ފިލްމީ ދާއިރާ އަކީ ވެސް ވަރަށް އެހެން ކަހަލަ ދާއިރާ އެކެވެ. އަތުގައި ހިފައިގެން ނިކުންނާނެ މަޝްހޫރު ފަރާތެއް ނެތް ފަންނާނުން މި ދާއިރާގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާން ޖެހެއެވެ. ހަމައެކަނި ފިލްމީ ތަރިއެކޭ ބުނެލާ ހިސާބަށް ދިއުމަށްވެސް ‘ބާރަށް އޮއިވަރު ދެމޭ ކޯރަކުން ސަލާމަތްވުމަށް މީހަކު ފަތާ މިންވަރަށް’ މިދެންނެވި ފަދަ ތަރިން މަސައްކަތް ކުރާން ޖެހެއެވެ.

ނިމިގެން ދިޔަ އަށްވަނަ ފިލްމު އެވޯޑުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ދެ ފަންނާނުންނަށް އެކަނި ބަލައިލިޔަސް މި ދެންނެވި ބަހުގެ ތެދުކަން ހާމަވާނެ އެވެ. މުޙައްމަދު ޖުމައްޔިލް ނިމާލަކީ މަޝްހޫރު ބްރޭންޑެއްގެ ޕްރޮޑަކްޓެކެވެ. އެ ޕްރޮޑަކްޓް އެއްޗަކަށް ހެދުމަށް ސްޕޮންސަރ ދިނީ ނުވަތަ އަތުގައި ހިފީ ރާއްޖޭގައި ފިލްމު އުފެއްދުމަށް މިވަގުތު އެންމެ މަޝްހޫރު އެއް ސްޓޫޑިއޯ ޑާރަކްރެއިން އެންޓަރޓެއިންމެންޓުންނެވެ. އަނެއްކޮޅުން މަޖުދާ އަކީ އެއްލާލާފައި ބޭއްވޭ ވަރަށްވުރެން އަގުބޮޑު ޖަވާހިރެއްކަން ޑާރަކްރެއިން އެންޓަރޓެއިންމެންޓަށް ވިސްނައިދިނީ ޒުވާން ޑައިރެކްޓަރ އަދި ނެށުންތެރިޔާ ރަވީ ފާރޫގެވެ. އެހެންކަމުން މި ދެތަރިންނަށް މިޔޮތީ އިނގިރޭސިބަހުން ބުނާހެން ރަނގަޅު ‘ބްލެސިންގ’ އެއް ލިބިފައެވެ.

އެއްވެސް ބްލެސިންގ އެއް ނެތި، އެއްވެސް ސްޕޮންސަރ އެއް ނުލިބި، ނުވަތަ ފިލްމީ ޚާންދާނަކާއި ގުޅުމެއް ނެތް ދެ ފަންނާނުން ކަމަށްވާ އަޙްމަދު ސަޢީދާއި ފާތިމަތު އާޒިފާ (އަޒޫ) އަށް މިފަހަރުގެ ފިލްމު އެވޯޑުން ލިބިފައި މިވަނީ ކުޑަ ކާމިޔާބީ އެއް ނޫނެވެ. ޔޫސޭ ގެ ‘ދިރިއުޅުމަކީމީބާ؟’ އިން ފިލްމީ ދާއިރާ އަށް ނިކުތް ސައީދު އަކީ ކުލަ އަލި ޖަވާހިރެއް ނޫނެނެވެ. ސައީދު އަށް ޖެހުނީ ކުލަ އަލި ނޫނަސް އެއީވެސް އަގެއްހުރި ޖަވާހިރެއްކަން ސާބިތުކޮށްދިނުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ފަހަރެއްގައި ސައީދުގެ ހިތްވަރަކީ ސައީދު ތަޢުލީމު ހާސިލްކުރި މާލޭ އިންގްލިޝް ސްކޫލްގެ ލަވައިގައި ބުނާހެން ‘ހޭލާށެ ދަރިން، ހޭލާށެ ދަރިން، ވީ ޢަޒުމުކުރާށޭ ހޭލައްވަން.’ ކަމަށް ވެދާނެއެވެ. ހަމަ ގައިމުވެސް އެމްއީއެސް އިން ދަސްވެނިވާ ދަރިވަރުންގެ ގައިގައި ކޮންމެވެސް އަދަބީ ކަމެއް ނުވަތަ ކޮންމެވެސް ފަންނުވެރިކަމެއް ހުންނަ ބީދައިން، ސަޢީދުގެ ގައިގައިވެސް އެކްޓިންގ ގެ ފަންނުވެރިކަން އެބަހުއްޓެވެ. ސައީދު ގެ އެކްޓިންގ ގައި ވަރަށް އަސްލާއި އެއްގޮތް ކަމެއް ހުންނަކަމަށް އަބަދުވެސް ދިވެހި ފިލްމާއި ލަވަތައް ބަލާ މީހުން ބުނަމުންދެއެވެ. 

ލިބުނު ހަމަ ކޮންމެ ރޯލެއް ކުޅެމުންގޮސް، ސައީދަކީ ‘އޯޑިއަންސަށް ވިއްކޭވަރުގެ’ ގާބިލް ކަމެއް ހުރި ފަންނާނެއް ކަން އޭނާގެ ހިތްވަރާއި މިންނަތުން ދައްކާފައި މިވަނީ އެއްމެ އަހަރެއް ދެ އަހަރަކުން ނޫނެވެ. އަށްވަނަ ދިވެހި ފިލްމު އެވޯޑްސް އިން ސައީދަށް ލިބުނު ކާމިޔާބީ އަކީ އޭނާ ވަރަށް އުއްމީދުކުރި އެވޯޑެކެވެ. ސައީދު އަށް މިފަހަރު މި އެވޯޑް ލިބުނީ ފެންވަރު ރަނގަޅު އެކްޓަރުންތަކެއް ނޮމިނޭޓް ވެފައިވަނިކޮށެވެ.

“އަޅުގަނޑު ވަރަށް ޓައިޓްކޮށް ދިޔައީ، އަޅުގަނޑާ ވާދަކޮށްފައި ވަނީވެސް ފެންވަރު ރަނގަޅު މޮޅު ދެތަރިން، ރަވީ އާއި ކޮޕީ އިއްސެ އަކީ މޮޅެތި އެކްޓަރުން، އަނެއްހެން ބުނަންޏާ މީތި ކޮންމެ މީހަކަށް ދިޔަ ނަމަވެސް އަޅުގަނޑު ހެޕީ ވާވަރު މީހުންނާ ވާދަކުރަންތިބީ، ވާދަކޮށްގެން ލިބުން މިއީ ހަމަ ވަރަށް ބޮޑު ކުރިއެރުމެއް،” އެވޯޑް ހަފްލާއަށް ފަހު މީޑިއާ އަށް ސައީދު ދިން ބަސްދީގަތުމެއްގައި ބުންޏެވެ. ސައީދު އަށް ބެސްޓް ސަޕޯޓިންގ އެކްޓަރ ލިބުނީ އަލީ ސީޒަންގެ “އަހްޝަމް” ގައި ކުޅުނު ރޯލުންނެވެ.

އަޒޫގެ ވާހަކަ އަކީވެސް ހަމަ ސައީދުގެ ވާހަކަ ފަދަ ވާހަކަ އެކެވެ. މީގެ އެންމެ ބޮޑު އިއްތިފާގަކީ އަޒޫ ވެސް މި ދާއިރާ އަށް ނިކުތީ ޔުސޭ ގެ ދިރިއުޅުމަކީ މީބާ ސިރީޒް އިންނެވެ. އަޒޫ ވެސް އަންނަނީ ފިލްމުތަކުގައި ވަރަށް ކުދިކުދި ރޯލުތައްވެސް ކުޅެމުންނެވެ. ކުރުފިލްމުތަކާއި ފީޗާ ފިލްމު ތަކުގައިވެސް އަޒޫ ވަނީ ވަރަށް އާދައިގެ ކުދިކުދި ރޯލުތައްވެސް ކުޅެފައެވެ. ނަމަވެސް އަޒޫ އަކީވެސް ހަމަ އޭނާގެ ފިރިމީހާ ސައީދު ފަދައިން ބޭރުފުށުން ބަލާބެލުމަށް މާބޮޑު އޮފުކަމެއް ނެތަކަސް އަގުހުރި ޖަވާހިރެކެވެ. ޖަވާހިރެއްގެ އަގު އެންމެ ރަނގަޅަށް އެނގޭނީ ޖައުހަރީ އަކަށެވެ. އެހެންކަމުން އަޒޫ ގެ ހުރި ޓެލެންޓެއް އެނގިގެން ދާނީވެސް އޭނާ އަށް އެފަދަ ފުރުޞަތު ތަކެއް ލިބިގެންނެވެ. ނިމިދިޔަ ފިލްމު އެވޯޑުން އެކަން މިވަނީ ޔަޤީން ކޮށްދީފަ އެވެ. އަޒޫ އަށް ބެސްޓް ސަޕޯޓިންގ އެކްޓަރ ފީމޭލް ލިބޭނެ ކަމަށް އުއްމީދު ކުރިޔަސް ކުރު ފިލްމުތަކުގެ ބައިން ބެސްޓް އެކްޓަރ ފީމޭލް ލިބޭނެ ކަމަށް އުއްމީދެއް ނުކުރެ އެވެ.

“ސަޕޯޓިން އެކްޓްރެސް އަށް އަޒޫއަށް ހަމަ ވަރަށް ބޮޑު ޔަގީންކަމެއް އޮތް، ބެސްޓް އެކްޓްރެސް އަކަށް އުންމީދެއް ނުކުރަން، ސަޕްރައިޒިން ހަމަ، ވަރަށް އުފާވެރި ރެއެއް މީ،” އެވޯޑް ހަފްލާއަށްފަހު ދިން އިންޓަވިއުއެއްގައި އަޒޫ ބުންޏެވެ. “މިއީ މި ކެރިއާއިން ކުރިއަށް ދިއުމަށް އަޒޫއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،” 

ސަޕޯޓިން އެކްޓްރެސްގެ ރޯލަށް އަޒޫ ނޮމިނޭޓް ވެފައިވަނީ “ފަރިހިބެ 3” އަދި “13 އަށް ވިސްނާ ދެހާސް” އިންނެވެ. ބެސްޓް އެކްޓްރެސްގެ އެވޯޑް އަޒޫއަށް ލިބިފައިވަނީ “ފަރިހިބެ 4” އިންނެވެ. އަޒޫ އަށް ބެސްޓް އެކްޓްރެސްކަން ލިބިފައި މިވަނީ އައްޒަ، ނިއުމާ އަދި ރިޝްމީ ވެސް ބަލިކޮށްފައިކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މިކަމުން ފާހަގަކޮށްލަން ޖެހޭ އަނެއްކަމަކީ އަޒޫ އަކީ މިއަދު ދިވެހި ފިލްމު އިންޑަސްޓްރީގައި ތިބި އެންހެން ތަރިންނާއި ވާދަކޮށް ކުރިއަށް ހުރި ފިލްމު އެވޯޑްތަކުގައި މިއަށްވުރެން ބޮޑު ކާމިޔާބީ އެއް ހޯދިދާނެ ތަރިއެއް ކަމެވެ. ހަތްވަނަ ފިލްމު އެވޯޑްސް އިންވެސް އަޒޫ އަށް ވަނީ ބެސްޓް ސަޕޯޓިންގ އެކްޓްރެސް ގެ މަޤާމު ލިބިފަ އެވެ.

ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް އަށް ވާދަކުރާނެ ކަމަށް ބެލެވޭ ފިލްމުތަކަށް ބާލާއިރު އަޒޫ ކުޅެފައިވާ ފިލްމުތަކުން ވަނީ އެއްކަމެއް އޭނާ ސާބިތު ކޮށްދީފަ އެވެ. އެއީ އަޒޫ އަށް ހަމަ ކޮންމެ ކަހަލަ ރޯލެއްވެސް ވަރަށް ކުޅަދާނަ ކަމާއިއެކު ކުޅެވިދާނެ ކަމެވެ. އެގޮތުން ނޯޓީ40 ގައި އޭނާ ދައްކާފައިވާ މޮޅު އެކްޓިންގ އާއި ބޮސް ގައި ދައްކާފައިވާ އެކްޓިން އަށް އެކަނި ބަލައިލިޔަސް އަޒޫގެ ހުނަރުވެރިކަން ފާހަގަ ކުރެވެއެވެ. ހަމަ މިގޮތަށް ވިޝްކާ އަދި ނޯޓީ40 ގައި ސައީދު ކުޅެފައިވާ ކެރެކްޓަރ ތަކުގައި އޭނާގެ އެކްޓިންއަށް ބަލާއިރު، ކުރިއަށް އޮތް ފިލްމު އެވޯޑް ގައި ސައީދު ވެސް ވެގެންދާނީ ދެން ތިބި ފިރިހެން ތަރިންނާއި ވާދަކޮށްލެވޭ ވަރުގެ ފަންނާނަކަށެވެ. 

މިހިސާބުން އުފެދޭ ސުވާލަކީ ބޮޑު ކާމިޔާބީ އަކާއި ހަމައަށް މި ދެމަފިރިން އެކުގައި، އެއްކަހަލަ ގޮތަކަށް އައިސްފައި ވާއިރު ދެން އަންނަ ދިވެހި ފިލްމު އެވޯޑްގައި މި ދެމަފިރިންނަށް އެމީހުން މިހާރު ހޯދާފައިވާ މަޤާމު ދިފާޢު ކުރެވޭނެތޯ އެވެ؟ އަދި އެއަށްވުރެން ރަނގަޅު ކާމިޔާބެއް ހާޞިލް ކުރެވޭނެތޯ އެވެ؟ ދެ ފަންނާނުންގެ ފަސްމަންޒަރުން ފެނުނު ކުލަތަކަށް ވިސްނާލާއިރު މިއީ ނުވެ ނުދާނެ ކަމެއް ކަމަށް ދަންނަވަން އަޅުގަނޑަށް ކެރިދާނެ އެވެ.!!

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.