ލިލީ މަލަކީ އަބަދުވެސް ހިތްގައިމު، ރީތި މަލެކެވެ. މަކިން ޚާއްޞަކޮށް މުޅި ރާއްޖެއަށް ފަރިވެ ފޮޅޭ “މާ ލިލީ”ގެ ހިތްގައިމުކަން އަދި ވަކިން އިތުރުވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ރާއްޖެއަށް މަޝްހޫރު ބޭސިސިސްޓް މިރާހް ޢަލީގެ މޭސްތިރިކަމުގެ ދަށުން މޯލްޑިވިއަން އައިޑޮލް ފުރަތަމަ ސީޒަންގެ އޮޑިޝަނުން ވަރަށް ގިނަ ބައެއްގެ ލޯބި ހޯދި އިޤްޔާން ރަފީޢު ކިޔާފައިވާ “މާ ލިލީ”ގެ ވީޑިއޯ ނެރުމާއެކު “މާ ލިލީ”ގެ ހިތްގައިމުކަން މިވަނީ މާ ބޮޑަށް ވެސް އިތުރުވެފައެވެ. ވީޑިއޯ ނެރެފައިވަނީ މިރާހްގެ އަމިއްލަ ލޭބަލް ‘ޑިޖިޓަލް ފްލޮކް’ ޔޫޓިއުބް ޗެނަލްގައެވެ.

ވަރަށް ކުރިން ފެށިގެން ހއ. ހޯރަފުށީ މީހުން ލަނގިރިޖަހާއިރު ކިޔާ އުޅުނު މި ލަވަ، މި ޒަމާނަށް ފައްތައިގެން އަޑު އިއްވައިލީ މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގައި ލަވަކިޔުންތެރިޔާ ޒާރާ މުޖުތަބާ އެވެ. އެ ހިސާބުން ފެށިގެން މި ލަވައިގެ ރިމިކްސްއެއް ތައްޔާރުކުރަން މިރާހް ބޭނުންވިއެވެ. އެގޮތުުން ލަވައިގެ ފަހުގެ ވާޝަންއެއް ގެނެސްދިނުމުގައި އިޤްޔާން ރަފީޢު އާއެކު މީގެ ކޮޔާރގައި ވަރަށް ގިނަ މަޝްހޫރު ލަވަކިޔުންތެރިން ބައިވެރިވެއެވެ. ކޮޔާރގައި ޝަލަބީ އިބްރާހިމް، މީރާ މުޙައްމަދު މާޖިދު، ޙަސަން އިރުފާން (ޒަކިއްޓެ)، ޢަބްދުﷲ ފަރްހާން (ފައްފު) އަދި ޢާޢިޝަތު އަޒަލްގެ އިތުރުން ރާއްޖެއިން ބޭރުގެ ބައެއް އާޓިސްޓުން ވެސް ބައިވެރިވި އެވެ.

“ޑިޖިޓަލް ފްލޮކް”ން ޕްރޮޑިއުސްކުރި މި ލަވައިގެ މިކްސިން އަދި މާސްޓަރިންގެ ހުރިހާ ކަމެއް ކުރީ މިރާހް އަމިއްލަ އަށެވެ. ވީޑިއޯގެ މަސައްކަތް ކުރީ އަޖުފާން ޢަޒީޒް އެވެ. ވީޑިއޯ ޝޫޓްކުރީ ‘ވޭވްފޯމް ސްޓޫޑިއޯ’ ގައެވެ.

ސްޕޮޓިފައި، އެޕަލް މިއުޒިކްގެ އިތުރުން ލަވަފޮށިން ވެސް މި ލަވަ އަޑުއެހޭނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.