1980ގެ އަހަރުތަކުގައި ބޮލީވުޑުން އެންމެ ހިތްގައިމު، ރީތި، ފަރި އެކްޓްރެސްއަކީ ކޮބައިހޭ އަހައިލުމުން އެ ދުވަސްވަރުގެ ހަމަ ކޮންމެ މީހަކެއްގެ ދުލުކުރިއަށް ވެސް އަންނާނެ އެއް ނަމަކަށް ‘ނީލަމް’ ވާނެއެވެ. އެ ދުވަސްވަރުގެ ޒުވާން ފިރިހެންކުދިންގެ ކޮޓަރީގެ ފާރުތަކުން ނީލަމް ކޮތާރީގެ ޕޯސްޓަރެއް ނުވަތަ ފިލްމުފެއަރ މެގަޒިން ފަދަ މެގަޒިންއަކުން ނަގާފައިފާ ފޮޓޯގަނޑެއް ނަމަވެސް ފެންނަން ހުންނާނެއެވެ.

09 ނޮވެމްބަރު 1967ގައި އިންޑިއާގެ ގުޖުރާތީ އަދި އިރާނުގެ އާއިލާއަކަށް އުފަންވި ނީލަމް ކޮތާރީ މިހާރު ދިރިއުޅެނީ ހޮންގް ކޮންގް ގައެވެ. 1980ގެ ފިލްމުތަކުން ބޮޑު މަޤްބޫލުކަމެއް ހޯދައި ގިނަބަޔަކަށް އެނގިގެން ދިޔަ ނީލަމްގެ ޅަދުވަސްވަރު ހޭދަކުރީ ހޮންގް ކޮންގް ގައެވެ. އޭގެ ފަހުން ބެންކޮކަށް ހިޖުރަކުރިއެވެ. އެއަށްފަހު އޭނާ ބޮލީވުޑްގައި މޮޑެލްކުރުމާއި ފިލްމުތަކުން ފެންނަން ފެށިއެވެ.

ނީލަމް ކޮތާރީގެ ޒާތީ އަދި ފިލްމީ މައިދާނުގެ ކަންކަމުގެ މައްޗަށް މި ފޮޓޯޓަކުން ބަލައިލަމާ ހިނގާށެވެ. ހުރިހައި ފޮޓޯތައް ބޭނުންކޮށްފައިވާ މިވަނީ ނީލަމްގެ އިންސްޓަގްރާމުން ނަގައިގެންނެވެ.

ދިހަވަނަ ގްރޭޑް ނިންމުމަށްފަހު، ހޮންގް ކޮންގުން މުންބާއީ އަށް ނީލަމް އައީ ޗުއްޓީހޭދަކޮށްލުމަށެވެ. އެ ދަތުރުވަރުގައި އައިސް އުޅެނިކޮށް މަޝްހޫރު ޑައިރެކްޓަރު ރަމޭޝް ބޭހްލްގެ ލޮލުގައި ނީލަމް އަޅައިގަތެވެ. މިއީ އޭރު މަޝްހޫރުކަން ހޯދާފައިވާ ފިލްމުތައް ކަމަށް ‘ގަސުމޭ ވާދޭ’ އާއި ‘ޕުކާރް’ ފަދަ ފިލްމުތައް އުފެއްދި ޑައިރެކްޓަރެވެ. ޑައިރެކްޓަރު ރަމޭޝް ބޭހްލް އާއި ނީލަމް ދިރިއުޅުނީ އެއް އިމާރާތެއްގައެވެ. އޭނާގެ ފިލްމަކުން ފުރުޞަތު ނީލަމް އަށް ދިނެވެ. ނަމަވެސް ނީލަމްގެ އާއިލާއިން އެމީހުންގެ އަންހެން ދަރިފުޅު އެކްޓިންއަށް ނުކުތުމާމެދު ތިބީ ފަސްޖެހެވިފައެވެ.

ނީލަމް ވެސް ހިންދީ ބަހަށް އެހާ ފަރިތަ ނޫންކަމުން، އެ ހުށައެޅުން ޤަބޫލުކުރުމާމެދު ހުރީ އަމިއްލަ ނަފުސަށް އެހައި ބޮޑަށް ޔަޤީންކަމެއް ނެތިއެވެ. ނީލަމްގެ މައިންބަފައިން ހޮންގް ކޮންގުން ބެންކޮކަށް ބަދަލުވިއެވެ. ހޮންގް ކޮންގްގައި ކިޔަވައިދެމުން އައި އިނގިރޭސިވިލާތުގެ ކަރިކިއުލަމް އާއި ޚިލާފަށް ބެންކޮކްގައި ކިޔަވައިދޭ އެމެރިކާގެ ކަރިކިއުލަމަށް ތައުލީމު ހާސިލުކުރުން ނީލަމަށް ވީ ވަރަށް ބޮޑު އުނދަގޫ ކަމަކަށެވެ. މިކަން ވެގެން ދިޔައީ ނީލަމްގެ ނަސީބުގައި އެކްޓިން އިން ކުރިއަށް ދިއުމަށް ފިޔަވަޅެއް އެޅުމަށް ކުރިމަތިވި ކަމެއް ކަމަށެވެ.

ބެންކޮކުގައި ދިރިއުޅެން ޖެހުމުން، އެކަމުން ސަލާމަތްވާން ބޭނުންވެފައި ހުރި ނީލަމް ހުރީ ދައްކާނެ އުޒުރެއް ބޭނުންވެފައެވެ. އެހެން ހުއްޓާ ރަމޭޝް ބެހްލްގެ ފިލްމެއް ކުޅުމަށް ލިބުނު ފުރުޞަތުގެ މަތިން އޭނާ ހަނދާންވިއެވެ. އެހެންކަމުން އެކަމާ ކުރިމަތިލާން ނިންމިއެވެ. ނީލަމްގެ އަލަތު ފިލްމު ކުޅުނު އިރު އޭނާގެ އުމުރަކީ އެންމެ 17 އަހަރެވެ. އެއީ 1984 ގައި ރިލީޒްވި ފިލްމު “ޖަވާނީ” އެވެ.

ނީލަމްގެ އަލަތު ފިލްމު “ޖަވާނީ” ވެގެން ދިޔައީ ބޮކްސް އޮފީހުގެ ބޮޑު ފްލޮޕަކަށެވެ. އެހެން ނަމަވެސް އެ ފިލްމުގެ ޒަރީޢާއިން، ފިލްމު ހަދާ އެތައް ބައެއްގެ ލޮލުގައި ނީލަމް އަޅައިގަތެވެ. އިސާހިތަކުން ފިލްމުކުޅުމުގެ ފުރުޞަތުތައް އޭނާގެ ކުރިމައްޗަށް ބަންޑުންވާން ފަށައިފިއެވެ.

ނީލަމް ކުޅެފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި “އާގް ހީ އާގް” (1987)، “ޕާޕް ކީ ދުނިޔާ” (1988)، “ޚަތުރޯން ކޭ ކިލާޅީ” (1988)، “ގަރް ކާ ޗިރާގް” (1989)، “މިއްޓީ އޯރް ސޯނާ” (1989)، “ދޫދް ކާ ކަރްޒް” (1990)، “އަގްނީޕަތު” (1990)، “އަފްސާނާ ޕިޔާރް ކާ” (1991)، “ސާހެބްޒާދޭ” (1992) އަދި “ހަމް ސާތު-ސާތު ހެއިނ” (1999) ހިމެނެއެވެ.

ނީލަމް އަކީ މޮޅު އެކްޓަރެއްގެ އިތުރުން، އޭނާގެ ރީތިކަމާއި، ޗާލު ފެޝަނެއް ގެންގުޅޭ އަދި މަޑުމައިތިރި އާދަތަކުގެ ސަބަބުން ގިނަ ބައެއްގެހިތްތަކުގައި ރަނިކަންކުރި، އަދި މިހާރުވެސް ރަނިކަންކުރާ އެކްޓްރެސް އެކެވެ.

ނީލަމްގެ ފިލްމު ކެރިއަރ ރަނގަޅަށް ހިނގައިނުގަނެވި އުޅެނިކޮށް އޭނާގެ އާއިލީ ވިޔަފާރި ކަމަށްވާ ޑިޒައިނިންގ އާއި ގަހަނާ ވިއްކުމުގެ ތެރެއަށް ވަނެއެވެ.

“ކުޑައިރުން ފެށިގެންވެސް ގަހަނާއަށް އަހަރެންގެ ޝައުޤުވެރިކަން ހުރޭ. އަހަރެން ފިލްމުކުޅުނު އިރުވެސް، އަހަންނަށް އެނގޭ އަހަރެންގެ ބައްޕަގެ ގަހަނާ ވިޔަފާރިއާ އަހަރެން ގުޅޭނަންކަން. އަހަންނަށް ލިބޭ ހުސްވަގުތު، ބައްޕަގެ އޮފީހަށް ގޮސް ބައްޕަގެ މަސައްކަތްތައް ބަލަން. މި ބުނަން އުޅޭ ވާހަކައަކީ ބުނަން ތަންކޮޅެއް އަވަސް ވާހަކައަކަށް ވެސް ވެދާނެ، އެހެނަސް އަހަރެން ބޭނުން އަހަރެންގެ ދަރިންވެސް ގަހަނާގެ ވިޔަފާރިއަށް ޝައުޤުވެރިކަންދީ މި އާއިލީ ވިޔަފާރިއާ ހަވާލުވެ މީތި ކުރިއަށް ގެންދިއުމަށް.” 2011 ވަނަ އަހަރު މީޑިއާއަކަށް ނީލަމް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

މަތީގައި އެވަނީ ނީލަމްގެ ގްރޫޕް ފޮޓޯއެކެވެ. ފޯޓޯއިން ފެންނަނީ (ކަނާތުން ވާތަށް) – ބާވްނާ ޕާންޑޭ، ގޯރީ ޚާން، ޝަބީނާ ޚާން، މަހީޕް ކަޕޫރު، ސީމާ ޚާން އެވެ.

ނީލާމް ކޮތާރީ ބޮލީވުޑް ދޫކޮށް އޭނާގެ ގަހަނާ ވިޔަފާރި، ‘ނީލަމް ޖުވެލްސް’ ފެށީ 2001 ވަނަ އަހަރުއެވެ. މުންބާއީގައި އޭނާގެ ގިނަ ފިހާރަތައް ހުރެއެވެ. އޭނާއަކީ ގަހަނާ ވިޔަފާރީގައި އެންމެ ކާމިޔާބު އެއް އަންހެން ސަޚްސިއްޔަތެވެ.

ނީލަމްގެ ޒާތީ ދިރިއުޅުމަށް ބަލައިލާއިރު، އޭނާ އެކްޓިންގައި އުޅުނުއިރު (80ގެ އަހަރުތަގުގެ މެދުތެރޭގައާއި 90ގެ އަހަރު ތަކުގެ ކުރީކޮޅު)، ބޮލީވުޑްގެ ރަށްގޮވާ އަޑަކަށް ވެފައި އޮތް އެއް އަޑަކީ އެކްޓަރު ގޯވިންދާ އާއި ނީލަމްގެ ވާހަކައެވެ. ގޯވިންދާ ހުންނަނީ ނީލަމްއާ ހެދި މޮޔަވާވަރު ވެފައި ކަމަށް އަޑުތައް ފެތުރުނެވެ. ބޮބީ ޑިއޯލް އާއި ނީލަމް އާ ރައްޓެހިވެގެން ފަސް އަހަރަށް ވުރެން ގިނަ ދުވަހު އުޅުނެވެ. އިންޑިއާގެ މަޝްހޫރު އިންޑަސްޓްރިއަލިސްޓް ނިރްމަލް ސެތިއާގެ ދަރިފުޅު ރިޝީ ސެތިއާ އާއި ނީލަމް ކައިވެނިކޮށް ކުޑަ ދުވަސްކޮޅަކު އެކީގައި އުޅުނެވެ. ނީލަމް އެކަން ކުރީ އޭނާގެ އާއިލާއާއި ދެކޮޅަށެވެ. މިހާރު ނީލަމް އަކީ އެކްޓަރ ސަމިރް ސޯނީގެ ހަޔާތުގެ ބައިވެރިޔާއެވެ. އެމީހުންގެ ކައިވެންޏަށް މިހާރު މިއީ10 ވަނަ އަހަރެވެ.

ނީލަމް އާއި ރިޝީ ސެތިއާ ވަކިވުމަށްފަހު، ސަމިރް ސޯނީ އާ ދިމާވުމުގެ ކުރިން އެހެން މީހަކާ ގުޅުމެއް ނުބާއްވައެވެ. ސަމިރް ސޯނީ އާއި ނީލަމް އާ ދިމާވީ އެކްތާ ކަޕޫރު ބޭއްވި ޕާޓީއެއްގެ ތެރެއިންނެވެ.

ސަމިރް ސޯނީ އަކީ ވެސް ކުރިން އެހެން ކައިވެންޏެއް ކުރި މީހެކެވެ. އޭނާ ކައިވެނިކުރީ މޮޑެލް ރާޖްލަކްޝްމީ ކަންވިލްކަރް އާއެވެ. އެ ކައިވެނި ވެގެން ދިޔައީ ވަރަށް އުމުރު ކުރު ކައިވެންޏަކަށެވެ.

ނީލަމް އާއި ސަމިރް ކައިވެނިކުރީ 24 ޖެނުއަރީ 2011 ގައެވެ. ކައިވެންޏަށް ދެ އަހަރު ފުރުނު ފަހުން، ސެޕްޓެމްބަރު 2013 ގައި ނީލަމް އާއި ސަމިރް، އަންހެން ކުއްޖެއް އެޑޮޕްޓްކުރިއެވެ. އެ ކުއްޖާއަށް ކިޔީ ‘އަހާނާ’ އެވެ.

ނީލަމް އާއި ސަމިރް އުޅެމުން ގެންދަނީ އުފާވެރި ދިރިއުޅުމެކެވެ. ނީލަމް އަކީ ގަހަނާ ވިޔަފާރީގައި އަވަދިނެތި އުޅެމުން، އުމުރުން 7 އަހަރުގެ އަންހެން ދަރިއެއްގެ މައެކެވެ. އެކްޓިންއަށް އަލުން ވަނުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.