ހައްދުންމަތީ ގައި އޮތް އެންމެ ވަރުގަދަ ބޮޑުބެރު ގްރޫޕް، ކޭޭބޯލާ ގެ ފުރަތަމަ އޯޑިއޯ ލަވަ ‘ހުވަފެން’ ރިލީޒް ކޮށްފި އެވެ. މި ލަވަ ރިލީޒް ކޮށްފައިވަނީ ކޭބޯލާ ބޮޑުބެރު ގްރޫޕް ގެ ސައުންޑް ކްލައުޑު ގައެވެ.

ކޭބޯލާ އިން ނެރުނު އަމިއްލަ ރާގުގެ މި ބޮޑުބެރު ލަވައާއި ބެހޭގޮތުން މަޢުލޫމާތު ދެމުން އެ ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އުސްމާން ޢަބްދުﷲ (އުއްސޭ) ބުނީ މި ލަވައަކީ 2016 ވަނަ އަހަރު ހައްދުންމަތީ އަތޮޅު ކައުންސިލުން ބޭއްވި ބޮޑުބެރު ޗެލެންޖުގައި ހުށައެޅުމަށް އުފެއްދި އަމިއްލަ ރާގުގެ ހަތް ލަވައިގެ ތެރެއިން އެއް ލަވަ ކަމަށެވެ. އުސްމާން ބުނީ މި ހުރިހައި ލަވަތަކެއްގެ ޅެމާއި ރާގު ހަދާފައިވަނީ އެ ގްރޫޕް ގެ ލީޑް ބެރުޖެހުންތެރިޔާ ޢަބްދުﷲ ހަމްޒާން (ހަމްބެ) ކަމަށެވެ.

“ޗެލެންޖަށް ހެދި ހަތް ލަވައިގެ އޯޑިއޯ ރެކޯޑިން ގެ މަސައްކަތް ފަށައިގެން ކުރިއަށް މިދަނީ. މި ލަވަ މީ އެގޮތުން ރެކޯޑިން ނިންމާލެވުނު ފުރަތަމަ ލަވަ. ހުރިހައި ލަވައެއް ވެސް ސައުންޑް ކްލައުޑަށް ލާނަން. އޯޑިއޯ މަސައްކަތް ނިމުމުން ލަވަތަކުގެ ވީޑިއޯ ހެދުމުގެ މަސައްކަތް ވެސް ކުރާގޮތަށް އޮތީ.” މުނިއަވަސް އަށް މަޢުލުމާތު ދެމުން އުސްމާން ބުންޏެވެ.

‘ހުވަފެން’ މި ނަމުގައި ކޭބޯލާ އިން ރިލީޒްކޮށްފައިވާ މި ލަވައިގެ ލިރިކްސް ހަދައި ރާގު ތައްޔާރުކުރި ޢަބްދުﷲ ހަމްޒާން އާއި ވެސް ވާހަކަދައްކާލީމެވެ.

“ބޭނުންވީ ތާފާތު ޓޮޕިކް ތަކަކަށް މުޅިންވެސް އަމިއްލަ ރާގުގެ ލަވަ ހަދަން،” ލަވަތައް ހެދިގޮތާއި މެދު ހަމްޒާން ބުންޏެވެ. ހަމްޒާން ބުނީ ހުވަފެން މި ލަވައަކީ ޒަމާނީ ބޮޑުބެރު ލަވަ ސްޓައިލްގައި ހަދާފައިވާ ލަވައެއް ކަމަށެވެ. ހަމްޒާން ވެސް ބުނީ ޗެލެންޖަށް ހެދި ހަތް ލަވައިގެ ރެކޯޑިން ވަރަށް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ލަވަ ކިޔާފައިވަނީ ކޭބޯލާ ގެ ލީޑް ވޯކަލިސްޓް އަޙްމަދު ނާއިފް (ޓިންކޫ) އެވެ. ލަވައިގެ ރެކޯޑިން ހަދާފައިވަނީ ޢަބްދުﷲ ރަބީޢު އެވެ.

ކޭބޯލާ އިން ވަނީ އެމީހުންގެ އަމިއްލަ ސްޓޫޑިއޯ އެއްވެސް ދާދިފަހުން ޤާއިމު ކޮށްފައެވެ. ގްރޫޕްގެ ފަރާތުން އުސްމާން ޢަބްދުﷲ ބުނީ މިހާރު ރެކޯޑިން ސެޓަޕެއް ގާއިމު ކުރަމުން އަންނަ ކަމަށާއި ކޭބޯލާ ގެ އަމިއްލަ 7 ލަވައިގެ އަލްބަމް ގެ ބާކީ ހުރި ލަވަތައް ރެކޯޑްކުރާނީ އެ ސްޓޫޑިއޯ ގައި ކަަމަށެވެ.

ކޭބޯލާ ބޮޑުބެރު ގްރޫޕް ގެ ސްޓޫޑިއޯ – ފޮޓޯ: ކޭބޯލާ ބޮޑުބެރު ގްރޫޕް

ކޭބޯލާ ބޮޑުބެރު ގްރޫޕަކީ 2011 ވަނަ އަހަރު އުފައްދާފައިވާ ބޮޑުބެރު ގްރޫޕެކެވެ. މި ގްރޫޕަށް ‘ކޭބޯލާ’ ކިޔާފައިވަނީ ލ. ގަމުގެ ތާރީޚާއި ގުޅުންހުރި ކަމަކަށް ނިސްބަތް ކޮށްގެންނެވެ.

“މިއީ މީހުން ބުނާގޮތުން ލ. ގަމުގައި ވަރަށް ކުރިން އުޅުނު ވަރަށް ވަރުގަދަ ފަހުލަވާނެއްގެ ނަމެއް. އަނެއް ބަޔަކު ބުނަަނީ މިއީ ލ. ގަމުގައި އެންމެ ފުރަތަމަ އާބާދުވި މީހުންނަށް ނިސްބަތްކޮށް އޭރު ކިޔައިއުޅު ނަމެއް ކަމަށް. އެހެންވީމާ މިއީ ގަމުގެ ތޭރީޚާއި ގުޅިފައިވާ ނަމެއް. ” ކޭބޯލާ ގެ ނަމުން ގްރޫޕަށް ނަން ކިޔި ގޮތާއި ބެހޭގޮތުން އުސްމާން ބުންޏެވެ.

ކޭބޯލާ ބޮޑުބެރު ގްރޫޕްގެ ޕްރެކްޓިސް އެއްގެ ތެރެއިން

ކޭބޯލާ ވަނީ 2016 ވަނަ އަހަރު ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ބޮޑުބެރު ޗެލެންޖުން އެއްވަނަ ހޯދާފަ އެވެ. މި ގްރޫޕްގައި ހަރަކާތްތެރިވާ މެންބަރުންނަކީ ލ. ގަމާއި ފޮނަދު އަށް ނިސްބަތްވާ ޒުވާނުން ކުދިންކޮޅެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.