އިންޑިޔާގެ ސައިންސްވެރިންގެ ޓީމަކަށް ޓާރޑިގްރޭޑް (މޫދު ސާރިދޯޅު)ގެ އައު ވައްތަރެއް ފެނިއްޖެއެވެ. އަލަށް ފެނިފައިވާ މި މޫދު ސާރިދޯޅަކީ އަލްޓްރާވައިލެޓް (ޔޫވީ) ދަމައިގަނެ، ނޫ އަލި ބޭރުކުރުމުގެ ޤާބިލުކަން ލިބިފައިވާ ޖަނަވާރެކެވެ.

އިންޑިޔާގެ އިންސްޓިޓިއުޓް އޮފް ސައިންސްގެ ސައިންސްވެރިން، ބަޔޮލޮޖީ ލެޓަރސް ޖާނަލްގައި މި އައު ވައްތަރުގެ ޓާރޑިގްރޭޑް (މޫދު ސާރިދޯޅު) ފެނުނު ގޮތް ބަޔާންކުރަމުން ބުނީ، އެ ސޮރުމެން ފެނުނީ އެ އިންސްޓިޓިއުޓުގެ ފެހި ޖަހާފައިވާ ފާރަކުން ކަމަށެވެ.

މި ވައްތަރުގެ ޓާރޑިގްރޭޑަކީ އޭގެ ވަށައިގެން ފްލޯރިސެންޑް އައްޑަނައެއް ލެވިފައިވާ އެއްޗެކެވެ. އެ ދުލީގެ ތެރެއަށް ގެއްލުން ދެނިވި އަލްޓްރާވައިލެޓް ރޭޑިއޭޝަން ދަމައިގަނެ، ބޭނުންތެރި ނޫ އަލި އުފައްދައެވެ.

ތިރީގައި މި ހިމަނާލަނީ މެރިން ޖާރނަލް މޯލްޑިވްސްގައި ޓާރޑިގްރޭޑް އާއި ބެހޭ ގޮތުން ލިޔެފައިވާ މަޢުލޫމާތުކޮޅެކެވެ.

ރާއްޖޭގައި އުޅޭ ހަމައެކަނި ބެއާރ އަކީ ކުޑަކުޑަ ޓާރޑިގްރޭޑް!

ޓާރޑިގްރޭޑަކީ އެކި ބާވަތުގެ ފެންފަށަލަތަކުގައި ދިރިއުޅޭ، 8 ފައިލީ ސާރިދޯޅެއް ފަދައިން ސިފަކުރެވިފައިވާ ކިރިޔާ ލޮލަށް ފެންނަވަރުގެ ވަރަށް އާދަޔާހިލާފު ކުޑަކުޑަ ޖަނަވާރެކެވެ. މީގެ 1000 ވުރެ ގިނަ ބާވަތް ދުނިޔެއިން ފެނިފައިވާއިރު، ދިވެހިރާއްޖޭގެ ދެ އަތޮޅުން އެކަނި 28 ބާވަތް މިހާތަނަށް ފެނިފައިވެއެވެ. އެގޮތުން އަރިއަތޮޅު އުތުރުބުރީގައާއި މާލެ އަތޮޅުގެ ދެކުނުގައި ހެދި ދިރާސާއަކުން ދެއްކިގޮތުން، ރާއްޖެއިން ފެންނަ ޓާރޑިގްރޭޑްގެ ބާވަތްތައް އެކި ކަހަލަ ވެއްޔާއި އަކިރީގައި ތަފާތެވެ.

އާއްމުގޮތެއްގައި ޓާރޑިގްރޭޑް ކައިއުޅެނީ ފެއްސާއި ލޮލަށް ނުފެންނަވަރުގެ ކުދިޖަނަވާރުގެ ސެލް ފަދަ ތަކެތި ކަމުގައިވިޔަސް، މިއީ ބައެއް ފަހަރު ކުދި ޓާރޑިގްރޭޑް ވެސް ކައި ހަދާ ޖަނަވާރެކެވެ. ބަލާލަން ލޯބި ޖަނަވާރެއްގެ ގޮތުގައި މަޝްހޫރު ޓާރޑިގްރޭޑްގެ ޚާއްސަކަން އަސްލު ހާމަވެގެންދަނީ، އާއްމުކޮށް ދިރޭތަކެތި އުޅުމަށް ދަތި ހިސާބުތަކުގައިވެސް މިކުޑަކުޑަ ޖަނަވާރަށް އުޅުމުގެ ކުޅަދާނާކަން ލިބިފައިވާތީއެވެ. އެގޮތުން އިންތިހާއަށް ގަދަ ފިނިހޫނުމިނާއި، ޕްރެޝަރ އަދި ރޭޑިއޭޝަން ތަހައްމަލުކޮށް، ކަނޑުގެ އެންމެ ފުންމިނުގައާއި، އަލިފާންފަރުބަދަތަކާއި ޖައްވުގައިވެސް އެސޮރުމެންނަށް ދިރިއުޅުމުގެ ގާބިލުކަން ލިބިފައިވެއެވެ.

މިފަދަ ތަންތަނުގައި ސަލާމަތްވުމަށްޓަކައި ޓާރޑިގްރޭޑް ބޭނުންކުރާ އުކުޅަށް ކިޔަނީ ‘ކްރިޕްޓޯބަޔޮސިސް’ އެވެ. މިހާލަތަށް ދިއުމުގައި ޓާރޑިގްރޭޑް އޭގެ ހަށިގަނޑު ހިންގުމަށް ބޭނުންވާ އެކި ނިޒާމުތައް މަޑުޖައްސާލާ، ދިރުމެއްނެތްފަދަ ގޮތަކަށް ޖިސްމާނީ ހުއްޓުމަކަށް އާދެއެވެ. މިގޮތަށް ތިބުމަށްފަހު އަލުން ފެނަށްލުމުން، މިތަކެތި އަނެއްކާވެސް ކުރިއެކޭ އެއްފަދައިން ހެލިފެލިވެ އުޅެވޭ ހާލަތަށް ރުޖޫޢަވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.