ކަމެއް ކާމިޔާބު ކުރުމަށްޓަކައި ބޭނުންވާ އެތައް ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރެއިން މުހިންމު އެއް ކަމަކީ އަމިއްލަ ނަފުސަށް އިތުބާރު ކުރުމެވެ. ސެލްފް ކޮންފިޑެންސް ހުރުމެވެ. މިކަން މިވަނީ މި ހަފުތާގައި މުނިއަވަސް ގެ ކަޅީ ގެ ނަޒަރު ހުއްޓައިލެވުނު ފަންނުވެރި ޒުވާނާ ކިތަންމެހައިވެސް ރަނގަޅަށް ސާބިތުކޮށްދީފަ އެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ދެވަނަ ހޯދި ލަވަ ކިޔުންތެރިޔާ ހަމޫދު އަހުމަދަކީ ނަމޫނާ އަކަށް ނަގަން ރަނގަޅު ޒުވާނެކެވެ.

“ކޮންފިޑެންސް ނުހުންނަނީ ކުރިން. އޮޑިޝަންގައި ވެސް ފެންނާނެ. އައްފާން ސަރ ކުރިމަތީގައި ލަވަކިޔަން ވީމަ ތުރުތުރު އަޅާ އަޑު ތުރުތުރު އަޅާ، ހުއްޓީ ހުރެގެން ކިޔުނީ،” މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައިވެސް ބައިވެރިވާން ބޭނުންވި ނަމަވެސް އެކަމަށް ފަސްޖެހުނު ގޮތް ކިޔައިދެމުން ހަމޫދު ‘މިހާރު އޮންލައިން’ އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވާ މި އިބާރާތްކޮޅުން ދޭހަވީ އޭރު ހަމޫދު ކަންކަމުގައި ފަސްޖެހުނު މިންވަރެވެ. ނަމަވެސް މިއަދު ހަމޫދު އަކީ މުޅިން ތަފާތު ޒުވާނެކެވެ. މީހުން ގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ސެލެބްރިޓީގެ ގިންތިއަށް ފެތޭ ޒުވާނެކެވެ.

މޯލްޑިވިއަން އައިޑޮލްގައި ހަމޫދު ލަވައެއް ހުށައަޅަނީ

އެހެންކަމުން މުނިއަވަސް އިން ހަމޫދު އާއި އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލީމެވެ. މުނިއަވަސް ގެ ކިޔުންތެރިންނަށް އެވަގުތުކޮޅު ގެނެސްދޭނީ ހަމޫދު އާއިއެކުގައި ކޮށްލެވުނު ޗެޓްލޮގެއްގެ ގޮތުގައެވެ. އެހެންނަމަވެސް މުހިންމު ބައިތައް ފުރާނާލައިގެންނެވެ.

ފުރިހަމަ ނަން: އަޙްމަދު ހަމޫދު

އުފަންރަށް: ކ. މާލެ

އުމުރު: 21 އަހަރު

ވަޒީފާ: މިއުޒިޝަން އެއް

ކައިވެނީގެ ގޮތުން ހުރި ގޮތް: ކައިވެންޏެއް އަދި ނުކުރަން

 

މުނިއަވަސް: މިއުޒިކަށް ޝައުޤުވެރިވީ ގޮތް ކިޔާލަދީބަލަ!

ހަމޫދު: މިއުޒިކަށް އަބަދުވެސް ޝައުޤުވެރިކަން ހުރޭ ކުޑައިރުއްސުރެވެސް. އެންމެ ފުރަތަމަ ހަނދާންވާން ފެށީއްސުރެވެސް.

 

މުނިއަވަސް: ކޮންކަހަލަ ލަވަތަކެއް އެންމެ ބޮޑަށް ކިޔާހިތް ވަނީ؟

ހަމޫދު: ވަކި އެހެން ކިޔާހިތްވާ ޖޮންރާ އެއް ނުހުރޭ. އެކަމަކު އެންމެ ގިނައިން ކިޔެނީ ލަސް ލަވަތައް.

 

މުނިއަވަސް: ރިޒޯޓް މިއުޒިކް ކުޅެންތަ؟

ހަމޫދު: ރިޒޯޓް މިއުޒިކެއް އަދި އެއް ނުފަށަން. އެކަމަކު ރިޒޯޓް މިއުޒިކަށްވެސް ޝައުޤުވެރިކަން ހުރޭ.

ރިޒޯޓް މިއުޒިކާއި ރާއްޖޭގެ އެހެން ތަންތާނގަ ޝޯ ތައް ދިނުމާއި ފިލްމުތަކަށް ލަވަކިޔުމާއި، މި ހުރިހައި ކަމެއްވެސް ކުރަން ބޭނުން.

މިއުޒިކީ ދާއިރާ ގެ ތެރެއިން ލިބެންހުރި ހުރިހައި ތަޖުރިބާއެއް ކޮށްލަން ބޭނުން.

 

މުނިއަވަސް: ފިލްމަށް ލަވަކިޔަން ފެއްޓީ ‘ބޮސް’ އިން ދޯ؟

ހަމޫދު: ފިލްމަށް ލަވަކިޔަން ފެއްޓީ ‘ބޮސް’ އަކުން ނޫން. ފިލްމަކަށް އެންމެ ފުރަތަމަ ލަވައެއް ކިޔާފަ ވާނީ ރިޝްމީ (ފިލްމީ ތަރި ރިޝްމީ ރަމީޒް) ގެ ފިލްމަކަށް. ދެން އިންނާނީ ޑާކްރެއިން އެންޓަރޓެއިންމެންޓް ގެ ފިލްމު ‘ވަކިން ލޯބިން’ އަށް. އޭގެ ފަހުން ބޮސް އަށް ލަވަ ކިޔީ. އެކަމަކު މި ފިލްމުތަކުގެ ތެރެއިން އަދި ރިލީސް ވެފަވަނީ ބޮސް.

ޑާކްރެއިން އެންޓަރޓެއިންމެންޓް ގެ ވަކިން ލޯބިން އަށް ހަމޫދު ކިޔާފައިވާ ލައިން ތަންކޮޅެއް

އެންމެ ފުރަތަމަ ފަހަރަށް ފިލްމަކަށް ލަވަ ކިޔުނު އެކްސްޕީރިއަންސް ވަރަށް ހިތްގައިމު. އައިޑޮލް ގަ އުޅެނިކޮށް ރިޝްމީ ޓްވީޓްކޮށްފަ ހަމޫދް އަށް ލަވަ އެއް އޮފަރ ކޮށްފަ އިނީ. ރިޝްމީ އަކީ ހަމޫދު އަށް އެންމެ ފުރަތަމަ ލަވައެއް އޮފަރކުރި ފަރާތް، ފިލްމަކަށް ލަވަކިޔަން.

އެ ލަވަ ރިކޯޑްކުރަން ހުރިއިރު ރިޝްމީގެ އިތުރުން ތޭރަ ސަރ (ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ) ވެސް ހުރި. ވަރަށް ޓެލެންޓެޑް ހުނަރުވެރި ދެމީހުން އެއީ. އެއީ އަދި ރިލީޒް ނުވާ، އަދި ނަންވެސް ނުކިޔާ ފިލްމެއްގެ ލަވައެއް.

ފިލްމު ބޮސް އަށް ހަމޫދު ލަވަ ރިކޯޑްކޮށްދެނީ

 

މުނިއަވަސް: އަމިއްލަ އަލްބަމެއް ނެރެން ގަސްދުކުރަންތަ؟

ހަމޫދު: އަމިއްލަ އަލްބަމެއް ނެރެން އަދި ޚިޔާލެއް ނެތް، އެކަމަކު އަމިއްލަ ލަވަ އެއް ވަރަށް އަވަހަށް ނެރޭނަން، إن شاء الله.

 

މުނިއަވަސް: ހަމޫދު ޤަބޫލުކުރާގޮތުން ހަމޫދު ގެ ލަވަތަކުގައި (ފިލްމަށް ކިޔާ ލަވަތައް ފިޔަވައި) ހަމޫދު ފެނުމަކީ މުހިންމު ކަމެއްތަ؟ ބޭރުގެ ފަންނާނުން ގޮތަށް އަމިއްލަ ލަވަތަކަށް ހަމޫދު ވީޑިއޯ ކުޅެން ނުވިސްނަންތަ؟

ހަމޫދު: އަމިއްލަ ލަވައެއް ރިލީޒް ކުރާއިރުގަ އެއީ މުހިންމު ކަމެއް. އެކަމަކު އެހެން ލަވަތަކުގެ ކަވަރސް ހަދާއިރު އަމިއްލަ މީހާ ނުފެނުން އެއީ މައްސަލައެއް ނޫން.

 

މުނިއަވަސް: ސްކޫލްގައި އުޅުނު އިރު މުބާރާތްތަކުގަ ނުވަތަ އިވެންޓް ތަކުގަ ލަވަކިޔާފަ ހުންނާނެތަ؟

ހަމޫދު: ސްކޫލްގަ އެއްވެސް މުބާރާތެއްގަ ބައިވެރިވި ހަނދާނެއް ނުވޭ. އެކަމަކު މަދަހަ އާއި ޤުރުއާން މުބާރާތް ތަކުގަ ބައިވެރިވެފަ ހުންނާނެ.

 

މުނިއަވަސް: އަމިއްލަ ރާގާއި ޅެން (ލިރިކްސް) ހަދައި އުޅެންތަ؟

ހަމޫދު: އަމިއްލަ ރާގާއި ލިރިކްސް ހަދައި އުޅެން. ހަމޫދު ގަސްދެއް ނުކުރަން ހަމޫދު ގެ އަމިއްލަ ނަމުގަ ކޮޕީ ރާގެއް ނެރޭކަށް. ފިލްމަކަށް ކޮޕީ ރާގެއް ކިޔުން އެއީ މައްސަލައެއް ނޫން.

 

މުނިއަވަސް: ލަވައިގެ ލިރިކްސް އަދި މެލޮޑީ ހަދަން އެންމެ ފަސޭހަ ވަގުތެއް އޮވޭތަ؟

ހަމޫދު: ހަމޫދު އަށް ތަނެއްގަ އިށީންދެފަ ކަމާކަންފަށާ ލަވައެއް ހަދަން އުޅެންޏަކާ ނުހެދޭ. އެކަމަކު އެކަމާ ނުވިސްނާ އެހެން ކަމެއްގެ ތެރެޔަށް ގެއްލިފަ ހުރެ ވަރަށް ފަސޭހައިން އަމިއްލަ ރާގު ހެދޭ.

 

މުނިއަވަސް: އީދު ޝޯ ކަހަލަ ޝޯ ތައް ކުޅެން ރަށްރަށަށް ދަންތަ ވަރަށް؟

ހަމޫދު: އީދު ޝޯ އެއް އެއްވެސް ރަށެއްގަ އަދި ނުކުޅެން. އެއީ އަމިއްލަ ލަވަޔަކަށް ވޯރކް ކުރާތީ.

 

މުނިއަވަސް: ބޭންޑެއްގަ މަސައްކަތް ކުރަންތަ؟

ހަމޫދު: އޮފިޝަލް ބޭންޑެއްގަ ނޫޅެން.

 

މުނިއަވަސް: ހަމޫދު ގެ އަމިއްލަ ރާގު ލަވައެއް ރިލީޒް ވެފަ ވާނެތަ؟

ހަމޫދު: އަމިއްލަ ރާގުގެ ލަވައެއް ރިލީޒް ކޮށްފަ އަދި ނުހުންނާނެ. އެކަމަކު ވަރަށް އަވަހަށް ލަވައެއް ރިލީޒް ކުރާނަން.


ފިލްމު ބޮސް އަށް ހަމޫދު ކިޔައިދިން ލަވައަކީ އަމިއްލަ ރާގެއްގެ ލަވައެއް

 

މުނިއަވަސް: ދިވެހި ފިލްމު ކުޅެން އެއްވެސް ވަރަކަށް ޝައުޤުވެރިކަން ހުރޭތަ؟ ރާއްޖޭގެ ފެންވަރު ރަނގަޅު ޕްރޮޑަކްޝަން ހައުސް އަކުން ފުރުޞަތު ލިބިއްޖެއްޔާ ބޭނުންކުރާނަންތަ؟

ހަމޫދު: ފިލްމު ކުޅެން ޝައުޤުވެރިކަމެއް ނުހުރޭ. އެކަމަކު ހަމޫދު ވަރަށް ޝައުޤުވެރިކަން ހުރޭ އެއް ފިލްމު ނަމަވެސް ކުޅެން. އެއީ ހަމަ އެކަނި މިކަންތައްވެސް ތަޖުރިބާ ކޮށްލަންވެގެން. އެކްޓިންގ އަށް ޝައުޤުވެރިކަން ހުންނާތީއެއް ނޫން.

 

މުނިއަވަސް: ޑާންސް ކުރަންތަ؟ އަމިއްލަ އަލްބަމް ގެ ވީޑިއޯ ލަވައެއްގަ ހަމޫދުގެ ނެށުން ފެނިދާނެތަ؟

ހަމޫދު: ހަމޫދު އެއްފަހަރު ޑާންސް ކުރިން. ވަރަށް ހީނުވޭ ވީޑިއޯ އަކަށް ދެނެއް ނަށާފާނެހެން. ހަމޫދަކަށް ނަށާކަށް ނޭނގޭ.

 

މުނިއަވަސް: އެންމެ ކަމުދާ ލަވަކިޔުންތެރިޔަކީ ނުވަތަ ލަވަކިޔުންތެރިންނަކީ ކޮބާ؟

ހަމޫދު: އެންމެ ކަމުދާ ދިވެހި ލަވަކިޔުންތެރިންނަކީ އައްފާން، އުނޫޝާ އަދި ތޭރަވާ ސަރ (މުޙައްމަދު ޢަބްދުލް ޣަނީ)

 

މުނިއަވަސް: ހަމޫދު ގެ އަޑު ހާދަ ސަޅިޔޭ. އަޑު ސަޅިކޮށް ބަހައްޓަން ކަމެއް ކުރަންތަ؟

ހަމޫދު: ހަމޫދު ގެ އަޑު ގެންގުޅެނީ ވަރަށް ބަލައިގެން. އެއްވެސް ވަރަކަށް ހަޅޭއް ނުލަވާ، ނިދާ ހޭލާގޮތަށް ހޫނުފެން ބޮން. ވޯކަލް އެކްސައިސައިޒް ތައް ވެސް ކޮންމެ ހެނދުނަކު ހަދަން.

ހަމޫދު ގެ އަޑު ރީއްޗަށް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދޭ

މުނިއަވަސް: މުނިއަވަސް ގެ އާދަކާދައިގެ މަތިން މަދަރުސީ ދައުރާއި ގުޅުންހުރި ސުވާލުކޮޅެއް ވެސް ކޮށްލާނަން.

ސްކޫލް ދައުރުގައި ކިޔެވުމަށް ކޮންކަހަލަ ކުއްޖެއް ތީ؟

ހަމޫދު: ސްކޫލް ދައުރުގަ ކިޔަވަން ޝައުޤުވެރިކަން ހުރި މާއްދާ ތަކަށް ވަރަށް މޮޅުވާނެ. މިސާލަކަށް އިންގްލިޝް، ޓީޓީ (ޓްރެވަލް އެންޑް ޓޫރިޒަމް)، އިކޮނޮމިކްސް، ބިޒްނަސް.

 

މުނިއަވަސް: މަތީ ތަޢުލީމަށް ދާން ޝައުޤުވެރިކަން އެއްވެސް ވަރަކަށް ހުރޭތަ؟

ހަމޫދު: މަތީ ތަޢުލީމަށް ދާން ޝައުޤުވެރިކަން އެބަހުރި. އެކަމަކު މިހާރު ވިސްނުން ހުރީ ރަސްމީކޮށް މިއުޒިކް ކިޔަވަން.

 

މުނިއަވަސް: އޯކޭ. ދެން އަނެއްކާވެސް ތަފާތު މަޢުޟޫ އަކަށް.

ހަމޫދު ގެ ނަޒަރުގައި ކައިވެނި ކުރަން އެންމެ އެކަށޭނަ އުމުރަކީ ކޮބާ؟

ހަމޫދު: ކައިވެނި ކުރަން ހަމޫދު އަށް ފެންނަގޮތުގަ 18 އަހަރުގެ ފަހުން ވަކި އޭޖެއް ނެތް. ތިމަންނާ މީހާ އިންޑިޕެންޑެންޓް މީހަކަށް ވެފަ، އަމިއްލަ ފައިމައްޗަށް ތެދުވެ، ފެމެލީ އެއްގެ ރެސްޕޮންސިބިލިޓީ އުފުލަން ރެޑީ ވީމަ ހަމަ ކައިވެނި ކުރަންވީ.

 

ހަމޫދު ގެ އިންޓަވިއު ނިންމާލީ މި ދާއިރާގައި ހަމޫދު މިހާ ހިސާބަށް ގެނެސްދިނުމަށް އެހީތެރިވެދެއްވި، އަދި މިހާރުވެސް އެހީތެރިވަމުން އަންނަ ފަރާތްތަކަށާއި ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމުންނެވެ.

 

މުނިއަވަސް އަށް ހަމޫދުގެ ފަރާތުން ލިބުނު ވަގުތުކޮޅަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. މުނިއަވަސް ގެ އެދުމަކީ ހަމޫދު އަށްވެސް އަދި އެންމެހައި ފަންނާނުންނަސްވެސް ތާއަބަދު ކުރިއެރުން ލިބެމުން ދިއުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.