މަޝްހޫރު ފްރެންޗަައިޒް ރިއަލިޓީ ޝޯވ ‘އިންޑިއަން އައިޑަލް 12’ މިމަހު ފެށުމަށް ހަމަޖެހި، ދައްކަން ފަށާނެ ތާރީޚާއި ޖަޖުންނާއި ބައިވެރިންގެ ލިސްޓް އާއްމުކޮށްފިއެވެ.

އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަން މިފަހަރު ފެނިގެންދާނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކަކާއި އެކުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކުރިއަށް އޮތް އިންޑިއަން އައިޑަލްގެ ޓްރޯފީ އުފުލާލާނެ މީހަކު ހޮވުމުގެ މަސައްކަތްތައް ފަށާފައިވާއިރު، މިފަހަރު ޝޯވްގެ ޓެގްލައިނަކީ ‘ގަރް ސޭ މަންޗް ތަކް’ (ގެއިން ސްޓޭޖާހަމައަށް) މިއެވެ. މި ޝޯވގެ އޮޑިޝަން ފެށީ މި އަހަރު ޖުލައި 25 ގައެވެ. އޮންލައިންކޮށް ބޭއްވި މި އޮޑިޝަން 09 އޯގަސްޓާ ހަމައަށް ދެމިގެން ދިޔައެވެ. ނަމަވެސް އޮޑިޝަންގެ ފައިނަލް ބުރު ޝޫޓްކުރަނީ ސްޓޫޑިއޯގައެވެ.

އިންޑިއަން އައިޑަލް ސީޒަން 12 ހުށައަޅަނީ….

މިފަހަރުގެ ޝޯވ ހުށައަޅާނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދްތިޔާ ނާރަޔަން އެވެ. މި ޝޯވގެ ކުރީގެ ބައެއް ސީޒަންތައް ވެސް އޭނާ ހުށައަޅާފައި ވެއެވެ.

އިންޑިއަން އައިޑަލް ސީޒަން 12ގެ ފަނޑިޔާރުން…

މި ޝޯވ އަކީ މަޝްހޫރު އަދި މަޤްބޫލު ލަވަކިޔުންތެރިން ފަނޑިޔާާރުކަން ކުރާ ޝޯއެކެވެ. ހިމޭޝް ރޭޝަމިޔާ، ނޭހާ ކައްކަރް އަދި ވިޝާލް ދަދްލާނީ އަކީ މި ޝޯވގެ ފަނޑިޔާރުންނެވެ.

ކޮރޯނާވައިރަސް އާއި ގުޅިގެން މިފަހަރުގެ ޝޯވގެ ފޯމެޓަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެއެވެ. މި ޝޯވގެ ކުރިއަށް ހުރި އެޕިސޯޑްތަކުން އިންޑިއާގެ ހުނަރުވެރި ލަވަކިޔުންތެރިން ފެނިގެންދާނެއެވެ.

އިންޑިއަން އައިޑަލް ސީޒަން 12 ފަށާ ތާރީޚް…

މި ޝޯވ ދައްކަން ފަށާނީ 28 ނޮވެމްބަރު 2020 ގައެވެ. ދައްކާނީ ހޮނިހިރު ދުވަހާއި އާާދީއްތަ ދުވަހު އިންޑިޔާ ގަޑިން 08:00 ގައި ސޮނީ ޓީވީންނާއި ސޮނީ ލައިވް އޮންލައިން އެޕްލިކޭޝަނުންނެވެ.

އިންޑިއަން އައިޑަލް 11 ކާމިޔާބުކަމާއެކީ ނިންމާލެވިފައިވާއިރު 11 ވަނަ ސީޒަންގެ ޓްރޮފީ އުފުލާލީ ސަނީ ހިންދުސްތާނީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.