2017 ވަނަ ގެނެސްދިން “ބަރޭލީ ކީ ބަރްފީ”އަށްފަހު ރާޖްކުމާރް ރާއޯއާއި ކްރިތީ ސަނަން އެކުގައި ދެވަނަ ފިލްމެއް ޝޫޓިންގ ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެއެވެ. “ސެކަންޑް އިނިންގްސް”ގެ ނަމުން ފުރަތަމަ ނަން ދިން މި ފިލްމުގެ ނަން މިހާރު ވަނީ “ހަމް ދޯ ހަމާރޭ ދޯ” އަށް ބަދަލުކޮށްފައެވެ.

ދިނޭޝް ވިޖަން ޑައިރެކްޓްކުރާ “ހަމް ދޯ ހަމާރޭ ދޯ”ގައި ޑިމްޕަލް ކަޕާޑިއާ އާއި ޕަރޭޝް ރަވާލްވެސް މުހިންމު ރޯލުތަކެއް ކުޅޭކަމަށް ކުރިން ހާމަކޮށްފައިވެއެވެ. ނަމަވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން ޑިމްޕަލް މިފިލްމު ދޫކޮށްލުމާއި ގުޅިގެން މިހާރު ޑިމްޕަލް ކުޅެން ހަމަޖެހުނު ރޯލަށް ވަނީ ރަތުނާ ޕާތަކް ޝާހް ހަމަޖައްސާފައެވެ.

މިއަހަރު އޭޕްރިލް-މެއި ގައި ޝޫޓިންގ ފަށަން އޮތް މިފިލްމުގެ ޝޫޓިންގތައް ކެންސަލްކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ. ނަމަވެސް އެހެން ޕްރޮޑިއުސަރުންވެސް ފިލްމުތަކުގެ ޝޫޓިންގތައް ފެށުމުން މިދިޔަ އޮކްޓޯބަރު މަހު ޝޫޓިންގ ފަށާގޮތަށް ދިނޭޝްވެސް ނިންމީކަމަށް ޚަބަރުތައް ބުނެއެވެ. އެކަން ތަރިންނަށް އެންގުމުން ޑިމްޕަލް ވަނީ އޭނާގެ ކަންބޮޑުވުންތައް ހާމަކޮށް ވެކްސިނެއް ނުލިބެނީސް ފިލްމީ މަސައްކަތްތަކަށް ދާން ދެކޮޅު ހަދާފައިކަމަށްވެއެވެ.

ފިލްމުގައި ޑިމްޕަލް ކުޅެން ހަމަޖެހިފައިވާ ރޯލަކީ ވަރަށް ވަރުގަދަ ރޯލަކަށް ވާއިރު އޭނާގެ ރިޕްލޭސްމެންޓަކަށް ބެލިއިރު އެންމެ ރަނގަޅު ހޮވުމަކަށް ފެނުނީ ރަތުނާ ކަމަށް ޚަބަރުތައް ބުނެއެވެ. އޭނާއަށް ފިލްމުގެ ވާހަކަ ޚުލާސާކޮށްދިނުމުން އޭނާއަށް ވާހަކަ ވަރަށް ކަމުގޮސްގެން ފިލްމަށް އެއްބަސްވިކަމަށްވެއެވެ.

މިހާރު ފިލްމުގެ ޝޫޓިންގ ޗަންޑީގަޅްގައި ކުރިއަށް ދާއިރު، ރަތުނާވެސް ވަނީ ޝޫޓިންގއާއި ގުޅިފައެވެ. ރަތުނާ އެންމެ ފަހުން ފެނުނީ މިއަހަރު ފެބްރުއަރީ މަހު ރިލީޒްކުރި “ތައްޕަޅް” އިން ތާޕްސީ ޕަންނޫގެ މަންމަގެ ރޯލުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.