1912 ވަނަ އަހަރު އިނގިރޭސި ވިލާތުން އެމެރިކާގެ ނިއު ޔޯކަށް ދިއުމަށް ދަތުރު ފެށި، “ޓައިޓޭނިކް” އެޓްލާންޓިކް ކަނޑަށް އަޑިއަށްދިޔަ ފަހުން ޤަރުނެއް ވެފައިވާއިރު، މިއަދު އެ އުޅަނދު ބަލައިލަން ދިއުމުގެ ފުރުޞަތު ދިނުމަށް ކުންފުންޏަކުން ވަނީ މަސައްކަތް ފަށާފައެވެ.

1500 އަށް ވުރެން ގިނަ މީހުން މަރުވެދިޔަ އެ ހާދިސާގައި ޣަރަޤުވި ޓައިޓޭނިކް ފެނިފައި ވަނީ ނިއުކްލިއަރ ސަބްމެރިން އެއް ހޯދުމަށް 1985ގައި ކުރި މަސައްކަތްތަކެއްގެ ތެރެއިންނެވެ. ޓައިޓޭނިކް ފެނިފައިވަނީ ނިއުފައުންޑްލޭންޑްގެ ސެއިންޓް ޖޯންސްއާއި 600 ކިލޯމީޓަރު ދުރުން، ކަނޑުގެ 04 ކިލޯމީޓަރު އަޑިންނެވެ.

ކަނޑުއަޑިއަށް ގޮސް ޓައިޓޭނިކް ބަލައިލުމަށް ހޭދަކުރަން ޖެހެނީ “ހަމައެކަނި އެންމެ” 125000 އެމެރިކާ ޑޮލަރެވެ. މި އަގުގައި ޓިކެޓެއް ގަނެގެން، ކަނޑުއަޑިއަށް ފީނުމަށް ބޭނުންކުރާ ޚާއްޞަ އުޅަނދެއްގައި 04 ކިލޯމީޓަރު ފުނަށް ފީނައިގެން ޓައިޓޭނިކް ބަލައިލެވޭނެއެވެ.

‘އޯޝަންގޭޓް އެކްސްޕެޑިޝަން’ ކުންފުނިން ހަދާފައިވާ ސައިކްލޮޕްސް-ކްލާސް އަޑިއަށް ފީނާ އުޅަނދަށް ކިޔަނީ ‘ޓައިޓޭން’ އެވެ. މިއީ ކަނޑު އަޑިން ޓައިޓޭނިކް އޮތް ހިސާބަށް ފީނުމަށް ބޭނުންކުރެވޭ ހަތަރު އުޅަނދުން އެއް އުޅަނދެވެ.

‘ޓައިޓޭން’ގެ ފަސިންޖަރުން ތިބޭ ބަޔަކީ ކާބަން ފައިބަރުން ހަދާފައިވާ ސިލިންޑަރެކެވެ. އޭގެ ދެ ފަރާތުގައި ޓައިޓޭނިއަމް އިން ހަދާފައިވާ ދެ ހެމިސްފެއަރ ހުރެއެވެ. ކުރިމައްޗަށް ހުންނަ ހެމިސްފެއަރގެ ފުޅާމިނުގައި 53 ސެންޓިމީޓަރުގެ ކުޑަދޮރެއް ހުރެއެވެ. މިއީ ބޭރު ބެލުމަށް ބޭނުންކުރާ ބައެވެ.

‘ޓައިޓޭން’ގައި ފަހަރަކު 3 ފަސިންޖަރުންނާ، ރިސާޗްކުރާ މީހަކާއި ޕައިލެޓަކަށް ތިބެވޭނެއެވެ. މި އުޅަނދަށް ހަކަތަ ލިއްބައިދިނުމަށް ހަތަރު އިންޖީނު ހުރެއެވެ. ޓައިޓޭނިކް އޮތް ހިސާބަށް މި އުޅަނދުގައި ދެވެނީ 90 މިނެޓުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.