ޔޫއްޕެ ޕްރޮޑަކްޝަންސް‘ގެ އަލަތު ޑްރާމާ ސީރީޒް ”ހުވާކޮށްފާ ބުނަން“ގެ ޓްރެއިލަރ މިމަހު 10 ގައި ރިލީޒްކުރާނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ. ޓްރެއިލަރ ރިލީޒްކުރާނީ ’ޔޫއްޕެ ޕްރޮޑަކްޝަންސް ޔޫޓިއުބް ޗެނަލް’ މެދުވެރިކޮށެވެ.

ތިން މިނެޓްގެ ދިގު ޓްރެއިލަރ އަންނަ ހޮނިހިރު ދުވަހު ރިލީޒްކުރުމަށް ނިންމާފައިވާއިރު، ސީރީޒްގެ ޓީޒާއެއް މީގެ ކުރިން ވަނީ ދައްކާލާފައެވެ.

މުނިއަވަސް އަށް ޔޫއްޕެ ބުނީ ސީރީޒްގެ ފުރަތަމަ ސީޒަންގެ ބޮޑު ބައިގެ ހުރިހައި މަސައްކަތެއް އެއްކޮށް ނިމިފައިވާކަމަށެވެ. އިތުރަށް ޔުއްޕެ ބުނީ ފުރަތަމަ ސީޒަންގެ އެޕިސޯޑްތަކުން ނުނިމި އޮތީ ގާތްގަނޑަކަށް ފަސް ވަރަކަށް އެޕިސޯޑް ކަމަށެވެ.

ރާއްޖޭގެ އެންމެ ހުނަރުވެރި ފިލްމީ ތަރި، ޔޫސުފު ޝަފީޢު (ޔޫއްޕެ) ބުނީ ބަޔަކަށް ސީރީޒް ވިއްކައިނުލެވިގެން އުޅެނީ ސީރީޒްގެ ބޮޑު ބައި ނިންމާފައި ނޫނީ ވިއްކައިލަން ބޭނުންނުވާތީ ކަމަށެވެ. ސީރީޒްގެ މަސައްކަތްތައް ޕްލޭންކުރި ގޮތަށް ކުރިއަށް ނުދިޔައީ ކޮވިޑް-19 ގެ ކަންތައް ތަކާއި ރޭގަނޑުގެ ޝޫޓިންތައް ހިމެނޭތީއާ ކުދިކުދި ބައެއް ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.

މީގެ އިތުރުން ސީރީޒްގެ ކާސްޓަށް ތަރިންތަކެއް އިތުރުކޮށްފައިވާ ކަމަށާއި ސީރީޒް ބަޔަކާ ހަވާލުކުރާނީ ބޮޑު ބައިގެ މަސައްކަތް އެއްކޮށް ނިންމުމަށް ފަހުގައި ކަމަށް ވެސް ޔޫއްޕެ ފާހަގަކުރިއެވެ.

ތިން ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ 26 އެޕިސޯޑްގެ ލޯބީގެ ޑްރާމާ ސީރީޒްގެ މައިގަނޑު ތަރިންނަކީ އަޙްމަދު ސަޢީދު، އަޙްމަދު އީސާ (އާނަންދު)، މުހައްމަދު މުސްޠަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝިޔާގެ އިތުރުން ނާޝިދާ މުޙައްމަދު (ނާއްކޮ) އެވެ.

ލޯތްބާއި އިޖުތިމާއީ މައްސަލަތަކެއް ދައްކުވައިދޭ މި ސީރީޒަށް އަލަށް އިތުރުކުރި ތަރިންގެ ތެރޭގައި މުޙައްމަދު ފައިސަލް، އިރުފާނާ އިބްރާހީމް (އިރޫ)، ޢަލީ ޔޫޝަޢުގެ އިތުރުން “އެހެނަސް” ސީރީޒް އިން ފެނިގެންދިޔަ އައިސްޓީވީގެ ޕްރެސެންޓަރ ދޮނާ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.

ޔޫއްޕެގެ ސްކްރީންޕްލޭ އަކަށް ޔޫއްޕެ ޑައިރެކްޓްކުރާ މި ސީރީޒް ކެމެރާކޮށް ޕޯސްޓް ޕްރޮޑަކްޝަން ހަދަނީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.