ރާއްޖޭގެ ފުރަތަމަ ސިޓިންރޫމް ކޮމެޑީ “ކަރުހަކުރު“ގެ ތިންވަނަ ސީޒަންގެ ޝޫޓިން ފަށައިގެން ކުރިއަށް އެބަ ދެއެވެ. މަޖާ އެޕިސޯޑްތަކަކާއި އެކު ދެ ސީޒަން ނިންމާލާފައިވާ މި ސީރީޒަކީ ބައިސްކޯފުން ދައްކަމުން އަންނަ ސީރީޒްތަކުން ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ސީރީޒެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މިފަހަރުގެ ސީޒަންގައިވެސް ހިމެނޭނީ 12 އެޕިސޯޑެވެ. މުޙައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓަކަށް، މަޙްދީ އަޙްމަދު ސްކްރީންޕްލޭ ލިޔެ މުންކޮ ޑައިރެކްޓްކުރާ “ކަރުހަކުރު” މިއީ އޯކޭޒް އިންކް އާއި ބައިސްކޯފު ގުޅިގެން އުފައްދަމުން އަންނަ ސީރީޒެކެވެ.

ކަރުހަކުރު” ސީރީޒް ގެ މައިގަނޑު ކާސްޓުނަކީ މަޝްހޫރު ލަވަކިއުންތެރިޔާ ލަމްހާ ލަތީފް (ލިއުޝާ)، މަޝްހޫރު ފިލްމީ ތަރި އަލީ އާޒިމް (ޒެކް)، ދިވެހި ބަހުގެ މާހިރު ޞާދުބޭގެ ހަގު ދަރިފުޅު ރައުފަތު ޞާދިޤު (ނާއިފް)، އައިޝަތު ޢަލީ (ލީޒާ) އާއި ޙުސައިން ނާޒިމް (ރަޝީދު) އެވެ. މީގެ އިތުރުން ދިވެހި ޗެނަލްގައި މަސައްކަތްކުރަމުން އަންނަ ނޫސްވެރިޔާ އަފްރާހް (ކުޑޭ) ވެސް މުހިންމު ރޯލެއް އަދާކުރެއެވެ.

ކަރުހަކުރު“ގެ ދެވަނަ ސީޒަންގައި މެހެމާނުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ބައެއް ސެލެބްރިޓީން ހިމަނާފައިވެއެވެ. މަޢުލުމާތު ލިބޭގޮތުން މިފަހަރުގެ އެޕިސޯޑްތަކުގައި ވެސް މިފަދަ ބައެއް ސެލެބްރިޓީން، ޚާއްޞަ ފެނިލުމަކުން ފެނިގެންދާނެއެވެ.

ކަރުހަކުރު“ގައި ދައްކައިދެނީ ޙުސައިން ނާޒިމް (ރަޝީދު)ގެ ދަރިފުޅު ރައުފަތު ޞާދިޤު (ނާއިފް) އާއި ލަމްހާ ލަތީފް (ލިއުޝާ)ގެ ދެމަފިރިންގެ ދިރިއުޅުމުގެ ދުވަސްތަކުގައި ކުރިމަތިވާ މަޖާ ކަންތައްތަކެކެވެ. ލިއުޝާގެ ކޮއްކޮގެ ގޮތުގައި އެގޭގައި އައިޝަތު ޢަލީ (ލީޒާ) ދިރިއުޅޭއިރު، އަލީ އާޒިމް (ޒެކް) އަކީ ޕޭއިން ގެސްޓެކެވެ. ޖެހިގެން ހުންނަ ގޭގައި އުޅޭ އަފްރާހް (ކުޑޭ)ގެ މަޖާ އުނދަގޫތަައްވެސް ރަޝީދުގެ އާއިލާއިން ތަހައްމަލުކުރަމުން ދަނީ ސިއްރުން ކަރުހަކުރު ކެއުމުގެ ފޯރީގައި ބެލުންތެރިން ހެއްވައިލަމުންނެވެ.

ކަރުހަކުރު“ގެ ތިންވަނަ ސީޒަން ސްޓްރީމްކުރަން ފަށާނެ ތާރީޚެއް ބައިސްކޯފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.