ޑާކް ރެއިން އެންޓަޓެއިންމެންޓުން މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ސިޓްކޮމް ވެބް ސީރީޒް “ރޫމީ އާ ޖަންނަތު“ގެ ރޯލުން ފެނިގެންދާނީ ކޮން ދެ އެކްޓަރުންނެއްތޯ މިއީ މިހާރު ދިވެހި ފިލްމީ މަސައްކަތްތަކަށް ލޯބިކުރާ ފަރާތްތަކުގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.
ސިޓްކޮމް ވެބް ސީރީޒް “ރޫމީ އާ ޖަންނަތު“ގެ އިތުރު މަޢުލޫމާތެއް ޑާކް ރެއިން އިން ހިއްސާކޮށްފައި ނުވިޔަސް، އެ ސީރީޒަށް ބޭނުންކުރާނެ އެޕާޓްމެންޓެއް ހެދުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ. ރޯމިއޯ އެންޑް ޖޫލިއެޓްގެ ނަމާއި އެއްގޮތަށް ނަމުގައި އަޑުތައް ހުރި “ރޫމީ އާއި ޖަންނަތު“ގައި ފެނިގެންދާނީ ޑާކް ރެއިންގެ އުފެއްދުންތަކުން ފެންނަ މޫނުތަކެއް ކަމަށް ޤަބޫލުކުރެވެއެވެ.
“ރޫމީ އާ ޖަންނަތު” އަށް ދޮން އައްޔަ އާއި ނުޒޫ
މިއީ ވެސް މި ރޯލުން ފެނުން އެކަށީގެންވާ ދެ މޫނެކެވެ. “ރޫމީ އާ ޖަންނަތު” އަކީ ސިޓްކޮމް އަކަށް ވެފައި، ކޮމެޑީ ރޯލުތަކަށް ޢަލީ އާޒިމް (ދޮން އައްޔަ) އަކީ ހަމަ ގައިމުވެސް ވަކިން ދެރަ ފަންނާނަކަށް ނުވާނެއެވެ. މީގެ އިތުރުން ދޮން އައްޔަ އަކީ ރާއްޖޭގެ ފުރަތަމަ ސިޓްކޮމްގައި ވެސް މަޖާ ކެރެކްޓަރ އެއް އަދާކުރަމުން އަންނަ ފަންނާނެކެވެ. އަނެއްކޮޅުން ނުޒުހަތު ޝުޢައިބް (ނުޒޫ) އަކީ ކޮންމެ ކެރެކްޓަރ އެއްވެސް، ނުހަނު މޮޅަށް ކުޅެފާނެކަން ސާބިތުކޮށްދެމުން އަންނަ ހުނަރުވެރި ތަރިއެކެވެ.
“ރޫމީ އާ ޖަންނަތު” އަށް ފުބޫ އާއި މަޖޫ
“ރޫމީ އާ ޖަންނަތު“ގެ ކެރެކްޓަރ އަށް އަބްދުﷲ ޝާފިއު (ފުބޫ) އާއި މަރްޔަމް މަޖުދާ (މަޖޫ) ކިހިނެއްވާނެ ހެއްޔެވެ؟ ހަމަ ގައިމުވެސް ފުބޫ އަކީ ކޮމެޑީ ރޯލަކަސް، ލޯބީގެ ރޯލަކަސް އަދި ނުބައިބައި ރޯލަކަސް މޮޅަށް ކުޅެލާނެ ތަރިއެއްކަން މިހާތަނަށް އޭނާ ފެނިފައިވާ އުފެއްދުންތަކުން ސާބިތުކޮށްދެއެވެ. އަނެއްކޮޅުން މަޖޫ އަކީ ވެސް ހަމަ ކޮންމެ ރޯލެއް މޮޅަށް ކުޅޭނެ ތަރިއެއްކަން އޭނާއަށް ލިބިފައިވާ އެވޯޑާއި ކުޅެފައިވާ ފިލްމުތަކުން މާ ބޮޑަށް ވެސް ސާބިތުކޮށްދެއެވެ.
“ރޫމީ އާ ޖަންނަތު” އަށް ސަޢީދު އާއި އަޒޫ
“ރޫމީ އާ ޖަންނަތު“ގެ ކެރެކްޓަރ އަށް އަސްލު ދެމަފިރިން ލުން ކިހިނެއްވާނެ ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އަޙްމަދު ސަޢީދު އާއި ފާޠުމަތު އާޒިފާ (އަޒޫ) ވަރެއް ހަމަ ނޯންނާނެއޭ ވެސް ބުނެވިދާނެއެވެ. މި ދެ ފަންނާނުންނަކީ ހަމަ ގައިމުވެސް ކޮމެޑީ ވިޔަސް، ލޯބީގެ ރޯލެއް ވިޔަސް، އަދި ނުބައިބައި ރޯލެއް ވިޔަސް އެންމެ މޮޅަށް ކުޅެލާނެ ދެ ފަންނާނުންކަމަށް ފިލްމީ ދާއިރާގެ އުފެއްދުންތައް ހެކިވާނެއެވެ.
ސަޢީދަކީ ރޫމީ ކަމަށް ނުވިޔަސް، މިފަދަ ސިޓްކޮމް އެއްގެ ލޮނު ހެޔޮވަރުކޮށްލަން އެންމެ ރަނގަޅު އެއް ފަންނާނުކަމަށް ފާހަގަކުރެވެއެވެ. ހަމަ އެހެންމެ އަޙްމަދު ސުނީ ވެސް މި ސިޓްކޮމް އިން ފެނިގެން ދިއުމަކީ އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.

ރޫމީ އާ ޖަންނަތުގެ އެޕާޓްމެންޓް ތައްޔާރުކުރަނީ – ފޮޓޯ: ޑީއާރްއީ
“ރޫމީ އާ ޖަންނަތު” އަށް ތަރިން ނެގުމަކީ އަޅުގަނޑުމެންގެ ކަމެއް ނޫނެވެ. އެހެން ނަމަވެސް މި ސީރީޒާމެދު ކުރެވޭ އުއްމީދުގެ ބޮޑުކަމުން އޭގެ މައިގަނޑު ދެ ކެރެކްޓަރ އަދާކުރަން ނަގާނީ ކޮން ބައެއްތޯ އުފެދޭ ސުވާލާމެދު އަޅުގަނޑުގެ ގަލަން ހިންގައިނުލާ ނުހުރެވުނީކަމަށް ވެސް ވެދާނެއެވެ.
“ރޫމީ އާ ޖަންނަތު” ސިޓްކޮމްގެ ސްކްރީންޕްލޭ ލިޔަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި އަޙްމަދު ޠަލާލެވެ. ޕްރޮޑިއުސްކުރަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!