މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ފުރަތަމަ އަހަރީ ޖަލްސާ މިމަހު ގެ ފަހު ހަފުތާގައި ބާއްވަން ނިންމައިފިއެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން ބުނީ ކޮވިޑް-19ގެ ހާލަތު މާލެއިން މުޅިން ފިލައިގެން ގޮސްފައި ނުވުމުގެ ސަބަބުން އަހަރީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ.

މިކަމާއި ގުޅިގެން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައި ކަމަށާއި އެކަމުގެ ތަފްސީލުތައް ވީހާވެސް އަވަހަކަށް ޖަމިއްޔާގެ އެންމެހައި މެންބަރުންނާއި ހިއްސާ ކުރެވޭނެ ކަމަށްވެސް އެމް.ޔޫ.އެމްް އިން މަޢުލޫމާތުދެއެވެ.
އެމް.ޔޫ.އެމްގެ އަހަރީ ޖަލްސާގައި، ޖަމިއްޔާ ހިންގާ ކޮމިޓީގެ މެންބަރުން ހޮވާނެއެވެ. ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަސް ކަމަށް އެ ޔޫނިއަނުން ބުނެއެވެ.

ހިންގާ ކޮމިޓީއަށް ހޮވުމަށް ހަމަޖެހިފައިވާ މަޤާމު ތަކަކީ:-

1. ރައީސް
2. ނައިބު ރައީސް
3. ޚަޒާންދާރު
4. ސެކްރެޓަރީ ޖެނެރަލް
5. އިވެންޓް ކޯޑިނޭޓަރ
6. ސްޕޯކްސްޕާރސަން
7. އެސޯސިއޭޓް އޮފިސަރ

މި މަޤާމުތަކަށް ކުރިމަތި ލެއްވުމަށް ހަމަޖެހިފައިވާ ތާރީޚު ހަމަވާއިރު ހުރިހައި މަޤާމު ތަކަކަށް މެންބަރުން ހަމަ ނުވާނަމަ، ހިންގާ ކޮމިޓީގެ މަޤާމުތަކުގެ އަދަދު ފަސް މަޤާމަކަށް މަދު ކުރެވޭނެ ކަމަށާއި މަޤާމުތައް މަދުކުރުމަށްޓަކައި ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ރެޖިސްޓަރަރ އޮފް އެސޯސިއޭޝަން މެދުވެރިކޮށް ގެނައުމަށް ފަހު، އަހަރީ ޖަލްސާ އިތުރަށް ލަސްވިއަނުދީ މި މަހުގެ ފަހު ހަފުތާގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މަޤާމުތަކަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިކަންހުރި ފަރާތްތައް، ވީ އެންމެ އަވަހަކަށް އެ ޔޫނިއަންގެ ވެބްސައިޓް: www.musiciansunion.mv މެދުވެރިކޮށް މަޤާމުތަކަށް ކުރިމަތި ލެއްވުމަށް އެމް.ޔޫ.އެމް އިން އެދެއެވެ.

މި އަހަރު ޖުލައި މަހު 20 ވަނަ ދުވަހު ”މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް“ ރެޖިސްޓަރީކުރީ ރާއްޖޭގެ މިއުޒިކް ދާއިރާ ކުރިއެރުވުމަށްޓަކައި އެ ދާއިރާގެ ފަންނާނުންތަކެއް އިސްނަގައިގެންނެވެ. އެ ޔޫނިއަނުން މަސައްކަތްކުރާނީ ދިވެހި މިއުޒިކީ ފަންނާނުންގެ ހައްގުތައް ހޯދައިދީ ފުރުޞަތުތައް ފަހިކޮށްދިނުމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.