2003 ވަނަ އަހަރު އަމްޖަދު އިބްރާހިމް އުފައްދައި ރިލީޒްކުރި ލޯބީގެ ބިރުވެރި ފިލްމު “ދޮންކަމަނަ” އާއި ހަމައަށް ޖެހިލަމާ ހިނގާށެވެ. އެއަށްފަހު، 2005 ވަނަ އަހަރު އަޙްމަދު ނިމާލް އުފައްދައި ރިލީޒްކުރި ބިރުވެރި ފިލްމު “ހަނދު ކޭތަ”އިގެ ބިރުވެރިކަމުގެ ތެރެއިން ފެންނަ ހިތްގައިމު މޫނު، ފިލްމު “ވެހޭ ވާރޭ ތެރޭން” އަށް ޖެހިލުމުން ފެނިގެންދާ ހިތްގައިމު ހިނިތުންވުން ސިފަކޮށްލާށެވެ. ރޫހާނީ ބާރެއްގެ ނުފޫޒު ފޯރަމުންދިޔަ ފިލްމު “އުދަބާނި” (2009)ގައި ފެނިގެންދިޔަ ހުނަރުވެރި އެކްޓިން ދެއްކި ޢާމިރާ އިސްމާޢީލް މަތިން ހަމަ ގައިމުވެސް ދިވެހި ފިލްމީ އޯޑިއަންސް ހަނދާން ހުންނާނެއެވެ.

ޖުމްލަ 20 ފީޗާ ފިލްމާއި 03 ކުރު ފިލްމުގެ އިތުރުން ޓީވީ ސީރީޒެއްގައި ހުނަރުވެރި އެކްޓިންއެއް ދެއްކި އާމިރާ އަކީ ހިތްގައިމު ލަވަތަކަކުން ދިވެހިންްގެ ހިތްތަކަށް ފިނިކަން ހޯދައިދިން ކުޅަދާނަ ފަންނާނެކެވެ. އާމިރާ އަކީ ސަން ފިލްމު އެވޯޑްސް 2ގައި އެންމެ މުނިފޫހިފިލުވައިދޭ އެކްޓްރެސް އަކަށް ނޮމިނޭޓްވުމުގެ އިތުރުން، 07 ވަނަ ޤައުމީ ފިލްމު އެވޯޑުން އެންމެ މޮޅު އެކްޓްރެސްއަށް ނޮމިނޭޓްވެ، 08 ވަނަ ޤައުމީ ފިލްމު އެވޯޑުން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަށް ނޮމިނޭޓްވި ހުނަރުވެރި ތަރިއެކެވެ.

ފިލްމީ މަސައްކަތާ ދުރުގައި 10 އަހަރު ހުރުމަށްފަހު، އާމިރާ އަލުން ފިލްމީ މަސައްކަތާއި ގުޅެނީ ބެލުންތެރިންނަށް ހިތްގައިމު ލަވައެއް ގެނެސްދެމުންނެވެ. އާމިރާ މަސައްކަތް ފަށާފައިވަނީ ބެލުންތެރިންގެ ހިތްތަކަށް ޝިފާއެއް ގެނެސްދިނުމަށް “ޔާރު ތިއޭ މިހިތުގެ ޝިފާ” – ގެނެސްދިނުމަށެވެ.

ބެލުންތެރިންނަށް ހިތްގައިމު އެތަކެއް ލަވަތަކެއް ގެނެސްދިނުމުގެ އިސް މޭސްތިރިއެއްގެ ގޮތުގައި ހަރަކާާތްތެރިވެފައިވާ ޢަލީ ރަޝީދު (ގޮޅާ)ގެ އަމިއްލަ ޕްްރޮޑަކްޝަން ހައުސް ‘ބްލޫ ވޭވް އެންޓަޓެއިންމެންޓް’ އާއި ‘ޔޫއްޕެ ޕްރޮޑަކްޝަން’ ގުޅިގެން އުފައްދާ މި ލަވައަކީ އެކްޓަރ/އެޑިޓަރ އަދިި ފިލްމު އުފެއްދުމުގެ ޓެކްނިކަލް މަސައްކަތުގައި ހަރަކާތްތެރިވާ ޒިޔާ ޕްރޮޑިއުސްކުރާ ލަވައެކެވެ.

“ޔާރު ތިއޭ މިހިތުގެ ޝިފާ” އުފެއްދުމުގެ ތެރެއިން އައްޔަ، ޒިޔާ އަދި އާމިރާ – ފޮޓޯ: ބްލޭ ވޭވް އެންޓަޓެއިންމެންޓް

އާމިރާ އިސްމާޢީލް އާއެކު މި ލަވައިގެން ފެނިގެންދާނީ އަޙްމަދު ޒިޔާޢު (ޒިޔާ) އެވެ. ލަވަ ޑައިރެކްޓްކޮށް ކެމެރާކޮށް އަދި އެޑިޓްކުރަނީ ޢަލީ ރަޝީދެވެ.

‘ބްލޫ ވޭވް އެންޓަޓެއިންމެންޓް’ ގެ އަލަތު އުފެއްދުން “ޔާރު ތިއޭ މިހިތުގެ ޝިފާ” އެއްކޮށް ޝޫޓްކޮށް ނިމިފައިވާކަމަށާ މިހާރު ކުރިއަށްދަނީ އެޑިޓިންގެ މަސައްކަތް ކަމަށް މުނިއަވަސް ޢަލީ ރަޝީދު ބުންޏެވެ.

“ޔާރު ތިއޭ މިހިތުގެ ޝިފާ” އަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒްގެ ހިތްގައިމު، ރަން އަޑުން ކިޔާފައިވާ ހިތްގައިމު ލޯބީގެ ލަވައެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.