ދިވެހި ފިލްމު އިންޑަސްޓްރީގެ ރާނީ ނިޢުމާ މުޙައްމަދު ކެމެރާ ކުރިމަތިން ނިވައިވުމުގެ ކުރިން “ނިވައިރޯޅި” ނަމުގައި ހަދާ ފިލްމު ގެ ޝޫޓިން އަންނަ އަހަރު ޖެނުއަރީ 25 ގައި ފަށާނެ ކަމަށް ނިޢުމާ ވަނީ ބުނެފައެވެ.

ނިއުމާ ގެ އުފަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި މިކަން އިޢުލާނު ކުރުމަށްފަހު ފިލްމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް ފިލްމުގެ ޓީޒާ ރިލީޒްކުރި އެވެ.

އަންނަ އަހަރުގެ އޮކްޓޫބަރު މަހު ރިލީޒްކުރާ މި ފިލްމަކީ މޫމިން ފުއާދު އަދި ނިއުމާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމުގެ އިންޑޯ ޝޫޓިން ފަށަން ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

“ފިލްމުގެ އިންޑޯ ޝޫޓިން ޖެނުއަރީ 25 އަށް މި ކިޔަނީ، އަތޮޅު ތެރޭގައި އެކަމަކު ކޮން ރަށެއް ކަމެއް އަދި ފައިނަލެއް ނުވޭ، ބޭނުންވަނީ އަދި މިހާތަނަށް ފިލްމެއް ނުކުޅޭ ރަށެއްގައި ކުޅެން،” ނިއުމާ ބުންޏެވެ.

މި ފިލްމުގައި ނިޢުމާ އާއި އެކުގައި ފެނިގެންދާނީ މުޅިން އާ ފިރިހެން ތަރި އެކެވެ. ނިއުމާ ކެމެރާގެ ކުރިމަތިން އަލްވަދާއު ކިޔަނީ އޭގެ ބަދަލަށް ތަރިއެއް އިންޑަސްޓްރީއަށް ނެރެފަ އެވެ.

ނިއުމާގެ ޕްލޭންގައި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ އޭނާގެ އުފަން ދުވަހެވެ. ނަމަވެސް އަންނަ އަހަރަކީ ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލި ވާނެ އަހަރެއް ކަމަށް ބެލެވޭތީ  ފަހަރެއްގައި ފިލްމު ރިލީޒްކުރުން ފަސް ކުރަން ޖެހިދާނެ ކަމަށްވެސް ނިޢުމާ ހުރީ ވިސްނައިގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް