ޑައިވިންގައި އުޅެމުން ނުވަތަ ފަރުމަތީގައި އުޅެމުން ނޮޓިފިކޭޝަންތައް ޗެކްކޮށްލައި، ލައިވް ސްޓްރީމްކޮށްލުމަކީ ދުރުގައިވާ ހުވަފެނެއް ނޫނެވެ. ‘އަކުއާ-ފައި’ގެ ނަމުގައި ކަނޑު އަނޑީގައި ބޭނުންކުރެވޭ އިންޓަނެޓް އިޖާދުކުރަމުން އަންނަ ސައިންސްވެރިންނަށް، ހަމަ ގައިމުވެސް ޑައިވަރުންނާއި މޫދުގައި ގިނަ ވަގުތު ހޭދަކުރާ މީހުން ޝުކުރުވެރިވާނެއެވެ.

‘އަކުއާ-ފައި’ ފަންނިއްޔާތު ތަރައްޤީކުރަމުން އަންނަނީ ސައުދީ އަރަބިއްޔާގެ ތުވާލްގައި ހުންނަ ކިންގް ޢަބްދުﷲ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (KAUST)ގެ ދިރާސާކުރާ ސައިންސްވެރިންގެ ޓީމަކުންނެވެ. މިކަމަށްޓަކައި އެ ޓީމުން ބޭނުންކުރަނީ ލޭޒާއާއި މިހާރުވެސް ބޭނުންކުރަމުން އަންނަ ކޮމްޕިއުޓިންގ ޓެކްނޮލޮޖީ އެވެ. އެތަކެތި ބޭނުންކޮށްގެން ކަނޑުގެ 30 އަށް ފޫޓް އަޑިއަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ.

މި އައު ފަންނިއްޔާތާއެކު، މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްގަމުގައި ތިބެ ވައި-ފައި ބޭނުންކޮށްގެން ކަނޑުއަޑީގައި ބަހައްޓާފައި ހުންނަ މޮޑަމް އަކުން ‘އަކުއާ-ފައި’ ބޭނުންކޮށްގެން ވޯޓާޕްރޫފް (ފެން ނޭޅޭ) ފޯނެއްގެ އެހީގައި ކާމިޔާބުކަމާއެކު ސްކައިޕް ކޯލެއް ކުރިއަށް ގެންދިޔައެވެ.

މިކަމަށްޓަކައި ބޭނުންކުރ މޮޑަމް އަކީ ‘ރަސްބެރީ ޕައި ކޮމްޕިއުޓަރ’ އެކެވެ. މިއީ ކްރެޑިޓް ކާޑެއްގެ ބޮޑުމިން ހުންނަ ސިސްޓަމެކެވެ. މި ސިސްޓަމުން ކޮށްދޭ ކަމަކީ ބިމުން ފޮނުވާލައި ވަޔަރލަސް ސިގްނަލް، އޮޕްޓިކަލް ލޭޒަރ ސިގްނަލަކަށް ބަދަލުކޮށްލައި، ކަނޑުގެ ސަތަހައިގައި (ސާރފަސްގައި) ބަހަށްޓާފައި ހުންނަ ބޮޔެއްގައި ހުންނަ ރިސީވަރަކުން އެ ސިގްނަލް ދަމައިގަންނަގޮތް ހެދުމެވެ. ނަތީޖާއެއްގެ ގޮތުން ބައި-ޑައިރެކްޝަނަލް (ދެކަތްޕަށް-މިސްރާބުހިފާ) ވަޔަރލަސް ކަނެކްޝަނެއް އުފައްދައިދެއެވެ.

‘އަކުއާ-ފައި’ ކަނެކްޝަން މެދުނުކެނޑި ދިނުމަށްޓަކައި، ބޮއެތަކާއި އެއް އޮލަނބަށް ވާގޮތަށް ލޭޒަރތައް ހުންނަން ޖެހެއެވެ. ހަމަ އެހެންމެ އެކަމަށް ހަކަތަ ފޯރުކޮށްދިނުމަށްޓަކައި ޕަވަރ ބޭންކްތަކެއް ވެސް ހުންނަން ޖެހެއެވެ. މީގެ ސަބަބަކަށް ވަނީ ކަނޑުގައި ހުންނަ ބާރުގަދަ އޮއިވަރާއި ރާޅުގެ ސަބަބުން ލޭޒަރ ދޯދިތަކުގެ ސީދާކަން ކަސިޔާރުވެގެން ދާތީއެވެ. އެހެންކަމުން، މި އީޖާދުކުރާ މީހުން ގެންދަނީ ލޭޒަރގެ ސިގްނަލަށް ބުރޫނާ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަށް ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރަމުން ކަމަށް މި ޕްރޮޖެކްތަކުގައި މަސައްކަތްކުރާ ޕްރޮފެސަރު ބައްސާމް ޝިހާދާ ‘ޓެކްރިޕަބްލިކް’ ނޫހަށް ވިދާޅުވިއެވެ.

ވިޔަފާރީގެ ބޭނުމަށް މި ޚިދުމަތް ފޯރުކޮށްދިނުން އެއީ އަދި އެހައި ގާތުގައިވާ ކަމެއް ނޫންނަމަވެސް، މިކަން ކުރާ ޓީމުން ބުނީ ކަނޑުއަޑީގައި އިންޓަނެޓްގެ ޑޭޓާ މަރުކަޒުތަކެއް ގާއިމުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށެވެ.

މިއީ ކަނޑުއަޑީގެ ވަރަށް މުހިންމު ކަންކަމަށް ބޭނުންކުރެވޭނެ ޓެކްނޮލޮޖީއެކެވެ. އެގޮތުން ކަނޑުއަޑީގެ ރޮބެޓިކްސް، ކަނޑުއަޑީގެ ދިރުން ދިރާސާކުރުމަށާއި ކަނޑުއަޑި ތަޣައްޔަރުވުން ވަގުތުން މޮނިޓަރ ކުރުމަށް، ތިމާވެށީގެ ކަންތައްތަކަށް، ކަނޑުގެ ފިނިހޫނުމިން ބެލުމަށް، ޤުދުރަތީ ކާރިޘާތަކާއި ކަނޑުގެ އަޑީގައިވާ ތެޔޮވަޅު ހުންނަ ސަރަހައްދުތައް ދެނެގަތުން ފަދަ ކަންކަން ހިމެނެއެވެ.

އަކުއާ-ފައި އަކީ ވައި-ފައިއަށް ބަރޯސާވާ އެއްޗަކަށް ވާތީ، ކަނޑުއަޑީގައި ބޭނުންކުރާ އާލާތްތަކާއި ވަޞީލަތްތަކުގެ ޖީޕީއެސް ކޯޑިނޭޓްސް ވެސް ޓްރާންސްފަރ ކޮށްދެވޭނެއެވެ. ޝިހާދާ ވިދާޅުވީ، އިންޓަނެޓް ކަނެކްޝަނެއް ނެތި ކަނޑުގެ ލޮނުގަނޑުގެ އަޑިއަށް ޖީޕީއެސް ސިގްނަލް ފޯރުކޮށް ނުދެވޭކަމަށާއި، މި އީޖާދުގެ ސަބަބުން ޖޯގްރަފިކް އިންފޮމޭޝަން ސިސްޓަމް (GIS) އާއި ޗާޓުކުރެހުމުގެ އެހެނިހެން ކަންކަމުގެ ދާއިރާ އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ.

“2019 ވަނަ އަހަރު އަހަރެމެން ވާހަކަދެއްކިން ހުރިހައި އެއްޗެއް ހުރިހައި އެއްޗަކާ ގުޅާލާނެ ގޮތަކާމެދު، އެގޮތުން ކަނޑުއަޑީގައި ބޭނުންކުރާ އާލާތްތަކަށް އިންޓަނެޓް ދިނުމާމެދު އަހަރުމެން ތަޞައްވުރެއް އެކުލަވައިލިން. މުސްތަޤުބަލުގައި އިންޓަނެޓް ފޯރުކޮށްދިނުމުގެ މައިގަނޑު އުންސުރަކަށް (އެލިމެންޓަކަށް) އަކުއާ-ފައި ވާނެ….. އެއިން ކަނޑުއަޑީގެ މަރުކަޒުތައް ގުޅާލާނެ، ޑައިވަރުން، އޮޓޮނޮމަސް ވެހިކަލްތައް ފަދަ އެއްޗެއްސާ ބިމުގައި ހުންނަ ވިއުގަ ތަކާއި ގުޅާލާނެ،” ޝިހާދާ ވިދާޅުވިއެވެ.

“އަކުއާ-ފައި އިން އުފައްދާ ވިއުގަތަކުގެ ކުރިމަގު ވެގެންދާނީ، ކަނޑުއަޑީގެ މާހައުލުގައި ބޭނުންކޮށްލަން ފުޅާ، ފަހެލި އަދި މުއާޞަލާތު ކުރުމަށް އަތްފޯރާފަށުގެ ހައްލަކަށް.”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.