ޝާރިފް ޒާޔާ ދެކެ އެއްވެސް ލޯތްބެއް ނުވާކަން ހިތާއި ސިކުނޑިއަށް ވިސްނައިދެމުން ދިޔައެވެ. ފޯނު ގަނޑު އަތުކޮޅަށް ނަގާ ހޫރާލަމުން ޒާޔާ ރޯންފެށިއެވެ. ކީއްވެ ހެއްޔެވެ؟ ޝާރިފް އެންމެ ރެއަކު ޒާޔާގެ ތަންމަތި ފަޅުފިލުވައިދިނުމުން ޝާރިފްއަކީ ޒާޔާގެ މީހަކަށް ވާނެ ހެއްޔެވެ؟ ދިލާ ފޭސްބްކްގައި ޝާރިފްއަށް ޝުކުރު އަދާކޮށްފައިވަނީ ‘ހާޓް ކޭކް’ އަކާއި އަދި ‘ހާޓް ފަށެއްގެ’ ފޮޓޯ ލާފައެވެ. ޒާޔާގެ އެއްވެސް ފޯނަކަށް ޝާރިފް ޖަވާބު ނުދިނީ އެހެންވެއެވެ. އެކަމަކު ޝާރިފް އެހެން ހަދަންވީ ކީއްވެ ހެއްޔެވެ؟ ޖަވާބު ނޭނގޭ ސުވާލުތަކުން ޒާޔާ ސިކުނޑިއަށް ކުރަމުންދާ ބާރު ކަރުނައިގެ ސިފައިގައި ދެލޮލުން ބޭރުވަމުންދެއެވެ. ޚުދު ޒާޔާގެ އަމިއްލަ ނަފުސު ވެސް ޒާޔާއަށް މަލާމަތްކުރާ ކަހަލައެވެ. ޝާރިފް ޒާޔާ ދެކެ ލޯބިވާ ކަމަށް ޒާޔާއަށް ހީކުރެވުނީމައެވެ.

އިރު އެރިއިރުވެސް ޒާޔާ އޮތީއެވެ. އެނދުގައި ބަންޑުން އޮށޯވެގެންނެވެ.
“ދަރިފުޅު ހޭލާތަ؟” ފާއިޒާ ދޮރުގައި ޓަކި ޖަހައިލިއެވެ. އަވަސް އަވަހަށް ދެލޯ ފޮހެލަމުން ޒާޔާ ގޮސް ދޮރުހުޅުވާލިއެވެ.
“ހޭލާދޯ ތިއުޅެނީ؟ ޒިޔަލް ވެސް ހޭލާތަ؟” ފާއިޒާ ކޮޓަރި ތެރެއަށް ބޯދިއްކޮށްލިއެވެ.
ޒާޔާ ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަނގައިގަވެސް ޒާޔާގެ ވަރު ނެތް ކަހަލައެވެ. އަރުބެދިގެން ގޮސް ޒާޔާ އަށް އިރުއިރުކޮޅާއި ހިންދިރުވާވެސް ލެވެއެވެ.
“މަންމަ މިދަނީ ސައިހަދަން. އިނގޭ.” ޒާޔާގެ ބޮލުގައި ފިރުމާލަމުން ފާއިޒާ ހިނިތުންވެލިއެވެ.

ފާޚާނާއަށް ވަދެ މޫނު ދޮވެލުމާއެކު ޒާޔާ ނިދާ ހެދުން ބަދަލުކޮށްލިއެވެ. މިއަދު ޒާޔާ ބޭރަށް ނިކުމެލާހިތް ވަނީއެވެ. އަބަދު ގޭގައި ހުންނަން ބޭނުން ޒާޔާ މިއަދު ތާޒާ ވަޔާއި އިރުގެ ހޫނުކަމުގެ އިޙްސާސް ކޮށްލާ ހިތްވަނީއެވެ.

ގޭގެ ބިއްދޮށުގައި އޮންނަ ރީތި ހިމުން ދޮންވެލިގަނޑު މަތީގައި ޒާޔާ ފައި ބީއްސާލިއެވެ. ލިބިގެން ދިޔަ ފިނި ކަމާއި އެކު ޒާޔާ ތުރުތުރުއަޅައިގަތް ނަމަވެސް ޒާޔާގެ ފިޔަވަޅު އެޅެމުންދިޔައީ ކުރިއަށެވެ. ހުސްފައިގައި ޒާޔާ ހިނގަމުން ދިޔައީ އެހާމެ މަޑުމަޑުންނެވެ. ފިކުރުތަކާއި ދުރުވަން ޒާޔާ އަބަދުވެސް އެތަނަށް އާދެއެވެ. ޝާރިފްގެ ޚިޔާލުތައް ހިތުން ފޮހެލަން ޒާޔާ އޭނާގެ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރަނީއެވެ.

ކުއްލިއަކަށް ޒާޔާގެ ފިޔަވަޅު ހުއްޓުނީ އެންމެ ފުރަތަމަ ޝާރިފް އާއި ބައްދަލު ކުރި ތަނާއި އަރާއި ހަމަވުމުންނެވެ. ލޯމައްޗަށް ސިފަވެގެން ދިޔައީ އެރޭގެ ހާދިސާއެވެ. ޝާރިފްގެ ލޯބިވެތި ބެލުންތަކެވެ. ވާހަކަ ދެއްކި ލޯބި ގޮތެވެ. ޒާޔާގެ މޫނުމައްޗަށް ލުއިލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައީ ބޭއިޚްތިޔާރުގަ އެވެ.
އެތައް އިރެއް ވާންދެން އެތަނުގައި ހުރުމަށްފަހު ގެޔާއި ދިމާއަށް ޒާޔާ މިސްރާބު ޖެހީ ޒިޔަލް މަތިން ހިތަށް އަރާފައެވެ. މިހާރު ޒިޔަލް ހޭލަފާނެތީއެވެ.

ވީވެސް އެހެންނެވެ. ޒާޔާ ގެޔަށް ދިޔައިރު ޒިޔަލް ހޭލައިގެން އިނީ ފާއިޒާގެ އުނގުގައެވެ.
“މަންމަ ޒިޔަލް ފެންވެސް ވަރުވާލީތަ؟” މަންމަގެ ރަނގަޅުކަމާއިމެދު ޒާޔާ އުފާވިއެވެ.
“އާން. ކާންވެސް ދީފިން.” ފާއިޒާ ޒިޔަލް ނަގައި ޒާޔާގެ އަތަށް ދިނެވެ.
“ދަރިފުޅު ދޭބަލަ ފިހާރައަކަށް ގޮއްސަ އަންނަން. ބައިސްކަލްގަ ދޭ. ތަންކޮޅެއް ދުރުގަ އެފިހާރަ ހުންނާނީ.” ފާއިޒާ ޖީބުން ނަގާ ވޮލެޓް ޒާޔާ އަތަށް ދިއްކޮށްލިއެވެ.
“އަދިވެސް ގަންނަންވީ ކޯޗެއް ކަމެއް ނުބުނަމެއްނު.” ފާއިޒާގެ ވާހަކަ ހުރިގޮތުން ޒާޔާގެ ކައިރިއަށް ހިނިއައެވެ.
“އާން. އެބުނާހެން. ބޮލުގަ ލާ ތެޔޮ ފުޅިއެއް. ރެޑް ކުލައިގެ މައްޗެއް ޖަހާފަ އިންނާނީ.” ފާއިޒާގެ ޖަވާބު އިވުމާއެކު ޒާޔާއަށް ހެވުނު ނަމަވެސް އަވަސް އަވަހަށް މަންމައަށް ފުރަގަސްދެމުން ޒާޔާ ބައިސްކަލަށް އަރާ ދުއްވާލިއެވެ.

މަގެއްގެ މަތިން ޝާރިފް ނުފެނޭތޯ ހިތާ ހިތުން ދުޢާ ކުރަމުން ގޮސް ޒާޔާ ބައިސްކަލްގައި ފިހާރައިގެ ދޮރު މައްޗަށް މަޑުކޮށްލިއެވެ.
ބައިސްކަލުން ފައިބަމުން ޒާޔާ ފިހާރަ ތެރެެއަށް ވަނީވެސް މަގުގެ ދެކޮޅު ރަނގަޅަށް ބަލާފައެވެ.
މަންމަ އެބުނި ރަތް މަތި ޖެހި ތެޔޮފުޅި ލޮލުގައި އަޅައިގަނޭތޯ ޒާޔާ ފިހާރައިގައި އެއްޗެހި ބަހައްޓާފައި ހުރި ހަރުގަނޑުތައް ބަލަމުން ދިޔައެވެ.
“އޭ ދިލާ. ކޮބާ ކޮންކަމެއް ކުރީ ވެލެންޓައިންސް ޑޭގަ؟” ޒާޔާގެ ކަންފަތުގައި ދިލާގެ ނަން ޖެހުމާއެކު ޒާޔާގެ ހިތް ބާރުބާރަށް ތެޅެން ފެށީ ކީއްވެކަމެއްވެސް ޒާޔާއަަކަށް ނޭނގުނެވެ. ނަމަވެސް ޒާޔާ ސަމާލުވެލީ ދިލާގެ ޖަވާބަކަށެވެ.
“ވަރަށް ސްޕެޝަލް ރޭގަ. ކޭކް ފަޅާ. ގިފްޓް ޝެއަރ ކޮށް. އިންސްޓާ ގްރާމް ޗެކް ކޮށްލަބަލަ. އޭރަށް ފެންނާނެ.” ދިލާގެ އަޑުގައިވާ ފޮނިކަން ޒާޔާގެ ހިތް ވަގުތުން ތޮރުފާލިއެވެ.
ތެޔޮ ފުޅި ކައުންޓަރުގައި ބެހެއްޓިއިރުވެސް ޒާޔާ ހުރީ އިސްޖަހައިގެންނެވެ. ދިލާ އާއި ވާހަކަ ދައްކަންވެސް ޒާޔާ ބޭނުމެއްނޫނެވެ. ޒާޔާ އަށް ހައްޤުވާ ޒާޔާގެ އުފާތަކުގައި ދިލާ ހުޅުޖެހީއެވެ. އަދި ޒާޔާގެ ހިތްމައްޗަށް ފައިން އަރައިގެން ހުންނައިރުވެސް ޒާޔާވީ ހެވިފައި ދިލާ އާއި ވާހަކަ ދައްކަން ހެއްޔެވެ؟ އެއީ ޒާޔާގެ ހިތް ޒާޔާއަށް ވިސްނައިދިން ގޮތެވެ.

“ޒާޔާ ކީއްތަ ކުރީ ރޭގަ؟” ދިލާ ހުރީ ޒާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެވަގުތު އިސްއުފުލާ ދިލާގެ މޫނަށް ޒާޔާއަށް ބަލައިލެވުނެވެ. އަހަރެންގެ އަރާމު ނިދިކޮޅު ފޭރިގެންފައި އަހަރެންގެ ހިތަށް ތަދުކޮށްފައި ކީއްކުރީހޭ އަހާނެ ކަމެއްނެތެވެ. ހިތުން ދިލާ އަށް އެތިވަރު ގޮވަމުން ދިޔަނަމަވެސް އެލަފްޒުތައް ދުލަކާއި ހަމައަކަށް ނައެވެ.
“ހަޒް ނެތޭ ރަށަކު.” ކުރު ޖަވާބެއް ދިނުމަށްފަހު ޒާޔާ އެފިހާރައިން އަވަސް އަވަހަށް ނިކުތެވެ. ޝާރިފް އާއި ދުވަހަކު ވާހަކަ ނުދައްކަން ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ.

އޭތް ޒާޔާ.” ގޭގެ ދޮރުމަތިން ޒާޔާ ހުއްޓުވީ ހައުލާ ގެ އަޑެވެ.
ހިތުގައި އެތަކެއް ވޭންތަކެއް އަޅަމުން ދިޔަނަމަވެސް ޒާޔާ ހައުލާ ގެ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ.
“ތީ ކޯޗެއްތަ؟” ހައުލާގެ އަތުގައި އޮތް ކުޑަ ޕާރުސަލަށް ޒާޔާ އިޝާރާތް ކޮށްލިއެވެ.
“މީ ލޯބިވެރިންގެ ދުވަހުގެ ހަދިޔާ.” ހައުލާގެ ތުއި ރާގުންވެސް ދޭހަވަނީ ހައުލާ ހުރީ ނިކަން އުފަލުންކަމެވެ.
“މި ނުކަނޑާ މިއުޅެނީ އަދި ފޮޓޯ ނަގާފަ އެފްބީއަށް ލާންވެގެން. ހުރިހާ އެންމެންވެސް ކުރާ ކަމެއް ކުރަންވާނު.” ހައުލާ ގިފްޓް މައްޗަށް އެއްލާ ހިފަމުން ދިޔައެވެ. އެހާވެސް ހައުލާހުރީ އުފަލުންނެވެ.
“ދަނީ އިނގޭ. ފަހުން ދިމާވާނު.” ހަޤީޤަތުގައިވެސް ޒާޔާގެ ހިތް ކުދިކުދިވެއްޖެއެވެ. ކޮޓަރިއަށް ވަން ގޮތަށް އެނދު މައްޗަށް ވެއްޓި ޒާޔާ އަށް ރޮވެން ފެށުނެވެ. އެވަގުތު ޒާޔާގެ ފޯނުވެސް ރިންގްވާން ފެށިއެވެ. ބާލީސްދަށުގައި އޮތް ފޯނު ނަގާ ބަލައިލުމާއެކު ޒާޔާ ފޯނު ނަގައި އެނދުން ބޭރަށް ހޫރާލިއެވެ. ގުޅަނީ ޝާރިފް ކަމަށް ވާތީއެވެ. ދެން ޝާރިފް ގުޅަންވީ ކީއްކުރަން ހެއްޔެވެ؟ ގައިމު އެހާވަރަށް ޒާޔާ ގުޅިއިރު ފޯނު ނެގުން ޝާރިފް އަށް މުހިއްމު ނުވިއިރު ޒާޔާ ވަކި ޝާރިފްގެ ކޯލަށް ޖަވާބު ދޭންވީ ކީއްވެ ހެއްޔެވެ؟
ޒާޔާގެ ބަސްނާހާ ހިތް ޒާޔާ ކޮޅުކޮޅަށް އަނބުރަމުން ދިޔަ ނަމަވެސް އެންމެ ފަހުން ޒާޔާ ޝާރިފްގެ ކޯލަށް ޖަވާބު ދިނީއެވެ.
“ލޯބިވާ އަންހެނުންނާ އެކީ ލޯބިވެރިންގެ ދުވަސް ފާހަގަކޮށް ނިމުނީތަ؟” ފުރަތަމަ ފަހަރަށް ޒާޔާ ޝާރިފްގެ ކުރިމަތީގައި ހިތް ހަމަނުޖެހުން ފާޅުކުރިއެވެ.
“ހުން އައިސްގެން ނިދުނީ ރޭގަ. މިއަދު ވަރަށް ލަހުން ހޭލީވެސް.” ޒާޔާގެ ކުރިމަތީގައި ފެންނަން ހުރި ކަންތަކުގައިވެސް ޝާރިފް ދޮގު ހެދުމުން ޒާޔާވީ ހައިރާނެވެ.
“ވައިބަރ ބަލާބަލަ.” ޒާޔާ ފޯނު ކަނޑާލީ ޝާރިފްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތިއެވެ.
ދިލާގެ އިންސްޓާ ޕޯސްޓް ސްކްރީން ޝޮޓް ނަގާލުމަށްފަހު ޒާޔާ ވަގުތުން ޝާރިފްއަށް ފޮނުވާލިއެވެ.
އެޔަށް ޖަވާބެއް ދޭން އެދޭ ކަމަަށްވެސް ބުނަމުންނެވެ.
ޝާރިފްގެ ޖަވާބަކަށްވީ ހަމަ ކުރީގެވެސް ޖަވާބެވެ. ޝާރިފް ދިލާއަށް އެއްވެސް އެއްޗެއް ނުދޭކަމެވެ. އެއްވެސް ކޭކެއްވެސް ނުގެންނަ ކަމެވެ. އެންމެ ފަހުން ޒާޔާ އެވާހަކަ މާގިނައިން ދައްކަން ފެށުމުން ޝާރިފް އަންނަން ފެށީ ރުޅިއެވެ. ޒާޔާ އެވާހަކަ ދައްކާ ކޮންމެ ފަހަރަކު ޝާރިފް ރުޅި އައިސްގެން ފޯނު ކަނޑާލަނީއެވެ.
ދެރަވި ނަމަވެސް ޒާޔާ އަށް ޝާރިފް ދެއްކި ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އެންމެ ފަހުން ޒާޔާ އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނީ އެވެ. އަޅާނުލުމަށެވެ. ޝާރިފްގެ އާ ކަމެއް އެދުވަހަށްފަހު ޒާޔާއަށް ދަސްވެއްޖެއެވެ. އެއީ ޝާރިފްގެ ރުޅިއެވެ. ރުޅިގަދަ ކަމެވެ. ހިތަށް އައިހާ އެއްޗެއް ގޮވާކަމެވެ.

ދުވަސްތައް މާޒީއާއި އެކުވެގެން ދިޔައެވެ. ޒާޔާ އާއި ޝާރިފްގެ ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ބަދަހިވަމުންނެވެ. ޝާރިފް ޒާޔާއަށް ބިނާ ކޮށްދިން ހުވަފެނީ ގަނޑުވަރުގައި ޒާޔާ ދިޔައީ އެތަކެއް ކުލަތަކެއް ޖައްސަމުންނެވެ. އެ ގަނޑުވަރުގައި މާމެލާމެލީގެ ބަގީޗާއެއް ހައްދާ ޝާރިފްގެ ދެއަތުން އެމާތަކުގައި އެތަކެއް ކުލަތަކެއް ޖައްސައިދިނެވެ.

ހަމަ ހިމޭން އެދަންވަރުގައި ޒާޔާ ގެ މޫނުމަތިން ފާއްދާލި ހިނިތުންވުމާއެކު ޒާޔާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޝާރިފްގެ މޭތެރެއަށް ޒާޔާ ވަނީ ދުވެފައި ގޮހެވެ. ނަމަވެސް ޝާރިފް ޒާޔާ ދުރުކޮށްލަމުން ގޮސް އެނދުގައި އިށީނދެލިއެވެ.
“ކިހިނެއްވީތަ؟” ޝާރިފްގެ އެ އަމަލުން ޒާޔާގެ ހިތަށް ވީ ތަދެވެ. ޝާރިފް އާ ޖެހި ފިތިގެން ޒާޔާ އިށީނދެލީ ޝާރިފްގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.
އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޝާރިފް ޒާޔާއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ދޮރު ހުޅުވަދީ. ދާން ވެއްޖެ.” ޝާރިފްގެ ހަރުކަށި ބަސްތައް ޒާޔާގެ ހިތަށް ތޫނު ޚަންޖަރެއް ހަރާލިފަދައެވެ. ނަމަވެސް ދެލޮލަށް ބޮޑިވެގަތް ކަރުނަތައް ހިފަހައްޓާލަމުން ޒާޔާ ތެދުވެ ހިނގައިގަތީ ދޮރާއި ދިމާއަށެވެ.
ތަޅު ހުޅުވާލަން ތަޅުގައި ޒާޔާ އަތް ޖައްސާލިތަނާ ކުއްލިއަކަށް ޝާރިފް ޒާޔާގެ އަތް ފުރަގަހަށް ގެނެސް ހިފަހައްޓާލިއެވެ. ވާނުވާ ނޭނގޭ ހާލު ޒާޔާގެ ހާސްކަންވީ އިތުރެވެ. ޝާރިފް އެހެންޏާ ނޫޅޭ ގޮތަކަށް އުޅޭތީއެވެ.
“ކީއްތަ ތިކުރަނީ؟ ކިހިނެއްތަ ތި ހަދަނީ.” ޒާޔާ އަށް ގުޑިވެސް ނުލެވުނެވެ. ޝާރިފް ހުރީ ޒާޔާއަށް އެއްވެސް ހަރަކާތެއް ނުކުރެވޭ ގޮތަށް ޒާޔާ ހައްޔަރުކޮށްލައިގެންނެވެ.
ނަމަވެސް ޖަވާބެއް ނާދެއެވެ.
ކުއްލިއަކަށް ފިނިފިނި އެއްޗެއް ޒާޔާގެ މޭގައި ޖެހުނުތަނާ ޒާޔާ އަށް ދެލޯ މަރާލެވުނެވެ. އަދި ހަމަ އެވަގުތު ޒާޔާ އޭނާގެ މެރިފައިވާ ދެލޯ ހުޅުވާވެސް ލިއެވެ.
“ހެޕީތަ؟” ޒާޔާގެ ކަންފަތާއި ކައިރިވެލަމުން ސިއްރު ސިއްރުން ޝާރިފް އަހާލިއެވެ.
ވީ އުފަލުން ޒާޔާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ޝާރިފް ހަށިގަނޑުގައި ޒާޔާ އޮޅުލައިގަތީ ޝާރިފްއާ ދުވަހަކު ވަކިނުވާން ހުވާ ކުރަމުންނެވެ. ޝާރިފްގެ ފަރާތުން ލިބުނު ފުރަތަމަ ހަދިޔާ ޒާޔާ ޤަބޫލުކުރީ އުފަލާއި އެކުގައެވެ. ދުވަހަކުވެސް ޒާޔާ އަކާއި އެފަށް ވަކި ނުކުރަން ޝާރިފް ކައިިރީ ޒާޔާ ވަޢުދުވިއެވެ.

ޝާރިފްގެ ލޯބި ފިރުމުންތަކުން އެތަކެއް އަރާމު ހޯދުމަށްފަހު ޒާޔާ އޮތީ ޝާރިފްގެ މޭތެރޭގައި މޫނު ފޮރުވައިގެންނެވެ.
“ލޯބިވޭ.” އިރުއިރުކޮޅާއި ޝާރިފް ޒާޔާގެ ތުންފަތުގައި ތުންފަތް ޖައްސާލައެވެ.
“ޝާރިފް. ތެދުވެބާ. ވިޝް އެއް ފުރިހަމަކޮށްލަން.” ޒާޔާ އޭނާގެ ފޭރާމެއް ނެތް ހަށިގަނޑުގައި ބެޑްސީޓް އޮޅާލިއެވެ.
ޒާޔާގެ ކޮންމެ އެދުމަކަށް ޝާރިފް ބޯލަނބަނީ އުފަލުންނެވެ.
ޝާރިފް ޒާޔާ ގެންގުޅެނީ ރާނީއެއް ހެންނެވެ.
ޝާރިފްގެ ދެފައިތިލަ މަތީގައި ޒާޔާގެ ފައިތަލަ ހަމަކޮށްލުމާއެކު ޝާރިފްގެ އަތް ޒާޔާގެ އުނަގަނޑުގައި ވަށާލިއެވެ.
“ދެން ހިނގާލަބަލަ.” ޝާރިފް ޒާޔާގެ ނިއްކުރީގައި ތުންފަތް ޖައްސާލުމާއެކު ޒާޔާ ހިނިތުންވެލިއެވެ.
ދަންވަރުގެ އެ ހަތަރު ގަޑިއިރު ވޭތުވެގެން ދާ ގޮތް ވެސް ޒާޔާ އާއި ޝާރިފްއަށް ނޭނގެއެވެ. އެކަކު އަނެކަކުގެ ލޯބީގައި މަސްތީ ދުނިޔެއަކަށް ގެއްލިފައި ތިބޭއިރު ދުނިޔޭގެ ހޭވެރިކަންވެސް ނުހުންނަނީއެވެ.

މަސް ދުވަސް ފަހެވެ. ހެނދުނު ޒާޔާއަށް ހޭލެވުނީ ރާއިދުގެ ކޯލަކުންނެވެ.
ނަމަވެސް ރާއިދުގެ ކޯލަށް ޖަވާބު ނުދީ ޒާޔާ ދުއްވައިގަތީ ފާހާނާއާއި ދިމާއަށެވެ. ޒާޔާ އަށް ފާހާނާއަށް ދެވުނީ ކިރިޔާއެވެ. ހޮޑުލެވިއްޖެއެވެ. އެތައް އިރަކު އެހާލުގައި އުޅުމަށްފަހު މޫނު ދޮވެލުމަށްފަހު ޒާޔާ ހިންދެމިލިއެވެ. މިހެން ވާންވީ ކީއްވެ ހެއްޔެވެ؟ ފާހާނާގެ ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ޒާޔާ ބަލަހައްޓައިގެން ހުރެ ވިސްނަމުން ދިޔައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް