“ފައިނަލް ޗެޕްޓާސް ސްޓޫޑިއޯ” ގެ “ގަމިނި”ގެ ނިމުމެއް ނެތް އެނދުމުގެ ވާހަކަތައް ދައްކައި ކޮޅުންލާކަށް ނެތެވެ. އެޕިސޯޑަކަށްފަހު އެޕިސޯޑެއް ޝަޢުޤުވެރިވަމުން އަންނައިރު، އެންމެ ފަހުން ދެއްކި ދެ އެޕިސޯޑްގައި ކުޅަދާނަ ފިލްމީ ތަރި އަޙްމަދު ސަޢީދު ފެނިފައިވަނީ އައްޑިހައިގެ އަހަރުތަކުގެ ރަށްފުށުގެ މީހެއްގެ ގޮތުގައެވެ. ފިސާރި ކެރޭ، ޖޯޝޫ ހުރި ކެރެކްޓަރއެއްގެ ގޮތުގައެވެ.

ސީރީޒްގައި 1980ގެ އަހަރުތައް ދައްކައިދީފައިވާ ފުރިހަަމަ ކަމުގެ ވާހަކަތައް މިހެން ލިޔެގެން ކިޔައިދިނަސް ވަޒަންކޮށެއް ނުލެވޭނެއެވެ. ސީރީޒް ބަަލައިގެން ނޫނީ އެ ޒަމާން ގެނެސްދީފައިވާ ފުރިހަމަކަން އިހުސާސެއް ނުކުރެވޭނެއެވެ.

ސަޢީދު ހިމެނޭހެން މިހާތަނަށް ފެނިފައިވާ މަންޒަރުތަކުން، ސައީދުގެ ލުކްގެ އިތުރުން އެކްޓިން އިން ފެނިގެންދަނީ ހަމަ އިޒާދު ރަށްފުށަށް ނިސްބަތްވާ އެ ޒަމާާނުގެ ފިރިހެނެއްގެ ރޯލު ވަރަށް މޮޅަށް ކުޅެފައިވާ ތަނެވެ.

ވެބް ސީރީޒް “ގަމިނި”ގެ މަންޒަރެއްގައި ސައީދު

“ގަމިނި”ގެ އެނދުމަށް ނިމުމެއް ނެތް ފަދައިން، މީގައި ހަރަކާތްތެރިވެފައިވާ އެކްޓަރުންގެ ހުށައެޅުންތަކަށް ހަމަ ސަތޭކަ ދެވޭވަރު ވެއެވެ. އެގޮތުން، މީގެ ކުރިން އެއްވެސް ފިލްމެއްގައި ފެނިފައި ނުވާ ފަދަ ތަފާތު އަދި މޮޅު އެކްޓިންއެއް ޔޫސޭ، އާސިމް، ކޮޕީ އިއްސެ، ސޫޒަން އިބްރާހިމްފުޅު، އަދި ޝަކިއްތަގެ ޒުވާން ދުވަސްވަރުގެ ބައި ކުޅެފައިވާ އަންހެން އެކްޓްރެސްގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ. ވަކިން ޚާއްޞަކޮށް އަލަށް އެކްޓިންއަށް ނުކުތް މީހެކޭ ބުނަން ޖެހިލުންވާހާ މޮޅު އެކްޓިންއެއް ސޫޒަން ކޮށްފައިވެެއެވެ.

ވެބް ސީރީޒް “ގަމިނި”ގެ މަންޒަރެއްގައި ޔޫސޭ

އަޙްމަދު ސަޢީދުގެ އިތުރުން މި ސީރީޒްގެ މުހިންމު ރޯލުތަކުން ޔޫސުފު ރަފީޢު (ޔޫސޭ) އަހްމަދު އާސިމް، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް ޝަކީލާ އަދި ސޫޒަން އިބްރާހިމްފު، އައިމިނަތު ނިޝާ، އަލީ ފިޒާމް، އައިޝަތު ނަތާޝާ ޖަލީލް، މަރިޔަމް ޝިފާ، މުހައްމަދު އިމްރާން، އަމީން ޝަފީއު، އިސްމާއިލް ޒާހިރު، އަޖްނާޒް އަލީ، އިސްމާއިލް ވަހީދު އަދި ޖައުޒާ ޖައުފަރު ވެސް މުހިންމު ރޯލުތަކުން ފެނެއެވެ.

މިއީ މޫމިން ފުއާދު ލިޔެ، ސަތޭކައިގެ ޑައިރެކްޝަނެއް ފެނިގެންދާ ސީރީޒެކެވެ. ކެމެރާކުރީ ހުސެން އަދުނާން (ހުސޭނު) އެވެ. އެޑިޓްކޮށް ޑަބިންގެ ޓެކްނިކަލް މަސައްކަތްކުރީ ސީރީޒްގެ މެއިންކާސްޓު އަހުމަދު އާސިމެވެ. ބެކް މިއުޒިކް ތައްޔާރުކުރީ އިބްރާހިމް އައްފާން (އިއްބެ) އާއި ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ) އެވެ. ވިޝުއަލް އިފެކްޓު ހެދީ ވިޝާލް ޒަކީ (ވިއްޓެ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.