ކޮންމެ އަހަރެއްގެވެސް 14 ނޮވެންބަރަކީ ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް އާންމުން ހޭލުންތެރި ކުރުމުގެގޮތުން ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެގޮތުން އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނުން (އައި.ޑީ.އެފް) މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީހަކުރުބައްޔަށް ތަފާތު ދެއްކުމުގައި ނަރުހުން” “Diabetes: Nurses make the deference”އެވެ. މިޝިޢާރަކީ 2020 އަދި 2021 ގައިވެސް ބޭނުންކުރުމަށް އާއްމު ކޮށްފައިވާ ޝިޢާރެވެ. މި ޝިޢާރުގެ މަޤުޞަދަކީ ހަކުރުބަލި ޖެހިފައިވާ މީހުންނާއި އާއިލާތަކަށް އެހީތެރިވެ އެއްބާރުލުން ދިނުމުގައި ނަރުހުން އަދާކުރާ އިސް ދައުރު ފާހަގަކުރުމެވެ.

ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަޙައްމަލު ކުރަން ޖެހިފައިވާ ޞިއްޙީ މައްސަލައެކެވެ. ހަކުރުބަލި ހުރިކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރު ހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ. ހަކުރުބަލީގެ ދެ ވައްތަރެއް ހުރެއެވެ، އެއީޓައިޕް 1 ޑައިބެޓީސް އަދި ޓައިޕް 2 ޑައިބެޓީސް” އެވެ. ޓައިޕް 1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރުބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަންޖެހޭ ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ. މީގެ އިތުރުން ވެސް އައިލާގައި ހަކުރުބަލީގެ މީހުން ތިބުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މިބަލި ޖެހުމަށް މަގުފަހިވެއެވެ.

އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 463 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިންގިނަ މީހުން ތަޙައްމަލު ކުރަމުންދަނީޓައިޕް 2 ޑައިބެޓީސްއެވެ. 2019 ވަނަ އަހަރުގައި 4.2 މިލިޔަން މީހުން ހަކުރުބަލީގެ ސަބަބުން ވަނީ މަރުވެފައެވެ. ދިވެހި ރާއްޖޭގެ ޑިމަގުރަފިކް ހެލްތު ސާވޭ 2016-2017 އިން ދެއްކިގޮތުގައި %4 އަންހެނުން އަދި %2 ފިރިހެނުން ވަނީ ހަކުރުބަލި ޖެހިފައިވާކަމަށް ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން %50 އަންހެނުން އަދި %40 ފިރިހެނުން ވަނީ ހަކުރުބައްޔަށް ބޭސްފަރުވާކުރާކަމަށް ރިޕޯޓްކޮށްފައެވެ. 2018ވަނަ އަހަރުގައި ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާއިން ނެރެފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި %3.7 މަރުވަނީ ހަކުރުބަލީގެ ސަބަބުންނެވެ. ހަކުރުބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާންޖެހުން، ކަރުހިއްކާ ފެންބޮވުން، އާދަޔާޚިލާފަށް ބަޑުހައިވުން، ބަރުދަނަށް ބަދަލު އައުން އަދި ވަރުބަލިވުން ހިމެނެވެ.

އެހެންކަމުން ކަސްރަތު ކުރުމާއި ޞިއްޙަތަށް ފައިދާ ހުރި ރަނގަޅުކާނާ ކެއުމާއި ދުޅަހެޔޮ މާޙައުލެއް ގާއިމުކުރުމަކީ ހަކުރުބަލީން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅު ތަކެކެވެ. މިކަން ކަމަކީ ދިރިއުޅުމުގެ ވައްޓަފާޅިޔަށް ގެންނަޖެހޭ ބަދަލުތަކެއް ކަމުން ހަކުރުބަލީގެ ހިރާސްތައް ކުޑަކުރުމަށް ޢާއިލާތަކަށް އެހީތެރިވެދިނުމުގައި ނަރުހުން އަދި ސިއްޙީ އެހީތެރިން މުހިއްމު ދައުރެއް އަދާކުރެއެވެ.

މިއަހަރު މިދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކިދުވަސް ތަކަށް ބަހާލެވިގެން ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމުތަކުގައި ތަޖުރިބާކާކުން ހަކުރުބައްޔާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 14 ނޮވެމްބަރ 2020 ވީ ހޮނިހިރު ދުވަހުގެރޭ ހަކުރުބައްޔަށް އަހުލުވެރި ކުރުމުގެ ގޮތުން ވަނީ އައިޖީއެމްއެޗް އާއި، ޑައިބެޓިސް ސޮސައިޓީ އަދި އެޗްޕީއޭ ގުޅިގެން ވެބިނާރެއް ބާއްވާފައިވެއެވެ. މި ވެބިނާރުގައި މައުލޫމާތުދެއްވި ބޭފުޅުންގެ ތެރޭގައި ޑައިޓިޝިއެން، ނިއުޓިރިޝަނިސްޓުން، ފިޒީޝިއަނުން، ޕަބްލިކް ހެލްތު އެކްސްޕާޓުން ހިމެނެއެވެ. މި ވެބިނާރުގައި ސުވާލުކުރުމުގެ ފުރުސަތު ހުޅުވައިލިއެވެ.

މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އޮފީސް މާޙައުލުގައިމޫވް ފޯ ޑައިބެޓިސްގެ ނަމުގައި ކަސްރަތު ކުރުމުގެ ޙަރާކާތްތަކެއް ދުވަސް ފެށުމުގެ ކުރިން ކުރުމަށް އެޗްޕީއޭ އިން އެދެއެވެ. އަދި އޮފީސްތަކުން ހަރަކާތްތަކުގައި ނަންގަވާ ފޮޓޯ އެޗް.ޕީ.އޭ އަދި ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ޓެގްކޮށް ސޯޝަލް މީޑިއާގައި “#movefordiabetes, #WWD2020, #unitedfordiabetes” ހޭޝްޓެގް ބޭނުންކޮށްގެން ހިއްސާކުރެވޭނެއެވެ. ކޮންމެބޭފުޅަކަށްވެސް މި ހަރަކާތުގައި ބައިވެރިވެވިދާނެއެވެ. ކުރެވިދާނެ ބައެއް ހަރަކާތްތަކުގެ ތެރޭގައިދުވުން، ހިނގުން، ޔޯގާ، ފެތުން އަދި ކުޅިވަރުގެ އެކިއެކި ހަރަކާތްތައްވެސް ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.