’އެސް ޕްރޮޑަކްޝަންސް‘ އިން އުފައްދާ އަސަރުގަދަ ލޯބީގެ ފީޗާ ފިލްމް “ލޯބިވެވިއްޖެ“ގެ އޯޑިއޯ އަލްބަމްގެ ޕޯސްޓަރު ޝޫޓިން މިމަހު 22 ގައި ފަށާނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ.

ފިލްމް “ލޯބިވެވިއްޖެ“ގެ އެއް ޕްރޮޑިއުސަރ ޝާނީޒް ޢަލީ، މުނިއަވަސް އަށް ބުނީ އޯޑިއޯ އަލްބަމްގައި ފިލްމުގައި ހިމެނޭޭ 08 ލަވައިގެ އިތުރުން ޕްރޮމޯޝަން ލަވައާއިއެކު ޖުމްލަ 09 ލަވަ ހިމެނޭނެ ކަމަށެވެ.

ފިލްމުގެ ޕްރޮމޯޝަން ލަވަ ކިޔާފައިވަނީ ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުންނެވެ. ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން މި ލަވައިގައި އަލީ އާޒިމް (ދޮން އައްޔަ) އަބްދުﷲ ޝާފިއު (ފުބޫ) އަހުމަދު ނިމާލް، އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު)، މަރިޔަމް ރިޝްފާ އަދި އަލީ ސީޒަންގެ އަޑު އިވިގެންދާނެ އެވެ.

ފިލްމް “ލޯބިވެވިއްޖެ“އަށް ލަވަ ކިޔައިދީފައިވަނީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ޙަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ، މޯލްޑިވިއަން އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް ޢަލީ އެވެ.

ލަވަތަކުގެ ޅެން ހަދާފައިވަނީ ތޭރަވާ، މުބާރިކް އަދި ނާސިމް (ބުލް) އެވެ. މިއުޒިކްތައް ހެދީ އިބްރާހިމް ނިފާރު (ތިއްތި)، ކުޑަ އިއްބެ، ޖަލާލް އަދި ގްރެވިޓީ ބޭންޑުންނެވެ.

އޯޑިއޯ އަލްބަމް ރިލީޒްކުރާނެ ސީދާ ތާޜީޚެއް އަދި ނިންމާފައި ނުވާކަމަށްވެސް ޕްރޮޑިއުސަރ ޝާނީޒް ބުންޏެވެ.

ސީޒަން ޑައިރެކްޓްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ.

ފިލްމް “ލޯބިވެވިއްޖެ“ގެ ހުރިހައި މަންޒަރެއް ހެން ވަނީ ނަގާ ނިމިފައެވެ. އެ ފިލްމު ޝޫޓްކޮށްފައި ވަނީ ގދ. ތިނަދޫ، މާލެ އަދި ސްރީލަންކާގަ އެވެ.

’އެސް ޕްރޮޑަކްޝަންސް‘ގެ ސިއްކައިގެ ދަށުން ގެނެސްދޭ “ލޯބިވެވިއްޖެ“ގެ ޕްރޮޑިއުސަރުންނަކީ ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް އެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.