މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2020-2025 އިފްތިތާޙްކޮށް ދެއްވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، ޝަރަފްވެރި މެހެމާންގެ ހައިސިއްޔަތުން ޑރ. އިބްރާހިމް ޙަސަން ދެއްކެވި ވާހަކަފުޅުގައި މަތީ ތައުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީއެއްގެ ފެންވަރު ދަށްވެދާނެ، އަދިއެއާއި މެދު ސުވާލު އުފައްދާނެ އެއްވެސް ކަމަކަށް ފުރުސަތު ދެއްވައިގެން ނުވާނެ ކަމަށް އިލްތިމާސް ކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމަށް ޔުނިވާސިޓީގެ ދައުރު ވަރަށް މުހިއްމު ކަމަށާ، ވަކިންޚާއްޞަކޮށް މީހުން ބިނާކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ޔުނިވާސިޓީގެ ބައިވެރިވުމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން އޮތްކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުން މަތީ ތައުލީމު ފޯރުކޮށްދޭ އެއްވެސް ތަނަކަށް ފެންވަރާއި މެދު ސުވާލު އުފައްދާނެ އެއްވެސް ކަމެއް ކުރުމަށް ސަރުކާރުން އެދިވަޑައި ނުގަންނަވާނެ ކަމާއި، ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީން ލިބިގެން ވަޒީފާއަކަށް ނުކުންނަން ހުއްދައެއް ހޯދަންޖެހޭ އެއްވެސް ދާއިރާއަކުން ކޯސްތައް ފަރުމާކުރާއިރު، އެ ހުއްދަ ދެއްވާ ވުޒާރާއަކާއި ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ވެސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި ޤައުމީ ތަރައްޤީއަށް މީހުން ބިނާކުރުމުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަކީ ވަރަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2020-2025 އިފްތިތާޙްކޮށް ދެއްވަނީ – ފޮޓޯ: އެމްްއެންޔޫ
މި ހަފްލާގައި ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ މައިގަނޑު ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެވުނެވެ. އެގޮތުން މި ސްޓްރެޓީޖިކް ޕްލޭން ތަންފީޒްކުރުމުން ހާސިލްވާނެ ކަންކަމުގެ ތެރޭގައިހިމެނެނީ:
1. އުނގަންނައިދިނުމުގައި އެންމެ މަތީ ހަރުފަތަށް ވާސިލްވުން
2. ދިރާސާކުރުމާ އުފެއްދުންތެރި ކަމުގައި ލާމަސީލު ނަމޫނާއަކަށްވުން
3. ދިވެހިންގެ އަމިއްލަ ވަންތަކަން ކުރިއެރުވުން
4. ފެންވަރު ރަނގަޅު މީހުން ބިނާކުރުން
5. ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ އިތުރުކުރުން
6. ހިންގުން ހަރުދަނާކުރުމާ އިސްނެގުމުގައި ނަމޫނާއަކަށްވުން
7. ފުޅާ ދާއިރާއެއްގައި މުޖުތަމަޢުއާ ގުޅުން ބަދަހިކުރުން
8. މަސައްކަތްކުރާނެ ރަނގަޅު ވެއްޓެއް ޤާއިމްކުރުން
9. ދަރިވަރުން ކާމިޔާބު ބަޔަކަށް ހެދުމާ ބާރުވެރިކުރުން
10. ޤައުމީ، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުން
މި ހަފްލާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ގެ އިތުރުން ޔުނިވާސިޓީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދާއި ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފާއި އަދި އެ ޔުނިވާސިޓީގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފްހަޔަރ އެޑިޔުކޭޝަން ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ
- 15 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް ވިކި ހުސްވެއްޖެ
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަ ޝޯގެ ޓިކެޓް ބުކިން ގަޑިއެއްހާއިރު ތެރޭ ފުލްވެއްޖެ