އަހަރަަކު 230000 ޓަނުގެ ޕްލާސްޓިކް، މި ކަނޑަށް އަޅައެވެ. 2040 ވަނަ އަހަރު އަންނަން ވާއިރަށް މި އަދަދު ދެގުނައަށް އިތުރު ވާނެކަމަށް އަންދާޒާ ކުރެވޭ.

ޕްލާސްޓިކުން ތަޣައްޔަރުވުމަކީ ދުނިޔޭގެ ހުރިހައި ކަނޑުތަކަށް ކުރިމަތިވެފައިވާ ކަންބޮޑުވާން ޖެހޭ ތިމާވެށީގެ ކާރިސާއެކެވެ. މި ކަންބޮޑުވުމަށް އިތުރު ކަންބޮޑުވުމެއް ލިބިފައިވަނީ މެޑިޓެރޭނިއަން ކަނޑަށް ޕްލާސްޓިކް ޖަމާވަމުން އަންނަ ހަލުވި ނިސްބަތް ސައިންސްވެރިންނަށް ހޯދުނު ހިސާބުންނެވެ.

މީގެ ކުރިން ސައިންސްވެރިން ވަނީ ޕެސިފިކް ކަނޑަށް ޖަމާވާ ޕްލާސްޓިކްގެ އަދަދު އަންދާޒާކޮށް އެކަމަކުގެ މަޢުލޫމާތުތައް ކިތާބުކޮށްފައެވެ. އެ ކަނޑުގައި ޕްލާސްޓިކް ފެތުރިފައިވާ ސަރަހައްދުގެ ބޮޑުމިނުގައި ބޭރުގެ ބޮޑު ޤައުމެއްގެ ބޮޑުމިން ހުރިކަން ވަނީ ހޯދިފައެވެ. މިގޮތަށް ޕެސިފިކް ކަނޑުގައި ޖަމާވެފައިވާ ކުނިބުނީގެ ފުނިވަރުތަކަށް ކިޔަނީ “ދަ ގްރޭޓް ޕެސިފިކް ގާރބޭޖް ޕެޗް’ އެވެ. އެތަނުގައި ފްރާންސްގެ ބޮޑުމިނުގެ ތިންގުނަ ހުރެއެވެ.

ރޮއިޓާސް އިން ރިޕޯޓްކުރާގޮތުން ޕެސިފިކް ކަނޑަށް ކުނިބުނި ޖަމާވަނީ ކޮން ތަންތަނަކުން ކަން ބެލުމަށް ސައިންސްވެރިން އަންނަނީ ދިރާސާތަކެއް ކުރަމުންނެވެ. އެ ދިރާސާތައް ދައްކާގޮތުން އެތަނަށް ގިނަ ކުނިބުނިތައް އަންނަނީ އިންޑޮނޭޝިއާ، ޗައިނާ، ފިލިޕިންސް، ވިއެޓްނާމް އަދި ތައިލޭންޑުންނެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް ނޭޗަރ އިން ދާދިފަހުން އާއްމުކުރި ދިރާސާ ލިޔުމެއްގައި ވަނީ މެޑިޓެރޭނިއަން ކަނޑަށް ކުނިބުނި ޖަމާވާ މިންވަރު ކަންބޮޑުވާން ޖެހޭ ހިސާބަށް ގޮސްފައިވާކަމަށް ބުނެފައެވެ. މި ދިރާސާއިން ދައްކާގޮތުން އަހަރަަކު 230000 ޓަނުގެ ޕްލާސްޓިކް، މި ކަނޑަށް އަޅައެވެ. ކުނިބުނި އަޅާ މިންވަރު މަދު ނުކޮށްފިނަމަ، 2040 ވަނަ އަހަރު އަންނަން ވާއިރަށް މި އަދަދު ދެގުނައަށް އިތުރު ވާނެކަމަށް އަންދާޒާ ކުރެއެވެ.

މި ދިރާސާއިން ދައްކާގޮތުން، މެޑިޓެރޭނިއަން ކަނޑަށް ކުނިބުނި އެޅުމުގައި ޒިންމާވާން ޖެހޭ ޤައުމުތަކުގެ ތެރޭގައި އިޓަލީ، ތުރުކީ އަދި މިސްރު ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.