިނގުން، ނުވަތަ ދުވުން މިއީވެސް ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ކުރެވިދާނެ ކަސްރަތުތަކެކެވެ. ބައެއް ކަހަލަ ކަސްރަތަކީ ކޮށްލަން ފަސޭހަ އަދި ހާސްކަން ފިލުވައިދޭ ކަސްރަތުތަކެކެވެ.

ކަސްރަތަށް ހިނގުން:

ހާސްވެ ކަންބޮޑުވާނަމަ، އެކަމުން އަރައިގަތުމަށް ކުރަންވީ އެންމެ ފުރަތަމަ ކަމަކީ ކަސްރަތުކުރަން ފެށުމެވެ. ދުވާލަކު މަދުވެގެން 20 މިނެޓް ހިނގުމަކީވެސް ސިކުނޑިއަށް ރަނގަޅު ކަސްރަތެެކެވެ. ވަކިން ޚާއްޞަކޮށް، ޕާކެއް ނުވަތަ ފެހި ގަސްތައް ހިމެނޭ ސަރަހައްދެއްގައި ހިނގައިލުމަކީ ކޮށްލަން ހަމަ ސަތޭކައިގެ ކަމެކެވެ. ދިރާސާއަކުން ދައްކާގޮތުން ކޮންކްރީޓް މާހައުލެއްގައި ހިނގުމުގެ ބަދަލުގައި ފެހި މާހައުލެއްގައި ހިނގުމަކީ ނަފުސަށް ލިބިފައިވާ ފޫހިކަން ފިލުވައިލާ، މީހާގެ ސިކުނޑިއަށް އާރޯކަމާއި ތާޒާކަން ގެނުވައިދޭ ކަމެކެވެ. ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން، އާދަވެ ކޮންމެ ދުވަހަކު މަދުވެގެން ގަޑިއެއްހައި އިރު ހިނގައިލުމުން ހާސްވެ ކަންބޮޑުވުމުގެ އާއްމު މަރުޙަލާ 26 އިންސައްތައަށް ދަށްކޮށްދެއެވެ.

ދުވާލުގެ ވަގުތުގައި، ގިނައިރު ހިނގުމަށް އާދަކުރެވޭތޯ މަސައްކަތްކޮށްލާށެވެ. ކުރިން ބުނިހެން ފެހި މާހައުލެއްގެ ތެރޭގައެވެ. ހިނގުމަށް ހޭދަކުރާ ވަގުތުގައި ފޯނކޯލު ތަކާާއި މެސެޖްތަކުން ދުރުހެލިވުމަކީ މުހިންމު ކަމެއްކަން ހަނދާނުގައި ބަހައްޓާށެވެ.

ކަސްރަތަށް ދުވުން:

ހާވާޑުން ހެދި ދިރާސާގައި ދައްކާ ގޮތުން، ދުވާލަކު މަދުވެގެން 15 މިނެޓް ދުވުމަކީ ދުވާލަކު ގަޑިއެއްހައި އިރު ހިނގުމުން ލިބޭ ފައިދާތައް ލިއްބައިދޭނެ ކަމެކެވެ. އެހެން ދިރާސާއަކުން ދައްކާގޮތުން، އާދަވެ ދުވާމީހުންގެ ހަށިގަނޑުގައި “އެންޑޯކެނަބިނޮއިޑްސް” ހުންނަ މިންވަރު އިތުރުކޮށްދެއެވެ. “އެންޑޯކެނަބިނޮއިޑްސް” އަކީ ހަށިގަނޑުގެ ނަފުސާނީ ހާލަތު (ސައިކޮލޮޖިކަލް ކޮންޑިޝަން) އެއްވަރެއްގައި ހިފެހެއްޓުމަށާއި ބަލިތަކުން ދުރުހެލިކޮށްދިނުމަށް އެހީތެރިވެދޭ ކީމި މާއްދާއެކެވެ.

ސޯފާއެއް ނުވަތަ އެނދެއްގައި ގިނައިރުތަކެއް ވާންދެން އޮތުމުން ހަށިގަނޑަށް ކުރިމަތިވާ ބުރަހެލިކަމާއި ލޮޑުކަމާއި އެއްގޮތަށް، ދުވުމުން އޭގެ އިދިކޮޅު އިހްސާސްތައް ގެނެސްދެއެވެ. ދުވުމުގެ ސަބަބުން ޒާތެއްގެ ‘ކިކެއް’ ލިބި، ހަށިގަނޑަށް އަރާމުކަމެއް ގެނެސްދެއެވެ.

ހަފުތާއަކު ދެދުވަސް ނުވަތަ ތިން ދުވަހު ނަމަވެސް ދުވެވޭތޯ މަސައްކަތްކޮށްލާށެވެ. ކޮންމެ ދުވަހަކުވެސް ހިނގުމަށް ވިސްނުން ބަހައްޓާށެވެ. ފެހި މާހައުލެއްގައެވެ. ހުއްޓައިނުލާ އާދަކޮށް މިކަންކަން ކުރެވޭތޯ ބަލާށެވެ. ހާސްކަން ފިލައި، ހަށިގަނޑަށް އެނގުންވާން ފަށާނީ ނުވެސް އެނގިތިއްބައެވެ.

މަޢުލޫމާތު ނެގީ: https://www.independent.co.uk/

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.