އެއްފަހަރާ ބޭނުންކުރުމަށްފަހު އެއްލައިލާ ފޭސް މާސްކެއް ތުނބުގައި ލައިގެން އިން ގާދޫންޏެއް (ސީގަލް އެއް)ގެ ފޮޓޯއެއް އާއްމުވުމާއި ގުޅިގެން ކުނިނައްތައިލުމުގައި ހަރަކާތްތެރިވާ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ޢާލަމީ ވަބާ، ކޮވިޑް-19 އާއި ގުޅިގެން ފޭސް މާސްކު ބޭނުންވާ މިންވަރު މިވަނީ އަތުނުޖެހޭ ހިސާބަށް މައްޗަށް ގޮސްފައެވެ. ބޭރަށް ނުކުތުމުގެ ކުރިން މާސްކު އަޅަން މަޖުބޫރުކޮށްފައި ވަނީ މަދު ޤައުމުތަކެއްގައެއް ނޫނެވެ.

ތިމާވެއްޓަށް ލޯބިކުރާ، ތިމާވެއްޓާ މެދު ވިސްނާ މީހެއް ނަމަ، ހިތަށް އަސަރުކުރާނެ ފަދަ މަންޒަރެއް ފެނިގެންދާ މި ފޮޓޯއަކީ އިނގިރޭސިވިލާތުގައި ނަގާފައިވާ ފޮޓޯއެކެވެ. ފޯޓޯއިން ފެންނަނީ ފޭސް މާސްކެއް ތުނބުލައިގެން އިން ގާދޫންޏެކެވެ. ބަރންހަމް އެންޑް ހައިބްރިޖް ވީކްލީ ނިއުސް އިންް ބުނީ މި ފޮޓޯ ނަގާފައި ވަނީ ވެސްޓަރން-ސުޕަރ-މެއަރގެ އަވަށެއްގައި ކަމަށެވެ.

ވެސްޓަރން-ސުޕަރ-މެއަރ އަވަށަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ ނިކް، ބައިސްކަލުގައި ދަނިކޮށް އޭނާގެ ލޮލުގައި މި މަންޒަރު އަޅައިގަތެވެ. ފަންނުގައި ހިނގަމުން ދިޔަ ގާދޫނީގެ ތުނބުގައި އޮތީ ފޭސް މާސްކެކެވެ.

“އަތިރި މަގުން އަހަރެން ބައިސްކަލް ދުއްވަން ދާއިރު އެކި ތަންތަނަށް އުކާލާފައި ހުންނަ ބައިވަރު ފޭސް މާސްކްތައް ފެނޭ. އަހަރެން އެއިން ބައެއް ތަންތަނުގެ ފޮޓޯ ނަގަން. އެހެން ފޮޓޯ ނަގަމުން ދަނިކޮށް ފެނުނީ މި ގާދޫނި، އެސޮރުގެ ތުނބުގައި ފޭސް މާސްކެއް ލައިގެން އުޅެނިކޮށް. އެއީ ޅަ ގާދޫންޏެއް. އެސޮރުގެ ތުނބުން އެ މާސްކުގެ އެކި ދިމަދިމާއަށް ދަމަމުން ދިޔަތަން ފެނުމުން ވަރަށް އުނދަގޫވި.” ނިކް ކިޔައިދިނެވެ.

ވެސްޓަރން-ސުޕަރ-މެއަރ އަވަށަކީ ޗުއްޓީ ހޭދަކޮށްލުމަށް މީހުން ގޮސް އުޅޭ މަޤުބޫލު މަންޒިލެކެވެ. އެހެން ނަމަވެސް އެތަނުގެ ރަށްވެހިން ބުނާ ގޮތުން، ފޭސް މާސްކާއި ޕީޕީއީ ތަކުން އަވަށުގެ ތަންތަން ވަނީ ގޮނޑުކޮށްފައެވެ.

ޓްވިޓާގައި މި ފޮޓޯ ހިއްސާކުރީ އިންޑިއާގެ ފޮރެސްޓް ސަރވިސް އޮފިސަރ ސުސަންތާ ނަންދާ އާއި ވިޔަފާރިވެރިޔާ ދަންރާޖް ނަތުވާނީގެ އިތުރުން ބައެއް އެހެން ފަރާތްތަކުންނެވެ.

“މި ފޮޓޯއިން އަހަރުމެންނަށް ވަރަށް ވަރުގަދަ މެސެޖެއް ދޭ. އެ މެސެޖަކީ، އަހަރުމެން އުކާލާ ކުނިބުންޏާމެދު ސަމާލުވާން ޖެހޭކަން.” ފޮޓޯ ހިއްސާކުރަމުން މިސްޓަރ ނަތުވާނީ ލިޔެފައިވެއެވެ. “މިވަރަށް ކުނިބުނި އުފައްދާއިރު ކޮވިޑް-19ގެ ސަބަބުން އެހެން މީހުންނަށާއި ދިރޭ ތަކެއްޗަށް ކުނިބުނިން އުނދަގޫ ނުވާނެ ގޮތަށް ފަރުވާތެރިވެ، ބިމާއި ފެން ތަޣައްރަޔު ނުކުރުމަށް ވިސްނަން ޖެހޭ.”

ޕީޕީއީ އުކައިލުމުގައި ފަރުވާތެރިވުމަށް އައިއެފްއެސް ސުސަންތާ ނަންދާ ވެސް އެދިފައިވެއެވެ.

“އިންސާނުންގެ މޫނުމަތީގައި މާސްކުކުރާ މާސްކު ނައްތައިލާ ގޮތުން، ނަސްލެއްގެ ގޮތުގައި އަހަރަމެން އިންސާނުންގެ ޞަޚްސިއްޔަތު ހުރި ހިސާބު ދައްކައިދޭ.” ސުސަންތާގެ ލިޔެފައިވާ އިބާރާާތްކޮޅުން މިފަދަ ވަރުގަދަ މެސެޖެއްވެސް ދެއެވެ.

މިއީ މިއަދު ދުނިޔޭގެ ހުރިހައި ކަންކޮޅުތަކެއްގެ ވެސް ހާލަތެވެ. ރާއްޖޭގައި ވެސް ކަން އޮތީ މިހެންނެވެ. ފަންނުތަކާއި ވާތަކާއި މަގުތަކާއި މޫދުންވެސް މިހާރު ފޭސް މާސްކެއް އެއްލައިލާފައި އޮއްވާ ނުފެންނަ ފަހަރެއް މަދުވާނެއެވެ. ގާދޫނި އެ ދެނީ ކަންބޮޑުވާން ޖެހޭ މެސެޖެކެވެ. ރަނގަޅު އިބްރަތެއް ދޭ މެސެޖެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.