މަޝްހޫރު ކޮރިއޯގްރާފަރު/ޑައިރެކްޓަރު ޕްރަބޫ ދޭވާގެ ބުރަކައްޓަށް ވަމުންދާ ތަަދަށް ފިޒިއޮތެރަޕީ ހަަދައިދޭ ފިޒިއޮތެރަޕިސްޓާއި ސިއްރުން ކައިވެނި ކޮށްފިކަމަށް ބޮލީވުޑްގެ ބައެއް ނޫސްތަކުން ބުނަން ފަށައިފިއެވެ.

ސަލްމާން ޚާންގެ ފިލްމު “ރާދޭ – ޔޯރ މޯސްޓް ވޯންޓެޑް ބާއީ” ގައި ސަލްމާން އާއެކު މަސައްކަތްކުރަމުން އަންނަ ޕްރަބޫ އަކީ އޭނާގެ ޒާތީ ދިރިއުޅުމުގެ ކަންކަން އާއްމުކުރަން ބޭނުންވާ ތަރިއެއް ނޫނެވެ.

ރާމްލަތާ އާާއި ކައިވެނިކޮށް ތިން ދަރިން ލިބިފައިވާ ޕްރަބޫ ދޭވާގެ މިފަހަރުގެ ކައިވެނި އޮތީ މުންބާއީގައި ކަމަށް ވެއެވެ. ޕްރަބޫ އާއި ރާމްލަތާގެ ކައިވެނި ރޫޅުނީ ދެކުނު އިންޑިޔާގެ ތަރިއެއް ކަމަށްވާ ނަޔަންތަރާ އާާއި ޕްރަބޫއާ ދެމެދު ލޯބީގެ ގުޅުމެއް އޮތްކަމަށް ބުނެ ފެތުރުނު އަޑުތަކަށް ފަހުގައެވެ.

ޕްރަބޫގެ މަސައްކަތްތަކަށް ބަލައިލާއިރު، ސަލްމާާން ޙާން އާއި ޕްރަބޫ އެކުގައި ފެނިގެންދާނެ ފިލްމު “ރާދޭ- ޔޯރ މޯސްޓް ވޯންޓެޑް ބާއީ” އޮތީ އަޅުވަން ތައްޔާާރުވެފައެވެ. މި ފިލްމަކީ މިދިޔަ އީދާއި ދިމާކޮށް، މެއި މަހު 22 ގައި އަޅުވަން ނިންމި ފިލްމެކެވެ. މި ފިލްމުގެ އަޅުވާ ތާރީޚާއި އަކްޝޭ ކުމާރާއި ކިއާރާ އަދްވާނީގެ ފިލްމު “ލަކްޝްމީ” ނެރޭ ތާރީޚް އޮތީ އެއް ދުވަސްވަރަކަށެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ސަބަބުން ފިލްމު އަޅުވާ ތާރީޚް ފަސްކުރިއެވެ.

ފިލްމު “ރާދޭ”ގައި ޖެކީ ޝްރޮފް، ޑިޝާ ޕަޓާނީ އާއި ރަންދީޕް ހޫޑާ ވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.

ޕްރަބޫ ދޭވާ އާއި ސަލްމާން އެކުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ 2009 ގަައި އުފެއްދި ފިލްމު “ވޯންޓެޑް” އާއި މިދިޔަ އަހަރު ރިލީޒްކުރި ފިލްމު “ދަބަންގް 3” ގައެވެ. ވޭތިވެ ދިޔަ 11 އަހަރު، ސަލްމާން ޚާން ވަނީ އީދާ ދިމާކޮށް އޭނާގެ ވަރުގަދަ ފިލްމެއް ރިލީޒްކޮށްފައެވެ. އެހާ ސައްޙަ ނޫން ރިޕޯޓްތައް ބުނާގޮތުން އޮންލައިން މަންސައެއްގައި އެކްޝަން ޑްރާމާ “ރާދޭ” ރިލީޒްކޮށްފާނެ ކަަމަށް ބެލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.