ރާއްޖޭގެ އެންމެ މަޝްހޫރު ހިޕްހޮޕް ލޭބަލް، ސިމްބޮލިކް ރިކޯޑްސްއިން އަވަށްޓެރި ސްރީލަންކާގެ ހިޕްހޮޕް ފަންނާނުންނާއިއެކު މިއުޒިކް އަލްބަމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

މިއީ މިނިސްޓަރ އަޙުމަދު މަޙްލޫފުގެ އެހީތެރިކަމާއިއެކު، ސްރީލަންކާގެ އެންމެ މަޝްހޫރު ހިޕްހޮޕް ޕްރޮޑިއުސަރ އިރާޖް ވީރަރަތުނޭ އާއި ބައްދަލުކޮށް، ދިވެހި ރެޕް އާޓިސްޓުންނާއި ލަންކާގެ ރެޕް އާޓިސްޓުންގެ މަސައްކަތް އެކުގައި ހިމެނޭ އަލްބަމެއްގެ މަސައްކަތް ކުރުމަށް ފަހިކޮށްދީފައިވާ ފުރުޞަތެކެވެ.

މިއުޒިކާއި ފަންނުވެރިކަމުގެ ދާއިރާ ނުހަނު ބޮޑަށް ލޯބިކުރައްވާ މިނިސްޓަރ މަޙްލޫފު މިކަމާމެދު ކުރެއްވި ޓްވީޓުގައި ލަންކާ އާއި ރާއްޖޭގެ ރެޕްގެ މައިދާނުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާ ކުރެވިފައިވާތީ އިރާޖަށް ޝުކުރު ދެންނެވިއެވެ. ހަމައެހެންމެ ލަންކާގެ ޔޫތު މިނިސްޓަރ ނަމާލް ރާޖަޕަކްސާއާއެކު ޒުވާނުންނަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި އަލްބަމްގެ މަސައްކަތާމެދު ސިމްބޮލިކް ރެކޯޑްސް އިން ބުނީ ދެ ޤައުމުގެ ފަންނާނުން އަނެއް ޤައުމަށް ގޮސް ތަޖުރިބާ ހިއްސާ ކުރުމުގެ މަސައްކަތްތަކެއް ކުރުމަށްވެސް ރޭވިފައިވާކަމަށެވެ.

ތަފާތު ސްޓައިލުގެ ދިވެހި ލަވަތައް ގެނެސްދެމުން އަންނަ ސިމްބޮލިކް ރެކޯޑްސް އިން އިތުރަށް ބުނީ މި އަލްބަމް އުފެއްދުމުގެ މައިގަނޑު މަގުޞަދަކީ ދިވެހި ރެޕަރުންނަށް ރާއްޖެއިން ބޭރުގައި އެމީހުންގެ ހުނަރު ދައްކައިލުމުގެ ފުރުޞަތުތައް އިތުރުކޮށް، ދިވެހި ރެޕަރުންނަށް އާމްދަނީ ހޯދޭނެ އައު މާކެޓެއް ހޯދައިދިނުން ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.