ދަތުރުކުރަމުން ދާ ކާރުން ދެ ފިޔަގަނޑު ނެރެލައި، އުދުއްސައިގަނެ، ވާހަނަ (ވެހިކަލް) ތަކުން ފުރިފައިވާ ޓްރެފިކުން ސަލާމަތްވެ، ދާން ބޭނުންވާ މަންޒިލަށް ފަސޭހަކަމާއެކު ވާސިލުވުމަކީ މާ ދުރުގައިވާ ހުވަފެނެއް ނޫނެވެ.

މި ދައްކަނީ ފިލްމު “ޓްރާންސްފޯމަރ”ގެ މަންޒަރެއްގެ ވާހަކައެއް ނޫނެވެ. މި ހުވަފެން ހަޤީޤަތަކަށް ވުމަކީ މިހާރު ގާތުގައި ވާ ކަމެކެވެ. ސްލޮވޭކިއާގައި ދިރާސާކޮށް މިކަން ތަރައްޤީކުރަމުން ގެންދަނީ ކްލެއިން ވިޝަން ކުންފުނިންނެވެ. މި ޕްރޮޖެކްޓްގެ ވެރިއަކަށް ހުރީ ޕްރޮފެސަރ ސްޓެފަން ކްލެއިން އެވެ.

ޕްރޮޖެކްޓްގެ ފަސްވަނަ މަރުހަލާއާއި ހަމައަށް ވާސިލުވެ ވިފައިވާ މި ޕްރޮޖެކްޓަށް ކިޔަނީ “އެއަރކާރ” (ވައިކާރު) އެވެ. ޕްރޮޖެކްޓް ކުރިއަށް ގޮސްފައިވާ ހިސާބު ދައްކައިލާ، ވަރަށް ހައިރާން ކުރުވަނިވި ވީޑިއޯއެއް މިހާރު ވަނީ އާއްމު ކޮށްފައެވެ.

ޓެސްޓް ފްލައިޓްގެ މި ވީޑިއޯއިން ފެނިގެން ދަނީ، މަތިންދާބޯޓަކަށް ކާރު ބަދަލުކޮށްލުމުގެ ކުރިން މަގުމަތިން ދުއްވާފައިދާ ތަނާއި، މަތިންދާބޯޓަކަށް ބަދަލުކޮށްލުމަށްފަހު އުދުހޭ މަންޒަރެވެ. މި ކާރު އުފެއްދި ކުންފުނިން ބުނީ، މަތިންދާބޯޓަކަށް ކާރު ބަދަލުކޮށްލުމަށް ނަގާނީ އެންމެ ތިން މިނެޓް ކަމަށެވެ.

ދެ ގޮނޑި ހުންނަ މި ކާރުގެ ބަރުދަނަކީ 1100 ކިލޯގްރާމެވެ. 200 ކިލޯގްރާމުގެ ބަރުދަން މި ވައިކާރު އުދުހޭއިރު އުފުއްލޭނެއެވެ.

މި ވައިކާރަށް ހަކަތަ ލިއްބައިދެނީ ބީއެމްޑަބަލިޔު 1.6-އެލް އިންޖީނަކުންނެވެ. މި އިންޖީނުން 140 ހޯސްޕަވަރުގެ ހަކަތަ އުފައްދައެވެ.

ކްލެއިން ވިޝަން ބުނީ 1000 ކިލޯމީޓަރުގެ ރާސްތާއަކަށް ވައިކާރުގައި ދަތުރުކޮށްލެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި ގަޑިއަކަށް 18 ލީޓަރު ތެޔޮ އަންދާނެ ކަމަށެވެ.

ކުންފުނިން ބުނީ ވައިކާރު އުދުއްސައިގަތުމަށްޓަކައި 300 މީޓަރުގެ ޖާގަ ބޭނުންވާއިރު، ގަޑިއަކު 200 ކިލޯމީޓަރަށް އިސްޕީޑް ނަގާނެ ކަމަށެވެ. އެހެންކަމުން 25 ވަރަކަށް މީޓަރުގެ ސާފު ބިމެއް މިކަމަށްޓަކައި ބޭނުންވާނެ ކަމަށެވެ.

ޕްރޮފެސަރ ކްލެއިން ބުނީ ކާރު ގަތުމަށް ބަޔަކު ހަމަޖެހިފައިވާކަމަށެވެ. ނަމަވެސް ކާރު ވިއްކާ އަގު ހާމައެއް ނުކުރެއެވެ.

ވައިކާރު ދުއްވުމަށްވެސް ޕައިލެޓް ލައިިސަންސާއި ޑްރައިވިން ލައިސަންސް އޮންނަން ޖެހެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.