މުރަނގަ ގަހަކީ (މޮރިންގާ އޮލެއިފީރާ ގަހަކީ) އެއިން ގިނަގުނަ ފައިދާތަކެއް ލިބިދޭ ގަހެކެވެ. ވަކިން ޚާއްޞަކޮށް މުރަނގަ ފަތަކީ ބޭސްވެރިކަމުގެ ޚާއްޞަ ސިފަތައް އެކުލެވޭ ފައިދާހުރި ފަތެކެވެ.

މިއީ ދެކުނު އިންޑިޔާ، ސްރީލަންކާ އަދި ރާއްޖޭގައިވެސް ފަސޭހައިން ހެދޭ ގަހެކެވެ. ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ބޭނުންކޮށް އުޅޭ ފަތެކެވެ. އިތުބާރުހުރި މަސްދަރުތައް ބުނާގޮތުން، މުރަނގަ ގަހުގެ ހުރިހައި ބައިތަކަކީވެސް 300 އަށް ވުރެން ގިނަ ކަންކަމަށް ހަކީމީ ފަރުވާ ހޯދުމަށް ބޭނުންކުރާ ގަހެކެވެ. (1).

ކަން މިހެން އޮތް ނަމަވެސް، މުރަނގައިން ލިބޭ ފައިދާތަކަކީ ލެބޯރަޓަރީއާއި އިންސާނުން ބޭނުންކޮށްގެން މާގިނަ ޓެސްޓްތަކެއް ހެދިފައިވާ އެއްޗެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ.

މުރަނގަ ގަހުން ލިބޭ ފައިދާތަކަށް ބަލައިލާ އިރު، މިއީ ފިރިހެނުންނަށް ގިނަގުނަ ފައިދާތަކެއް ލިބިދޭ ގަހެއްކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން، މި ލިޔުމުގައި މި ބަލައިލަނީ މުރަނގައިން ފިރިހެނުންނަށް ލިބޭ 04 ފައިދާއެއްގެ މައްޗަށެވެ.

1- ޕްރޮސްޓްރޭޓްގެ ޞިއްޙަތު ރަނގަޅުކޮށްދޭ ކަމަށް ޤަބޫލުކުރެވޭ

މުރަނގަ ގަހުގެ އޮށާއި މުރަނގަ ފަތަކީ އޭގައި ސަލްފަރ އެކުލެވޭ ކަމްޕައުންޑްތައް ކަމަށްވާ ގްލޫކޯސައިނޮލޭޓްސް މުއްސަނދި އެއްޗެކެވެ. އެމެރިކާގެ ނޭޝަނަލް ސެންޓަރ ފޯރ ބަޔޯޓެކްނޮލޮޖީ އިންފޮމޭޝަނުން ކޮށްފައިވާ ދިރާސާއެއް ބުނާގޮތުން މުރަނގަ އޮށާއި މުރަނގަ ފަތުގައި ހުންނަ ގްލޫކޯސައިނޮލޭޓްސް އަކީ ކެންސަރު ޖެހުމުން ދުރުކޮށްދޭ ޚާއްޞަ ސިފަތަކެއް އެކުލެވޭ މާއްދާއެކެވެ. (2).

ޓެސްޓް-ޓިއުބް ސްޓަޑީތައް ދައްކާގޮތުން މުރަނގަ ގަހުގެ އޮށުގައި ހުންނަ ގްލޫކޯސައިނޮލޭޓްސް އަކީ އިންސާނާގެ ޕްރޮސްޓްރޭޓް ކެންސަރު ސެލްތައް އުފެދުން ހުއްޓުވާ ނުވަތަ ދަށްކޮށްދޭ މާއްދާއެކެވެ. (34).

މީގެ އިތުރުން މުރަނގަ އަކީ ބިނައިން ޕްރޮސްޓްރޭޓް ހައިޕަރޕްލޭޒިއާ (ބީޕީއެޗް) ޖެހުމުން ދުރުކޮށްދޭ އެއްޗެއް ކަމަށް ލަފާކުރެވެއެވެ. މި ބައްޔަކީ ނުވަތަ ހާލަތަކީ އުމުރުން ދުވަސް ވުމުން ފިރިހެނުންނަށް ކުރިމަތިވާ ހާލަތެކެވެ. އާއްމުގޮތެއްގައި މިކަމަށް ކިޔައި އުޅެނީ ޕްރޮސްޓްރޭޓް ދުޅަވުމެވެ. މިކަމުގެ ސަބަބުން ކުޑަކަމު ދިއުމަށް އުނދަގޫވެއެވެ. (5).

ދިރާސާއަކުން ދައްކާ ގޮތުން، ހަތަރު ހަފުތާ ވާންދެން މީދަލުގެ ޓެސްޓޯސްޓިއަރޯން ހުންނަ މިންވަރު ކޮންމެ ދުވަހަކު ޗެކްކުރުމަށްފަހު މުރަނގަ ފަތުން ނަގާ ތާސީރު މީދަލަށް ދީ ބިނައިން ޕްރޮސްޓްރޭޓް ހައިޕަރޕްލޭޒިއާ (ބީޕީއެޗް) އަށް އަންނަ ބަދަލުތައް ބެލިއެވެ. މިކަމުން އެނގުނީ ޕްރޮސްޓްރޭޓްގެ ބަރުދަން ވަރަށް ބޮޑަށް ދަށްކޮށްދޭ ކަމެވެ. (6).

މި ދިރާސާއިން އިތުރަށް ދައްކާގޮތުން، ކުރިން މިބުނި ތާސީރު، މީދަލަށް ދިނުމުން ޕްރޮސްޓްރޭޓް ގްލޭންޑުން އުފައްދާ ޕްރޮޓީނެއް ކަމަށްވާ ޕްރޮސްޓްރޭޓް-ސްޕެސިފިކް އެންޓިޖަންގެ މިންވަރު ދަށްކޮށްދެއެވެ. މި އެންޓިޖަންގެ މިންވަރު މަތިވުމަކީ ޕްރޮސްޓްރޭޓް ކެންސަރު ޖެހުމުގެ އަލާމާތެއް ކަމަށް ވެއެވެ. (6).

މި ދިރާސާއިން ހޯދިފައިވާ އެންމެ ފަހު ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަމަކީ ގަހުން ނަގާ ތާސީރުން ފަރުވާ ދީފައިވާ މީދަލުގެ ޓެސްޓޯސްޓިއަރޯންގެ މިންވަރު ދަށްކޮށްދޭ ކަމެވެ. އިންސާނުންގެ ހަށިގަނޑުގައި ޓެސްޓޯސްޓިއަރޯންގެ މިންވަރު ދަށްވުމަކީ ޖިންސީ އެދުންވެރިކަން ދަށްވުމާއި ފިރިހެން ހަށީގައި ވަރުޖެހުމުގެ މައްސަލަ ކުރިމަތިވާ ކަމެކެވެ. (7).

ކަން މިހެން އޮތް ނަމަވެސް، މުރަނގައިން އިންސާނުންގެ ޕްރޮސްޓްރޭޓް ޞިއްޙަތަށާއި ފިރިހެނުންގެ ޓެސްޓޯސްޓިއަރޯންގެ މިންވަރު ދަށްކޮށްދޭތޯ އިތުރަށް ދިރާސާތައް ކުރަން ޖެހެއެވެ.

2- ޖިންސީ ވަޅޯކަމަށް ފަރުވާއެއް ލިބިދާނެ

ފިރިހެނުންގެ ޖިންސީ ހަށީގައި ވަރުނެތުން ނުވަތަ އިރެކްޓައިލް ޑިސްފަންކްޝަން (އީޑީ) އަކީ ޖިންސީ އެދުން ފުއްދުމަށް އެކަށީގެންވާ ވަރަށް ފިރިހެނާގެ ޖިންސީ ގުނަވަނުގައި ވަރުނުޖެހުމެވެ. ނުވަތަ ޖިންސީ ވަޅޯކަން ކުރިމަތިވުމެވެ.

އާއްމު ގޮތެއްގައި މި ހާލަތު ކުރިމަތިވަނީ ލޭގެ ހިނގުމަށް ބަދަލެއް އައިސްގެންނެވެ. އެއީ ލޭ މައްޗަށް ދިއުން، ލޭގައި ފެޓްސްގެ މިންވަރު މާބޮޑަށް އިތުރުވުން ނުވަތަ ހަކުރުބަލި ފަދަ ބައްޔެެއް ޖެހުމުގެ ސަބަބުންނެވެ. (8).

މުރަނގަ ފަތުގައި ހުންނަ ޕޮލީފިނޯލްސް ކަމްޕައުންޑަކީ ނައިޓްރިކް އޮކްސައިޑް އުފެއްދުން އިތުރުކޮށްދީ ލޭގެ ޕްރެޝަރު ދަށްކޮށްދީ ލޭޭގެ ހިނގުން ރަނގަޅުކޮށްދޭ މާއްދާއެކެވެ.

މީގެ އިތުރުން، މުރަނގަ ފަތާއި އޮށުގެ ތާސީރު، މީދަލަށް ދިނުމުން ޖިންސީ ވަޅޯކަމާއި ގުޅުން ހުންނަ މައިގަނޑު އެންޒައިމްސްތައް އުފައްދައިދީ ލޭގެ ޕްރެޝަރު ރަނގަޅުކޮށްދީ ނައިޓްރިކް އޮކްސައިޑް އުފައްދައިދޭ މިންވަރު ދަށްކޮށްދެއެވެ. (910).

އެހެން ދިރާސާއަކުން ދައްކާގޮތުން، މުރަނގަ އޮށުން ނަގާ ތާސީރު، ޞިއްޙަތު ރަނގަޅު މީދަލަށް ދިނުމުން އެސޮރުމެންގެ ފިރިހެން ހަށީގެ އޮމާން މަސްތައް ރިލެކްސް ކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން އެ ގުނަވަނަށް އިތުރަށް ލޭ ދައުރުވާގޮތް ވެއެވެ. މި ތާސީރު ބޭޭނުންކުރުމުން ހަކުރުބަލި ޖެހިފައިވާ މީދަލަށް ކުރިމަތިވެފައިވާ ޖިންސީ ވަޅޯކަން ރަނގަޅުކޮށްދެއެވެ. (11).

އެހެން ނަމަވެސް، މިއަދާ ހަމައަށްވެސް، މިކަމުގެ ދިރާސާއެއް ނުވަތަ ތަހުލީލެއް އިންސާނުން ބޭނުންކޮށްގެން ކޮށްފައެއް ނުވެއެވެ. އެހެންކަމުން އިންސާނުންނަށް ކުރިމަތިވާ ޖިންސީ ވަޅޯކަމަށް ސީދާ ހައްލެއް، މުރަނގައިން ލިބޭކަން އަދި ވަނީ ނުހޯދިއެވެ.

3- މުޑުވައް ރަނގަޅުކޮށްދޭ ކަމަށް ބެލެވޭ

ދަރިން ނުލިބުމުގެ މައްސަލަތަަކަށް ބަލައިލާއިރު، ދަރިން ނުލިބެނީ ފިރިހެނުން މީހާގެ މައްސަލައަކުން ކަމަށް މިފަދަ ކޭސްތަކުގެ 40 އިންސައްތަ ދައްކައެވެ. ދަރިފަނި އުފެދޭ މިންވަރު މަދުވުމުން ނުވަތަ ދަރިފަނީގެ ބާރު ދަށްވުން މިއީ މިގޮތުން ކުރިމަަތިވާ އާއްމު ސަބަބުތަކެވެ. (12).

މުރަނގަ ފަތާއި އޮށަކީ ރަނގަޅު އެންޓިއޮކްސިޑެންޓެކެވެ. އެހެންކަމުން މިއީ ދަރިފަންޏަށް ކުރިމަތިވާ އޮކްސިޑޭޓިވް ގެއްލުން ކުޑަކޮށްދޭ މާއްދާއެކެވެ. އޮކްސިޑޭޓިވް ގެއްލުން ލިބުމުން ދަރިފަނި އުފެދުމާއި ދަރިފަނީގައި ހުންނަ ޑީއެންއޭ އަށް ގެއްލުން ލިބޭގޮތް ވެއެވެ. (1314).

މީދާ ބޭނުންކޮށްގެން ކޮށްފައިފާ ތަހުލީލުތަކަކުން ދައްކާގޮތުގައި މުރަނގަ ފަތުގެ ފުށް (ހިއްކައިގެން ޕައުޑަރ އަށް ހަދައިގެން) ބޭނުންކުރުމުން މަނި އުފައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން މަނީގައި ހުންނަ ދަރިފަނީގެ އަދަދު އިތުރުކޮށްދެއެވެ. (1516).

މީދާ ބޭނުންކޮށްގެން ކޮށްފައިވާ އިތުރު ތަހުލީލުތަކުން ދައްކާ ގޮތުން، މުރަނގަ ފަތުގައި ހުންނަ އެންޓިއޮކްސިޑެންޓް ސިފަތަކުގެ ސަބަބުން ކުރުގެޅިފައި ހުންނަ އުރަވަޅި ހުންނަ މީހުންގެވެސް ދަރިފަނީގެ ޢަދަދު އިތުރުކޮށްދެއެވެ. (1317).

މީގެ އިތުރުންވެސް، މުރަނގަ ފަތުގެ ތާސީރު މީދަލާއި މުސަޅަށް ދީގެން ކޮށްފައިވާ ތަހުލީލުތަކުން ދައްކަނީ މާބޮޑަށް ހޫނުގަދަ ވުމުގެ ސަބަބުން، ކީމޯތެރަޕީގެ ސަބަބުން ނުވަތަ މޯބައިލް ފޯނުން ބޭރުވާ އިލެކްޓްރޯމެގްނެޓިކް ދޯދީގެ ސަބަބުން ދަރިފަނި މަރުވުން ނުވަތަ ނެތި ދިއުން ކުޑަކޮށްދޭ ކަމަށެވެ. (16 18 19 ).

މިއީ ވަރަށް ބޮޑު އުއްމީދެއް ގެނެސްދޭ ނަތީޖާތަކަކަށް ވީހިނދު، މިކަންކަމަށް ނިންމުމެއް ގެނައުމަށްޓަކައި އިންސާނުން ބޭނުންކޮށްގެން ތަހުލީލުތަކެއް ކުރަން ޖެހޭކަން ފާހަގަކޮށްލެވެއެވެ.

4- ލޭގައި ހުންނަ ހަކުރު ކޮންޓްރޯލުކޮށްދޭ ކަމަށް ވޭ

ޓައިޕް 2 ޑައިބެޓީސް ޖެހެނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޕެންކްރިއަސް އިން އިންސިއުލިން އުފައްދައިދިނުމަށް ނުކުޅެދުމުންނެވެ. އާއްމުކޮށް މި ވައްތަރުގެ ހަކުރުބަލި ޖެހުމާ ގުޅިފައިވަނީ މާބޮޑަށް ބަރުދަން އިތުރުވުމާއި ފަލަބައްޔެވެ. އާއްމުކޮށް މި ވައްތަރުގެ ހަކުރުބަލި ޖެހެނީ މެދު އުމުރުގެ ނުވަތަ އެއަށް ވުރެ ދުވަސްވީ މީހުންނަށެވެ. މި ބަލި ގިނައިން ޖެހެނީ ފިރިހެނުންނަށެވެ.

މީދާ ބޭނުންކޮށްގެން ހަދާފައިވާ ތަހުލީލުތަކަކުން ދައްކާގޮތުން މުރަނގަ ފަތުގެ ތާސީރު ދިނުމުން މީދަލުގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދެއެވެ. އެކަން ކޮށްދެނީ އިންސިއުލިން އުފައްދައިދޭ މިންވަރު އިތުރުކޮށްދީގެންނާއި ސެލްތަކަށް ގުލްކޯޒް ފޯރުކޮށްދީގެންނެވެ. (22).

އެހެން ދިރާސާއަކުން ދައްކާގޮތުން، ސިއްޙަތު ރަނގަޅު 10 މީހުންނަށް 04 ގްރާމުގެ މުރަނގަ ފަތުގެ ފުށް ދިނުމުން އިންސިއުލިން އުފައްދައިދޭ މިންވަރު އިތުރުކޮށްދެއެވެ. މިކަން މިހެން ވާއިރު، ލޭގައި ހުންނަ ހަކުރުގެ މިންވަރަކަށް ބަދަލެއް ނާދެއެވެ. (23).

މަސްދަރު: https://www.healthline.com

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.