ޅެންވެރިކަމުގެ އަސާސީ އަދި އެޑްވާންސް ހުނަރު ދަސްކޮށްދިނުމަށް އީސާ އޮންލައިން ޕޮޔެޓްރީ (އީއޯޕީ)ން ޢީޝާ ޝަރީފާއި އޭނާގެ އެހީތެރިން ފުވައްމުލަކު ސިޓީ ކައުންސިލާއި ގުޅިގެން ފުވައްމުލަކުގައި ކުރިޔަށް ގެންދެވި ކްލާސްތަކުގެ ނިމުން 10 އޮކްޓޫބަރު 2020 ވީ ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލަކު ކުރުނދުމާ މާލަމުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށް ސެޓްފިކެޓް ދިނުމުގެ ހަފުލާ ބާއްވައިފިއެވެ.
“ފުވައްމުލައް ކޯދު”ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ކޯހަކީ 52 ދަރިވަރަކަށް ދެދަންފަޅިއަށް ބަހާލައިގެން ހަވީރާއި ރޭގަނޑު ސީދާ ކްލާސް ނަންގަވައިގެން ކުރިޔަށް ގެންދެވި ކުލާސްތަކެކެވެ. މި ބެޗްގަައި ކިޔަވައިދެއްވުން ކުރިޔަށްގެންދެވީ އޭނާ ފުވައްމުލަކުގައި ހުންނަވައިގެންނެވެ.
މި ކޯހުގައި ލެވަލް 1 އަދި ލެވަލް 2 އަށް ކިޔަވައިދެއްވިއެވެ. ސެޕްޓެމްބަރު 30ން އޮކްޓޫބަރު 10ށް ބޭއްވުނު މި ކޯހުގައި ލެވަލް 1ގައި ޅެމުގެ ހަމަތަކާއި އެތުރުން އަދި ވައްޓަފާޅި ފަދަ ހުނަރުތައް ދަސްކޮށްދެއްވީ ސީދާ ޢީސާ ޝަރީފެވެ. އެއަށްފަހު މެދު ކެނޑުމެއްނެތި ލެވަލް 2ގެ ކިޔަވައިދުނުން ކުރިއަށްގެންދެވީ ޢީސާ ޝަރީފުގެ އިތުރުން ތަޖުރިބާކާރު، މަޝްހޫރު ޝާޢިރު ފަރެސް މުޙައްމަދު ޢާމިރެވެ. އޭނާ މައިގަނޑުގޮތެއްގައި ކިޔަވައިދެއްވީ ބަލާޣާތް ޢިލްމުގެ ބައިތަކާއި އެ އުކުޅުތައް ޅެމުގައި ބޭނުންކުރާނޭ ގޮތާއި އެ ޙާލަތުތަކެވެ.
އީއޯޕީން ކުރިޔަށް ގެންދެވި މި ކްލާސްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީވެސް މަޝްހޫރު ޝާއިރު އަދި ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް) އެވެ. ބައިވެރިންނާ މުޚާޠަބު ކުރައްވާ ޢާމިރު ވިދާޅުވީ. “މިޙަރަކާތް ހިނގާދިޔަގޮތަށް ބަލާލާއިރުގައި މިއީ ރަނގަޅު މިސާލެއް. މުޖުތަމަޢު ތެރެއިން ކަންތައްތަކެއް ބޭނުންވި ބަޔަކު އެކަން ޙާޞިލްކުރެވޭތޯ މަސައްކަތްކުރެއްވި. އެހިސާބުން ފެނުނީ ވެރިކަމުގެ ފަރާތުން އޭގައި ބައިވެރިވެވަޑައިގެންނެވި ތަން. އެކަމަށް ބޭނުންވާ މަގު ތަނަވަސްކޮށްދެއްވި ތަން. އެމަސައްކަތަށް ހިތްވަރު ދެއްވި ތަން. އަދި މުސްތަޤުބަލުގައިވެސް އެކަން އެގޮތަށް ކުރެއްވުމަށް ބާރުއަޅުއްވާތަން.” ޢާމިރުގެ މިވާހަކަފުޅުން މިކަމަށް ފުވައްމުލަކުގެ ސިޓީކައުންސިލް ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވައި ވަރަށް ގާތުން ކަންކަން ބައްލަވަމުން ގެންދެވިކަން ހާމަވެއެވެ.
މިރަސްމިއްޔާތުގައި ކޯހުގެ ބައިވެރީންނަށް ސެޓްފިކެޓްތައް ބައްސަވައިދެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަހުމަދު ނިޖާޙު އާއި ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސަޢީދުއާއި ފުވައްމުލަކު ޓީއާރުސީ ކޯޑިނޭޓަރ އަލީ ޖަވާދުއެވެ.
“މިއީ ޢާންމުންގެ މެދުގައި ރާއްޖޭގައި މިހައިތަނަށް ހިންގުނު މިފަދަ އެންމެ ބޮޑު ޙަރަކާތް. އަދި އެންމެ ކާމިޔާބު ޕްރޮގްރާމް. މިރަށަކީ ޅެންވެރިކަމުގެ އާދަޔާ ޚިލާފު ޝަޢުޤެއް ސާބިތުކަމާއެކު ދެއްކި ރަށެއް. މިކޯހުގައި ބައިވެރިވި 52 ދަރިވަރުންގެ ތެރެއިން ފަންސަވީހަކަށް ދަރިވަރުން ވަރަށް ރީތިކޮށް ޅެން ހެއްދެވި. މިއީ އަދި މަސައްކަތް އަޅުގަނޑާ ޙިއްސާކުރެއްވި ބައެއް ދަރިވަރުން. އެކި ސަބަބުތަކާހުރެ ސިއްރުންކޮށްގެން މަޑުމަޑުންވެސް ކުޅަދާނަ ދަރިވަރުން ތިބުމީ ގާތް ކަމެއް. މުޅި ކޯހަށް ވިސްނާލާއިރު އާދަޔާ ޚިލާފު ދެތިން ދަރިވަރެއް ފާހަގަ ކުރެވޭ.” ކޯހާ ބެހޭގޮތުން ކޯހުގެ މޭސްތިރިޔާ ޢީސާ ޝަރީފު ވިދާޅުވިއެވެ.
ކޯހުން ޙާޞިލްވީ މިންވަރާމެދު ބައެއް ދަރިވަރުންނާ ސުވާލުކޮށްލީމެވެ.
“ކުރިން ވެސް ކޮންމެވެސް ވަރަކަށް ޅެމާ ލަވަޔާ މަދަޙަވެސް ހަދަައި އުޅުނިން. އެއީ ޅެންވެރިކަން ދަސްކޮށްދޭ ސެޝަން ތަކެއްގައި ތިން ފަހަރަކު ބައިވެރިވެގެން އެނގިފައި ހުރި އެއްޗަކާ ދެން އަމިއްލައިން މި ހުނަރު ތަރައްގީ ކުރެވޭތޯ ކުރަމުން އައި މަސައްކަތުން އެނގިފައި ހުރި އެއްޗެއްގެ ބޭނުން ކޮށްގެން. އީއޯޕީއިން ހިންގި ސެޝަންތަކުގައި ބައިވެރިވުމުން ކުރިން އުންމީދު ނުކުރާ މިންވަރަށް މި ރޮނގުން މަޢުލޫމާތު ލިބުނުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު. އަދި ކުރިން އެނގިފައި ހުރި ބައެއް ކަންކަން އެނގިފައި އޮތީ އެންމެ ރަނގަޅަށް ނޫންކަންވެސް އެނގުނު. ކިޔަވައި ދިނުމުގެ ދާއިރާގައި އުޅޭ މީހަކަށް ވާތީ މި ކޯހުގައި ކިޔަވައި ދެވުނު ބަލާޣާތުގެ ބަޔަކީ ޅެންވެރިކަމުގެ އިތުރަށް އަދަބީ ލިޔުންތަކުގައި ވެސް މަތީ ދަރަޖައަކަށް ބޭނުން ކުރެވޭނެ ބަޔަކަށްވާތީ މި ސެޝަންތައް ވެގެން ދިޔައީ އަޅުގަނޑަށް ވަރަށް ބޮޑަށް ވެސް ބޭނުންތެރި ސެޝަން ތަކަކަށް.” ކޯހުގެ ބައިވެރިއެއްް ކަމަށްވާ ޝާހީން މުޙަންމަދު ފާހަގަކުރިއެވެ.
އީސަ ވިދާޅުވީ، ކޯހުގެ ބައިވެރިންނަށް ބަލައިލާއިރު ތަފާތު އުމުރުގެ ބައިވެރިން ތިބި ނަމަވެސް އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ %90 އަންހެނުން މިބެޗްގައި ކިޔަވަމުން ދިޔަކަމެވެ. މިބައިވެރިންގެ ތެރެއިން ކުރިންވެސް މަދުމަދުން ލަވަހައްދަވާ އަދި ޕްރޮޑިއުސް ކުރައްވާ ޢަލީ ސަޢީދު (ސައިއްޓޭ) ވިދާޅުވީ: ” މި ކޯހުގައި ބައިވެރި ވުމުގެ ކުރިންވެސް އަޅުގަނޑަކީ ލަވަ ހަދަމުން އައި މީހެއް. އެހެންނަމަވެސް ލަވަ ހަދަމުން އައީ މިކަމުގެ އެއްވެސް ޢިލްމެއް ނެތި. އެކަމަކު އީސަ ޝަރީފު މި ރަށަށް ވަޑައިގެން ހިންގެވި ޅެމާއި ލަވަ ހަދަން ދަސްކޮށްދޭ ކޯސް ފުރިހަމަ ކުރުމުން އަޅުގަނޑަށް ވަރަށް ބައިވަރު އެއްޗެހި ތަކެއް ދަސްވެގެން ދިޔަ. އޭގެ ތެރޭގައި ޅެމާއި ލަވައިގެ ގަވާއިދާއި އެ އެ އަތުރާލާފައި ހުންނަން ޖެހޭ ގޮތްތައް ވަރަށް ރަނގަޅަށް ދަސްވި އަދި އޭގެ އިތުރަށްވެސް ޅެމާއި ލަވަ ރީތި ކުރަން ބޭނުންކުރެވިދާނެ އިތުރު ހުނަރުތަކާއި އުކުޅުތައްވެސް މި ކޯހުގެ ތެރެއިން އަޅުގަނޑަށް ދަސްވި”
މީގެ އިތުރުން ޢީސާ ޝަރީފު ވިދާޅުވީ މިކޯހަކީ ވަރަށް ތަފާތު ތަޖުރިބާ ތަކެއް ކަމަށާއި މުޅިން އަލަށް މިދާއިރާ ޚިޔާރުކުރި ވަރަށް ކުޅަދާނަ ކަނބަލުންވެސް އެބަތިއްބެވި ކަމަށާއި އެގޮތުން ވަރަށް ބޮޑަށް އަޅުގަނޑު ހުރިހައި ނަންތައް ހާމަނުކުރިޔަސް އެއް ނަމެއް ފާހަގަކޮށްލަން ބޭނުންވާކަމަށެވެ.
“އެއީ ޚަދީޖާ މުޙަންމަދު، މީނަޔަކީ ވަރަށް ތަފާތު މިޞްރާބުން މަންޒަރަރާއި ޙާލަތު ބަޔާންކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އާޓިސްޓެއް.” ޢީސާ ޝަރީފް ފާހަގަކުރެއްވިއެވެ.
“ހިތަށްވެސް ނާރާ މިހައި ކުރު ކޯހަކުން މިފެންވަރަށް ދަސްވެދާނެ ކަމަކަށް. އެންމެ ދިހަވަރަކަށް ދުވަސްތެރޭ ކުރެވުނު މަސައްކަތުން ފުރަތަމަ ލިޔެވުނު ޅެމުންވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ. އީސަ ސަރ އަށް ދައްކާލުމުން ޖެހިގެން އައި ދުވަހު ކުލާހުގައި ހުރިހައި ބައިވެރިންގެ ކުރިމަތީގައި ކިޔައިދެއްވާފައި ސާބަސް ދެއްވުމުން އުފަލުން ފެންކަޅިވި. އަޅުގަނޑު ހީކުރީ ދަރިވަރަކަށް ހިތްވަރުދެއްވުމަށް ދެއްކެވި މިސާލެއްކަމަށް. ނަމަވެސް ތަކުރާރުކޮށް ވިދާޅުވި ވަރަށް ހިތްހަމަޖެހޭ ކަމަށާ އަދި ސަރ ބޭނުން ގޮތްތައް ޅެމުގައި ހުރިކަމަށް. އެލިބުނު ހިތްވަރުގައި ތިން ހަތަރު ޅެމެއް ކޯސް ނިމުމުގެ ކުރިން ލިޔެލިން.” ޙަދީޖާ މުހަންމަދު އަށް ކުރެވުނު އުފާވެރި ތަޖުރިބާ ހިއްސާކުރައްވަމުން ހާމަކުރެއްވިއެވެ.
ހައްޖަގެ ހުނަރާމެދު އީސައާ ސުވާލުކޮށްލުމުން ދެއްކެވީ ޅެމެކެވެ. ވިދާޅުވީ މީ ޖަވާބަކަށް ފުދޭނޭ ކަމަށް ހީކުރައްވަން ކަމަށެވެ.
މިކޯސް ހިނގަމުން ދިޔަ ދުވަސްވަރު ދަރިވަރުންގެ އެއްބާރުލުން ލިބެމުންދިޔަތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން އީސަ ވިދާޅުވީ: “ކޮންމެ ކްލާހެއް ނިމުމުން ސައެއް ނޫނީ ކެއުމެއް ކޮންމެސް ބައިވެރިންކޮޅެއް ރާވާ. މީގެ އިތުރުން ތަފާތު މާހައުލުގައި ކުދިކުދި ޕާޓީ ބޭއްވެމުން ދިޔަ. ވަރަށް ހިތުން ފޮހެލަން ދަތި އެކުވެރިކަމެއް ހުރިހައި ދަރިވަރުން ނާއި އަދި ސިޓީކައުންސިލްގެ އެންމެހައި ބޭޅުން ދެއްކެވީ. މިހައި އުފާވެރި މާހައުލެއް އަދި މިފަދަ ޕްރޮގްރާމަކުން ތަޖުރިބާކުރަން މީގެކުރިން ލިބިފައެއް ނެތް. އެ އިޙުތިރާމް، އެގާތްކަން، އެޝަޢުޤު، މިހާރުވެސް ޚިޔާލީ ސްކްރީނުން ދައުރުވެލަވެލަ އެބަހުރި.”
އީއޯޕީގެ ކުރިޔަށް އޮތް ހަފުތާގެ މަސައްކަތަށް ބަލާއިރު މިމަހުގެ 22 ހިސާބުގައި އިތުރު ސްކޫލް ތަކެއްގެ އޮންލައިން ކޯހެއް ފެއްޓުމަށް ރޭވެމުން ދާކަން ފާހަގަ ކޮށްލެވެއެވެ. މި ބުރުގައި ށ. އަތޮލާއި އައްޑު އަތޮޅުގެ ގިނަ ސްކޫލްތަކެއް ބައިވެރިވާނޭކަމަށް މަޢުލޫމާތުލިބިފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!