މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ އިންޑިޔާ ގެ ޑެއްލީ އަށް ފެށި ދަތުރު ވެގެން ގޮސްފައި މިވަނީ ވަރަށް ކާމިޔަބު ދަތުރަކަށެވެ. ޑެއްލީ އަށް ގޮސް ޕްރިޔަންކާ އާއި ބައްދަލުވުނެވެ. އިންޑިޔާގެ މަޝްހޫރު ޓީވީ ޗެނަލް އަކަށް އިންޓަވިއުއެއް ދެވުނެވެ. ޕްރިޔަންކާ ގެ އެތަކެއް ފޭނުންނާއި އެކުގައި ވަގުތު ތައް ހޭދަކުރެވުނެވެ. ސުނީތާ އަށް މި ހަފުތާގައި ލިބެމުންދާ އުފާވެރިކަމުގެ ބޮޅުފައްޗަށް އާބޮޅެއް އަނެއްކާ މިވަނީ އިތުރުވެފަ އެވެ. މިމަހުގެ 29 ވަނަ ދުވަހުގެ ރޭ އަވަށްޓެރި ސްރީލަންކާ ގައި ސުނީތާ ގެ ލައިވް ޝޯ އެއް ބާއްވަނީ އެވެ.

ލަންކާ ގެ ކޮލަމްބޯ ގައި އޮންނަ މި ޝޯ އާއިބެހޭ ގޮތުން އިންޑިޔާގައި ހުރެގެން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ސުނީތާ ބުނީ ޝޯ އޮންނާނީ މާދަމާ ރޭ ސޯސަންވިލާ ގައި ކަމަށެވެ. ސުނީތާ ބުނީ މިއީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ދަރިން ޚިތާނުކުރުމަށް ސޯސަންވިލާ ގައި އޮންނަ ޚިތާނީ ކޭމްޕް ގެ ތެރޭގައި ބާއްވާ ޝޯ އެއް ކަމަށެވެ. ސުނީތާ އަށް މި ފުރުސަތު ދީފައި ވަނީ ސަރުކާރުން ކަމަށްވެސް ސުނީތާ ބުންޏެވެ.

ސުނީތާ އަކީ 1990 ގެ އަހަރުތަކުގައި މާލޭގައި ބޭއްވި ހަފުތާ ބަންދު ޝޯ ތަކުގެ ތެރެއިން ވިދާލުމަށްފަހު ދެގޮތެއް ނުވެ ސޯލޯ ޑާންސަރ އެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ހުނަރުވެރި ފަންނާނެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް