ގދ. ތިނަދޫ ބުންނަރު ސްޓޫޑިއޯ އާއި ޗައްޕަލާ ސްޓޫޑިއޯ އިން މީގެ މަސް ދުވަސް ކުރިން ނެރުނު “މެންސާ މަދުއްރާ” ވީޑިއޯ ލަވައިން މުޖުތަމައަށް ދޫކޮށްލި އިބްރަތްތެރި މެސެޖްތަކަށް ފަހު އަނެއްކާވެސް މިއޮތީ ހަމަ އެފަދަ އިބްރަތްތެރި ލަވައެއް ދޫކޮށްލާފައެވެ. “ކޫދު ތިޔެނެ ލިހަކުން”ގެ ނަމުގައި ނެރެފައިވައިވާ މި ލަވައަކީ ވެސް ކޮމެޑީ ސްޓައިލްގެ ހިތްގައިމު ލަވައެކެވެ.

މިފަހަރުގެ ލަވައިގައި ދައްކައިދެނީ މުޖުތަމަޢުގައި މިހާރު ބައެއް ޒުވާނުން އުޅެމުން އަންނަ ވިޔާނުދާ ގޮތުގެ ވާހަކަތަކެކެވެ. އެގޮތުން މި ލަވައިން ދޫކޮށްލި އެންމެ މުހިއްމު މެސެޖުތަކަކީ ކުށުގެ ވެށިން ސަލާމަތްވުމަކީ އަމިއްލަ މަސައްކަތުން ކުރެވޭނެ ކަމެއް ކަމަށާ ނުބައި މަގަށް ހެއްލިދަނީ ނުބައި އެކުވެރިންގެ ސަބަބުން ކަމެވެ.

އޯޑިއޯ އަދި ވީޑިއޯ ލަވައިގެ ހުރިހައި މަސައްކަތެއް ވެސް ކޮށްފައިވަނީ ބުންނަރު ސްޓޫޑިއޯ އާއި ޗައްޕަލާ ސްޓޫޑިއޯގެ އިތުރުން ‘ފޮޓޯ މޯލްޑިވްސް’ގެ ހުނަރުވެރި ފޮޓޯގްރާފަރ މުޙައްމަދު ފަލާޙް އަޙްމަދުގެ އެހީތެރިކަމާއެކުގައި ކަމަށް ބުންނަރު ސްޓޫޑިއޯގެ ވެރިޔާ / ކޮމްޕޯސަރ އަދި ރެކޯޑިންގ އިންޖިނިއަރ ޢަބްދުލް ބާޠިން މުޙައްމަދު މުނިއަވަސް އަށް ބުންޏެވެ.

“މިއީ ހުވަދޫ ބަހުރުވަ ދިރުވާ އާލާކުރުމުގެ އުއްމީދުގަ ކުރާ މަސައްކަތެއްގެ ގޮތުން ހަދާ ސިލްސިލާ ވީޑިއޯ ލަވަތަކުގެ ތެރެއިން ދެވަނަ ލަވަ. އަދިވެސް އަމިއްލަ ރާގުގެ ލަވަތަކާ ހަމަ މިކަހަލަ ލަވަތައްވެސް ގެންނަން ޕްލޭންކުރެވިފަ އެބަހުރި.” ލަވައިގެ އިތުރު މައުލޫމާތުތައް ހިއްސާކުރަމުން ބާޠިން ބުންޏެވެ. އޭނާ އިތުރަށް ބުނީ މި މަސައްކަތުގެ އެއް މަޤުޞަދަކީ ހުނަރުވެރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކައިލުމުގެ ފުރުޞަތެއް ވީ ވަރަކުން ހުޅުވައިލުން ކަމަށެވެ.

“ކޫދު ތިޔެނެ ލިހަކުން” ލަވަ ކިޔާފައިވަނީ ތިނަދޫގެ ދެ ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު ޝަފީޤާއި، މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން މަޤުބޫލުކަން ހޯދި މުޙައްމަދު ޒަލީފު ޢަބްދުﷲ އެވެ. މިއުޒިކު ތައްޔާރުކުރީ ޢަބްދުﷲ ބާޠިން މުޙައްމަދެވެ. ލަވައިގެ ޅެން ހަދާފައިވަނީ މަޝްހޫރު ޅެންވެރިޔާ ޢަބްދުﷲ އަފީފް (އަފީއްބެ) އެވެ.

މަޖާ އަދި އިބްރަތްތެރި މަންޒަރުތަކެއް ހިމެނޭ މި ލަވައިގެ ވީޑިއޯގައި ހަރަކާތްތެރިވަނީ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ޒުވާނުންތަކެކެވެ. އެގޮތުން ހާޒިފު މުޙައްމަދު، މުޙައްމަދު މާޖިދު، އަރުޝަމް ނާފިޒު، ހައިޝަމް ޙަބީބު، ވިޝާން، މުޙައްމަދު އަޙްމަދު (ޓެކްސް)، މުޙައްމަދު ޝާކިރު، ޝަފީޤު މުޙައްމަދު، މުޙައްމަދު ޒަލީފުގެ އިތުރުން ރިޝްފާ ޢަލީ އާއި ލުޔޫނާ ޝަރީފެވެ.

ލަވައިގެ ޓެކްނިކަލް މަސައްކަތްތަކަށް ބަލައިލާއިރު، ކެމެރާކުރީ ‘ފޮޓޯ މޯލްޑިވްސް’ގެ މުޙައްމަދު ފަލާޙު އަޙްމަދު އާއި ‘ސެމީ ޕިކްޗަރސް’ގެ އަޙްމަދު ޙަސަނެވެ. އެޑިޓްކުރީ މުޙައްމަދު މާޖިދެވެ. ލަވައިގެ ޑައިރެކްޝަން ހެދީ ހާޒިފު މުޙައްމަދެވެ. ލަވައިގެ އޯޑިއޯ މަސައްކަތްކުރީ ބުންނަރު ސްޓޫޑިއޯގައެވެ. ވީޑިއޯ މަސައްކަތްކުރީ ޗައްޕަލާ ސްޓޫޑިއޯގައެވެ.

ލަވައިގެ މަސައްކަތުގައި އެހީތެރިވި ފަރާތްތައް ފާހަގަކުރަމުން ބުންނަރު ސްޓޫޑިއޯގެ ވެރިޔާ ޢަބްދުލް ބާތިން މުޙައްމަދު ބުނީ މި ޕްރޮޖެކްޓުގައި އެހީތެރިކަމެއް އެ ބޭފުޅުންނަށް ދެވެން އޮތް އިމުގެ ތެރެއިން ދެއްވިކަމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާރވިސް އަށާއި ޑްރަގް ޑީޓޮކްސިފިކޭޝަނާ ގދ. ތިނަދޫ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ވަރަށް ބޮޑަށް ޝުކުރުދަންނަވާ ކަމަށެވެ.

ބުންނަރުގެ “މެންސާ މަދުއްރާ” ލަވައަށް ބޮޑު ތަރުހީބެއް ލިބުނު ފަދައިން މި ލަވަވެސް އަޕްލޯޑް ކުރިތާ މާގިނައިރުތަކެއް ވަރަށް ގިނަ އަދަދެއްގެ މީހުން މި ލަވަ ބަލައިފައިވާކަން ފާހަގަ ކުރެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.