އެޓާރނަލް ޕިކްޗަރސް އިން ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތް ފަށާފައިވާ “ލަސްވިޔަސް” އަކީ ދިވެހި ފިލްމު އޯޑިއަންސުން މިވަގުތު އެ ފިލްމެއްގެ ރިލީސިންއަށް އެންމެ އިންތިޒާރު ކުރާނެ އެއް ފިލްމަށް ވާނެއެވެ. މި ދިޔަ ހުކުރު ދުވަހު، ފިލްމުގެ މެއިން ކާސްޓުން ވަނީ އެއްކޮށް ހާމަކޮށްފައެވެ. އެއީ އަޙްމަދު އީސާ (އާނަންދު) އަދި މަރްޔަމް ޝިފާ (ޝިފް)ގެ އިތުރުން ޒޯޔާ ހަސަން އިބްރާހިމް އެވެ. ތަޖުރިބާހުރި، މަޝްހޫރުކަން ލިބިފައިވާ ތިން ތަރިންނެވެ.

އީސަ އާއި ޝިފާއަށް ލިބިގެން މި ދިޔައީ ހަމަ ގައިމުވެސް ރަނުގެ ފުރުޞަތެކެވެ. ދެމީހުން ތިބީ އުފަލުން ފޮޅިފައިކަން އެމީހުންގެ ޓްވިޓަރ އިން އެނގެއެވެ.

“މެގަ ޕްރޮޖެކްޓެއްގައި އަނެއްކާވެސް މަސައްކަތްކޮށްލުމުގެ ފުރުޞަތު ދިނީތީ ޝުކުރިއްޔާ ޓެޑްރީ ސަރ” އީސަ ކޮށްފައިވާ ޓްވީޓެއްގައި ބުންޏެވެ.

އީސަ (އާނަންދު) އަކީ އެންމެ ކުޑައިރުން ފެށިގެން ފިލްމު ބެލުމަށް ވަރަށް ފޯރި ހުންނަ ޒުވާނެކެވެ. ޚާއްޞަކޮށް ހިންދީ ފިލްމު ތަކެކެވެ. ހިންދީ ފިލްމު ތަކުންވެސް އާނަންދު އަށް އެންމެ ކަމުދަނީ ސުނިލް ޝެއްޓީ ގެ ފިލްމު ތަކެވެ. ސުނިލް ޝެއްޓީގެ ފައިޓް ސީންތައް ގިނައިން ހުންނަ ފިލްމެއް ވެއްޖެއްޔާ އެއީ އާނަންދަށް އެންމެ ކަމުދާ ފިލްމެވެ. ފިލްމުތައް ބަލަމުން ސުނިލްގެ އެކްޓިން ދަސްކުރަމުން އާނަންދުގެ ރަށް، ރ. މާކުރަތުގައި މަޖަލަކަށް ފިލްމު ކުޅެވެސް އުޅުނެވެ. ކުޅެނީވެސް ސުނިލް ޝެއްޓީގެ ރޯލެވެ.

އެންމެ ކަމުދާ ބަޠަލް ގެ ފިލްމުތައް ބަލަން އިންނައިރު އާނަންދުގެ ހިތަށް އޭރު އަރަމުންދިޔައީ އަހަންނަށް ފިލްމެއް ކުޅެވޭނެ ނަމަ ކިހާ ރަނގަޅުހެއްޔެވެ. އަހަންނަށް ފިލްމެއް ކުޅެން ޗާންސެއް ލިބޭނެބާ އެވެ. އާނަންދަށް ފިލްމެއް ކުޅެލަން ފުރަތަމަ ޗާންސް ލިބުނީ ހާމިދު ޢަލީގެ ފިލްމު “ލައިލާ” އިންނެވެ. އޭގެ ފަހުން، ބޮޑެތި ފިލްމުތަކުގައި ވަރުގަދަ ރޯލުތަކެއް ކުޅެފައިވާ އާނަންދަށް މިއަދު މިވަނީ ރާއްޖޭގެ ފިލްމީ ދާއިރާގެ ތަރިއަކަށް ލިބޭނެ އެންމެ ވަރުގަދަ އެއް ފުރުޞަތު ލިބިފައެވެ.

“ލަސްވިޔަސް”ގެ މައިގަނޑު ލީޑް، ޒޯޔާ، މަރްޔަމް އަދި އާނަންދު – ފޮޓޯ: އެޓާރނަލް ޕިކްޗަރޒް

“ލަސްވިޔަސް”ގެ އަންހެން ލީޑް މަރްޔަމް ޝިފާ (ޝިފް) އަކީ ޓިކްޓޮކް ބަލާ މީހުންގެ މެދުގައި ހަމަ ގައިމުވެސް މަޤްބޫލު މޫނެކެވެ. ‘ޔެސް ޓީވީ’ގެ ހުނަރުވެރި ޕްރެޒެންޓަރެކެވެ. އެހެންކަމުން އޭނާއަކީވެސް ގިނަ ޢަދަދެއްގެ ބެލުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ، ހުނަރުވެރި ފަންނާނެކެވެ.

“ޓެޑްރީ ސަރ އާއި އެކުގައި މަސައްކަތްކޮށްލުމުގެ ފުރުޞަތު ދިނީތީ އަހަރެން ޝުކުރުވެރިވަން. ތިޔަ ވަރުގެ ތަޖުރިބާކާރު ޑައިރެކްޓަރަކާއެކު މަސައްކަތްކޮށްލުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ އަހަރެންގެ ކެރިއަރަށް ލިބިގެންދާނެ ބޮޑު ކާމިޔާބީއެއް. އަދިވެސް އެއް ފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ #ލަސްވިޔަސް” ޝިފާއަށް މި ފުރުޞަތު ލިބުމުން ކޮށްފައިވާ ޓްވީޓްގައި ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ “ދެރިޔާ” އުފެއްދި ޓެޑްރީގެ “ލަސްވިޔަސް”ގައި ދެން ފެނިގެންދާނެ އެންމެ މުހިންމު ތަރިއަަކީ ރާއްޖޭގެ ތަޖުރިބާކާރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހީމެވެ. ހަމަ ގައިމުވެސް ޒޯޔާއަކީ ދިވެހިން ނުދަންނަ ނަމެއް ނޫނެވެ. ނިޢުމާގެ އެކްޓިންގެ ހުނަރުވެރިކަން ޒޯޔާއަށް ލިބިފައިވާނެ ކަމަށް ޤަބޫލުކުރެވެނީ މިހައިތަނަށް އިސްކިރީނުން ޒޯޔާ ފެނިފައިވާ ފެނިލުންތަކުންނެވެ. ހަމަ އެހެންމެ “ލަސްވިޔަސް”ގެ ޓީޒާއިން ޒޯޔާ ފެންނަގޮތްވެސް ތަފާތުވެފައި ޝައުޤުވެރިއެވެ. އެ ޓީޒާއިން ފެންނަނީ ގޮނޑިއެއްގައި އިންނަ ޒޯޔާ އެވެ. ޒޯޔާގެ ބޮލުގައި އިސްތައްޓެއް ނުހުރު އެވެ. އޭނާގެ ސިފަ ފެނުމުން ހީވަނީ ކޮންމެވެސް ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްހެންނެވެ.

ޒޯޔާއަށް މި ފުރުޞަތު ލިބުމުން ހަމަ ގައިމުވެސް ޒޯޔާ ހުންނާނީ ވަރަށް އުފަލުންނެވެ. ހަމަ އެހެންމެ އެކްޓިންއިން ރިޓަޔާކޮށްފައިވާ ރާއްޖޭގެ އެންމެ ހުނަރުވެރި ބަޠަލާ ނިޢުމާ މުޙައްމަދަށް ވެސް މިއީ ވަކިން ކުޑަ އުފަލަކަށް ނުވާނެއެވެ.

ކޮވިޑް-19ގެ ކަންތައް ގަނޑު ރާއްޖެއަށް ލައިގަތް ހިސާބުގައި މުނިއަވަސް އަށް ޓެޑްރީ ބުނީ ކޮވިޑް-19ގެ ކަންތައް ފެށުނީ ފިލްމުގެ ޝޫޓިންއަށް ފުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ. އެހެންކަމުން “ލަސްވިޔަސް”ގެ ޝޫޓިން ފެށެން ދެން މާގިނަ ދުވަހެއް ނުނަގާނެކަމަށް ޤަބޫލުކުރެވެއެވެ.

ފަސް ލަވަ ހިމެނޭ ”ލަސްވިޔަސް“ އަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ އަށް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ.

”ލަސްވިޔަސް“ ފިލްމުގެ އޮރިޖިނަލް ސައުންޑް ޓްރެކް ’ދުނިޔެ‘ގެ ޓީޒާއެއް ވެސް މިހާރު ވަނީ އާއްމުކޮށްފައެވެ. މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް (އަންޏަ) އެވެ. ލަވައިގެ ޅެން ހެދީ އަޙްމަދު ޝަކީބް އެވެ. މިއުޒިކް ހަދާފައިވަނީ އަންޏަ، އިކްރާމް އަދި ބާޗީ އެވެ.

ޓެޑްރީއަކީ ދިވެހި ސިނަމާއަށް ބޭނުންވެފައިވާ ތަފާތު ދައްކުވައިދިން ފިލްމު ”ދެރިޔާ“ގެ އިސް މޭސްތިރި އެވެ. އެ ފިލްމު ރިލީޒްކުރީ 1994 ގައެވެ. އޭގެ ފަހުން ޓެޑްރީ ޑައިރެކްޓް ކޮށްފައިވާ ފީޗާ ފިލްމެއް އަދި މިވަނީ ފެންނަވަރު ނުވެފައެވެ. ނަމަވެސް ކޮރަޕްޝަނަށް ހޭލުންތެރިކުރުވުމަށް ”ބިތުފަންގި“ގެ ނަމުގައި އުފެއްދި ކާމިޔާބު ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ޓެޑްރީކަން ފާހަގަކޮށްލަން ޖެހެެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.