ރާއްޖޭގެ އެންމެ ހުނަރުވެރި ފިލްމީ ތަރި، ޔޫސުފު ޝަފީޢު (ޔޫއްޕެ)ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ‘ޔޫއްޕެ ޕްރޮޑަކްޝަންސް’ގެ އަލަތު ޑްރާމާ ސީރީޒް “ހުވާކޮށްފާ ބުނަން” މިމަހު 15 ގައި ދައްކަން ފަށާނެކަމަށް ބުނެފައިވާއިރު، އެ ސީރީޒް ދައްކާނީ ކޮން މަންސައަކުން ކަން އަދިވެސް ވަނީ ފައިނަލް ނުކުރެވިކަމަށް މަޢުލޫމާތު ލިބެއެވެ.

ތިން ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ 26 އެޕިސޯޑްގެ ލޯބީގެ ޑްރާމާ ސީރީޒްގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ސީރީޒްގެ 06 އެޕިސޯޑްގެ ހުރިހައި މަސައްކަތެއްހެން ނިމިފައިވާކަމަށް ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތުގައި ހަރަކާތްތެރިވާ ޢަލީ ރަޝީދު (ގޮޅާ އައްޔަ) ވަނީ ބުނެފައެވެ.

ޓެލެވިޛަން މޯލްޑިވްސް އިން ގެނެސްދެމުން އަންނަ ޒަމާންވީ ފިލްމީ ޕްރޮގްރާމު، ފިލްމީ އުދަރެހަށް މަޢުލޫމާތު ދެމުން އައްޔަ ބުނީ ސީރީޒްގެ އެޕިސޯޑްތަކުގެ ތަރުތީބުން މަސައްކަތް ނިންމަމުން އަންނަކަމަށާ، އެގޮތުން ހަ އެޕިސޯޑްގެ މަސައްކަތް ނިންމައި ހަތްވަނަ އެޕިސޯޑްގެ މަސައްކަތް ފަށާފައިވާ ކަަމަށެވެ.

ޑްރާމާ ސީރީޒް “ހުވާކޮށްފާ ބުނަން” ދައްކާނެ މަންސައެއް އަދި މިހައިތަނަށް ނިންމާފައި ނުވާއިރު، އައްޔަ ބުނީ ސީރީޒްގެ ފުރަތަމަ ދެތިން އެޕިސޯޑެއް ‘ޔޫއްޕެ ޕްރޮޑަކްޝަންސް ޔޫޓިއުބް ޗެނަލް‘ މެދުވެރިކޮށްވެސް ފަހަރުގައި ދައްކަފާނެ ކަމަށެވެ. ފިލްމީ އުދަރެސްގައި އައްޔަގެ ވާހަކަތަކަށް އިޝާރާތްކޮށް ޕްރޮގްރާމުގެ ހޯސްޓް ވައްޑެ ދެއްކި ވާހަކަތަކުން، މި ސީރީޒް ޓެލެވިޛަން މޯލްޑިވްސް އަށް ނަގާފާނެ ކަމުގެ އިޝާރާތެއްވެސް ކޮށްފައިވެއެވެ.

ހުވާކޮށްފާ ބުނަން” ދައްކާނެ ތަނެއް ފައިނަލް ވެފައި ނުވިޔަސް، ޔޫއްޕެ ޕްރޮޑަކްޝަނުން ބުނަމުން ދަނީ އެންމެ ރަނގަޅު ހުށައެޅުމެއް ހުށައަޅާ ފަރާތަކަށް ސީރީޒް ދޫކޮށްލާނެ ކަމަށެވެ. އެހެންކަމުން، މި ސީރީޒް، ބައިސްކޯފުން، ދިރާގު ޓީވީން ނުވަތަ ރާއްޖޭގެ ލޯކަލް ޗެނަލަކުން ނަމަވެސް ބެލުންތެރިންނަށް ފެންނާނެކަން ގައިމެވެ.

“ހުވާކޮށްފާ ބުނަން” ގައި ނާއްކޮ އަދި ސަޢީދު – ފޮޓޯ: ޔޫއްޕެ ޕްރޮޑަކްޝަން

ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ “ހުވާކޮށްފާ ބުނަން“ގެ މައިގަނު ތަރިންނަކީ އަޙްމަދު ސަޢީދު، އަޙްމަދު އީސާ (އާނަންދު)، މުހައްމަދު މުސްޠަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝީޔާގެ އިތުރުން ނާޝިދާ މުޙައްމަދު (ނާއްކޮ) އެވެ.

ލޯތްބާއި އިޖުތިމާއީ މައްސަލަތައް “ހުވާކޮށްފާ ބުނަން” އިން ފެނިގެންދާއިރު، މިއީ ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ ސީރީޒެކެވެ. ކެމެރާކޮށް ޕޯސްޓް ޕްރޮޑަކްޝަން ހަދަނީ ގޮޅާ އައްޔައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.