“ޢީދު ބޮލަށް ގޮން” މި ލަވައަކީ ހަމަ ގައިމުވެސް ދިވެހީންގެ ތެރޭގައި މަޝްހޫރު ލަވައެކެވެ. އެންމެން ދަންނަ، ފޯރިގަދަ ޢީދު ލަވައެކެވެ. މިފަހަރު މިއޮތީ މި ލަވައަށް ޑާންސް ކަވަރއެއް ހަދާފައެވެ. ނ. މަނަދުއަށް ނިސްބަތްވާ “ހިޔަލަ” ޑާންސް ގްރޫޕުގެ ފަރިފަރި ހަރަކާތްތަކާއެކުގައެވެ.

“ހިޔަލަ”އަކީ ނ. މަނަދޫން އުފެދިގެން އައި ގްރޫޕެކެވެ. ނަށާ ކުދިންގެ ގޮތުގައި 5 އަންހެން ކުދިން ހިމެނިގެން އުފެދުނު މި ގްރޫޕްގައި މިހާރު 7 ކުދިން ނަށަމުން ގެންދއެވެ. ނަށާ ކުދިންގެ އިތުރުން މެނޭޖްމަންޓް ޓީމާއެކު މުޅިއެކު 12 މެމްބަރުން ގްރޫޕްގައި ހިމެނެއެވެ. ދެ ކުއްޖަކު ފިޔަވާ ހުރިހާ ކުދިންނަކީވެސް މަނަދުއަށް ނިސްބަތްވާ ކުދިންނެވެ.

“އީދު ބޮލަށް ގޮން ޑާންސް ކަވަރ ލަވައަކީ އަސްލު އަޟްހާ އީދުގެ މުނާސަބަތުގައި ނެރުމަށް ހަމަޖެއްސުނު ލަވައެއް. ނަމަވެސް ހާލަތު ނިޔާކުރި ގޮތުން އެދުވަސްކޮޅު އެފަދަ ކަމަކާ ނޫޅެވުނު. އެހެންކަމުން ފަސްކޮށްލާފަ ގަސްތުކުރީ ހިލަޔަގެ ޔޫޓިއުބް ޗެނަލް ލޯންޗު ކުރުމަށް އެލަވަ ތައްޔާރު ކުރުމަށް. އެހެންކަމުން ވަރަށް ކުޑަ ބަޖެޓެއްގަ ފަށައިގެން، ހަފްތާއެއްގެ މަސައްކަތުން ނިންމާލާފަވާނީ.” ހިޔަލަގެ ފުރަތަމަ ޑާންސް ކަވަރ “އީދު ބޮލަށް ގޮން” އުފެއްދިގޮތް ކިޔައިދެމުން މިކަމުގައި އިސްވެ ހަރަކާތްތެރިވި ޢަބްދުﷲ ޝާހިދު (ތާދި) ބުންޏެވެ.

“ޑާންސް ކަވަރއެއް ހަދަން ގަސްތު ކުރިއިރު ހަމައެކަނި ނެށުން ހިމެނުމަށްވުރެ ޝައުގުވެރިވާނެ ގޮތަކަށް މީތި ހެދުމަށް ވިސްނިން. އެގޮތުން ސްކްރިޕްޓެއް ހަދާ އެޔާ އެއްގޮތަށް ލަވަ ނިންމާފަ އޮންނާނީ. ލަވައިގަ މައިގަނޑު ގޮތެއްގަ ދައްކުވައިދީފައި ވާނީ ދިވެހިންގެ އާދަކާދައިގެ ތެރެއިން އީދު ފާހަގަކުރުމުގެ ހަރަކާތްތައް ހިނގާގޮތް.” ވީޑިއޯމިކްސިންގ، ޑައިރެކްޝަން އަދި ނެށުމުގެ ކޮރިއޯގްރަފީ ހަދައިދިން ތާދި ބުންޏެވެ.

“ހިޔަލައަކީ ހަމައެކަނި ނަށާ ގްރޫޕެއް ނޫން. ހިޔަލަގެ މަގްސަދަކީ ފަންނުވެރިން އުފެއްދުމާއި ފަންނުވެރިކަމުން ކުރިއަށްދާނެ މަގުފަހިކޮށްދިނުން އަދި އަންހެނުން ބާރުވެރި ކުރުވުން. މަނަދޫ ފަދަ ރަށަކުން ފަންނުވެރިންތަކެއް އުފެދިގެން ދިއުމަކީ މުޅި ހިޔަލަ ޓީމްގެ ވަރަށް ބޮޑު ހުވަފެނެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގަ އެހުވަފެން ހަގީގަތަކަށްވާނެ.” ހިޔަލަ ޓީމުގެ މެނޭޖްމެންޓުން މުނިއަވަސް އަށް ބުންޏެވެ.

ލަވައިގައި ހަރަކާތްތެރިވެފައިވަނީ ހިޔަލައިގެ އަންހެން މެމްބަރުންނެވެ. އެގޮތުން އިނާޔާ ވަހީދު، ޝަބާ އުމަރު، އައިޝަތު ޝިއުޒާ، ހައްވާ ޒާހިރާ، އައިޝަތު އީސާ، ނިއުޝާ ޝަރީފް އަދި އާމިނަތު ޝާއިރާ ފެނިގެންދެއެވެ. މީގެ އިތުރުން ފިރިހެން ބައިވެރިންގެ ގޮތުގައި ހުސެއިން އުމަރު، ރާއިފް އަބްދުލް ރަހްމާން އަދި އަސަދު އަބްދުލް ވައްހާބް ވެސް މި ލަވައިން ފެނިގެންދެއެވެ.

ލަވައިގެ ކެމެރާކޮށް އަދި އެޑިޓިންގ ހެދީ ނ. ޅޮއްސަށް ނިސްބަތްވާ ކުޅަދާނަ ކެމެރާމަން އިބްރާހިމް ސުޖާއު (ޖަންކީ)އެވެ. ޑްރޯން ޝޮޓްތައް ނަގައިދިނީ ޖޯކޭ ހަމީދު އެވެ. ވީޑިއޯމިކްސިންގ، ޑިރެކްޝަން އަދި ނެށުމުގެ ކޮރިއޯގްރަފަރަކީ ޢަބްދުﷲ ޝާހިދު (ތާދި)އެވެ. ޕްރޮޑިއުސްކުރީ ހިޔަލަޓީމުންނެވެ. ޚާއްސަކޮށް އަހްމަދު ޢަބްދުﷲ އަކީ އެއް ޕްރޮޑިއުސަރެވެ.

“ހިޔަލަ” އިން ކުރި މިފަދަ ފުރަތަމަ މަސަައްކަތުގައި އެ ގްރޫޕަަށް އެކިއެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ގްރޫޕުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރުވެރިވެއެވެ. ޚާއްސަކޮށް، ނ. މަނަދޫ ޖޭމުގަސްދޮށުގެ ހާޖަރާދައްތަ، ޝިހާމާ މުހައްމަދު، މުހައްމަދު ރިޒްމީން، ރިމާހް (ބޮއްޑަ)، ސާމިޔާ ހަސަން، ޒުލޭޚާ ސޯލިހް، ފާތިމަތު ފަޔާޒާ، އަފީފާ އަބްދުލް ލަތީފް، ސުމިއްޔާ ޔޫސުފް، އާމިނަތު ރީޝަން، އާމިނަތު ހަސަން، އާމިނަތު ފިޒާނާ، ހައްވާ ޒާހިރާ، ޚަދީޖާ ޔޫސުފް އަދި ސިއްތިކޮއެ ދައްތަގެ ނަން އެ ގްރޫޕުން ފާހަގަކޮށްލައެވެ.

“ބެލުންތެރިންނަށް މިމަސައްކަތް ކަމުދާނެ ކަމަށް އުންމީދު ކުރަން. ބެލުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު. އަދި ކުރިއަށް އޮތް ތާނގަ މިފަދަ އިތުރު އަދި ފުރިހަމަ މަސައްކަތްތަކެއް ފެނިގެންދާނެ.” ބެލުންތެރިންނާ ހަމައަށް ލަވަ ގެނެސްދެމުން “ހިޔަލަ” ޓީމުން އެދެނީ “ހިޔަލަ” ފޭސްބުކްޕޭޖަށް ލައިކް އަދި ޔޫޓިއުބް ޗެނަލް ސަބްސްކްރައިބް ކޮށްލުމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.