ދިވެހި ސިނަމާގައި އެކްޓަރެއްގެ ގޮތުގައި މިހާ ގިނަ ދުވަސް ވީ އެހެން އެކްޓަރެއް އެބަހުރިބާ އެވެ؟ ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެފަދަ އެހެން އެކްޓަރެއް ނެތެވެ. މިއަދަކީ ރޯނު ހަސަން މަނިކުގެ އެކްޓިން ކެރިއަރަށް 44 އަހަރު ފުރުނު ތާރީޚީ ދުވަހެވެ. ފިލްމީ ދާާއިރާގައި 44 އަހަރު ހޭދަކޮށްފައިވާ ހަސަން އަށް ވަރަށް ހޫނު މަރުހަބާއެއް މުނިއަވަސް އިން ކިޔަމެވެ.

ޕާފޯމިން އާޓްސްގެ ދާއިރާ އިން އާންމު ހިދުމަތުގެ އިނާމް ހާސިލުކޮށްފައިވުމުގެ އިތުރުން ފިލްމީ ދާއިރާއިން ޙަޔާާތީ އަރުތަ (ލައިފްޓައިމް އެޗީވްމެންޓް) އެވޯޑް ފިލްމީ ދާއިރާގެ އިތުރުން ތަމްސީލު ކުޅުމުގައި ވެސް އަރާހުރި ތަރިއެކެވެ. ދިވެހިބަހަށް މޮޅު، ޝާއިރެއްވެސް މެއެވެ.

ފިލްމީ ދާއިރާއަކީ ހަސަން ކުރިއަށް ދިއުމަށް ވިސްނި ދާއިރާއެއް ނޫނެވެ. މި ދާއިރާއަށް ހަސަން ވެއްދެވީ މަރްހޫމް ސައިކުރާ އިބްރާހިމް ނައީމް އާއި ކަށިމާ ޝާކިރު އެވެ.

1980 ހިސާބުގައި އުފެއްދި “ގެއްލުނު ފުރާވަރު” ފިލްމަކީ ސްކްރިޕްޓަކަށް ދިވެހި ފިލްމެއް ތައްޔާރުކުރި ފުރަތަމަ ފިލްމު ކަމަށް ބުރަވެވެއެވެ. މި ފިލްމުގެ ބަޠަލެއްގެ ބައި ކުޅުނީ ހަސަން އެވެ. ސިނަމާތަކުގައި މި ފިލްމެއް ނާޅުވައެވެ. ޓެލެވިޛަން މޯޯލްޑިވްސް އިން މި ފިލްމު ދެއްކީ 13 ޖޫން 1980 ވަނަ ދުވަހުގެ ރޭގައެވެ.

“އެކަމަކު އެ ފިލްމަކީ ސްކްރީން ކުރި ފިލްމެއް ނޫން. ޓިކެޓް ވިއްކައިގެން މީހުން ބެލި ފިލްމެއް ނޫން. އެކަމަކު ޓީވީއެމް އިން އެ ފިލްމު ވެސް ދެއްކި. އަޅުގަނޑަށް ހީވަނީ 1980 ވަނަ އަހަރުހެން ހީވަނީ،” ދިވެހި ސިނަމާގެ ފުރަތަލަ ބަތަލަކީ ރޯނު ހަސަން މަނިކު ކަމަށް ބުނާ ވާހަކައާ ބަޔަކު ހިޔާލުތަފާތުވެފައި ވަނީ މި ސަބަބާ ހެދި ކަމަށް ބުނެ ވާހަކަ ދައްކަމުން ކިޔައިދިނެވެ. (އަވަސް އޮންލައިން)

ފިލްމީ ދާާއިރާގައި 44 އަހަރު ވާންދެން ހޭދަކޮށްފައިވާ ހަސަން އަކީ ދާއިރާ މީހުންގެ ބައްޕަކަމަށް އެމީހުން ބުނެއެވެ. ހަސަންގެ ޚުލްޤުހެޔޮކަމާ މަސައްކަތަށް ފަރުވާ ބަހައްޓާ މިންވަރު މިއީ ދާއިރާގެ ހަމަ ކޮންމެ މީހަކުމެ ފާާހަގަކުރާ ކަމެކެވެ.

ހަސަން މަނިކްގެ ފިލްމީ ހަޔާތުގެ ވާހަކަތައް ހިމެނޭ ވަރަށް ތަފުޞީލު އިންޓަވިއުއެއް ވަރަށް އަވަހަށް މުނިއަވަސް އަށް އަންނާނެއެވެ.

ފިލްމު “ދޮންހިޔަލައާއި އަލިފުޅު”ގައި ހަސަން މަނިކް ސަންގު ފުމެއް – ފޮޓޯ: ރަން ޒަމާން އެފްބީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.