ލ. އަތޮޅުގައި ފުރަތަމަ ހުޅުވި ރިޒޯޓް، ސިކްސް ސެންސަސް ލާމުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ “ލާމާފަރު ފެސްޓިވަލް” މިފަހަރު އޮންލައިންކޮށް ބާއްވަން ނިންމައި، އެ ފެސްޓިވަލް މިއަދު ފަށާނެކަމަށް ލާމާފަރުފެސްޓިވަލް2020 ޓީމުން ބުނެފިއެވެ.

ލާމުއަތޮޅުގެ ތިމާވެއްޓާއި އެތަންތާނގައި ދިރިއުޅޭ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ މި ފެސްޓިވަލް، އަދުގެ ހާލަތަށް ރިޢާޔަތްކޮށް މި އަހަރު ބާއްވަނީ އޮންލައިންކޮށެވެ. އެގޮތުން މި އަހަރުގެ ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކުން ތިމާވެއްޓާމެދު ހޭލުންތެރިކުރުވުމަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ސްޕޮޓެއް ނުވަތަ ކުރު ފިލްމެއް ހުށައަޅަން ޖެހެއެވެ.

ބައިވެރިން ހުށައެޅި ވީޑިއޯތަކުން ލ. ހިތަދޫ ސްކޫލުން ތައްޔާރުކޮށްފައިވާ ވީޑިއޯ މިއަދު ވަނީ ރީލީޒްކޮށްފައެވެ. ހިތަދޫ ސްކޫލުން ތައްޔާރުކޮށްފައިވަނީ އެ ރަށުގައި އޮންނަ ކުޅި ހިމާޔަތްކުރުމާމެދު ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ އެކެވެ.

ލ. އަތޮޅުގެ ސްކޫލް މަދަރުސާތަކުގެ އިތުރުން، ކޮލެޖް، ޔުނިވާރސިޓީ ކެމްޕަސްތަކުންނާއި ޖަމިއްޔާ ޖަމާޢަތްތަކުން ކޮންމެ އަހަރަކުވެސް މި ފެސްޓިވަލްގައި އަންނަނީ ބައިވެރިވަމުންނެވެ. މި އަހަރުގެ ފެސްޓިވަލް ބާއްވަން ހަމަޖެއްސި ރަށަކީ ލ. މުންޑުއެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން އިވެންޓް މިވަނީ އޮންލައިންކޮށް ބޭއްވުމަށް ނިންމާފައެވެ.

މި އަހަރުގެ ފެސްޓިވަލްގެ ޝިއާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ “އެކުއެކީ ދަސްކެރަމާ!” އެވެ. މީގެ ހަތަރު އަހަރު ކުރިން ފެށިގެން ބާއްވަން ފެށި “ލާމު ޓަރޓްލް ފެސްޓިވަލް” ރީބްރޭންޑް ކުރުމަށްފަހު މިދިޔަ އަހަރުން ފެށިގެން ބާއްވަނީ “ލާމާފަރު ފެސްޓިވަލް” ގެ ނަމުގައެވެ. އެހެން އަހަރުތަކޭ އެއްގޮތަށް ލާމުއަތޮޅުގެ ހުރިހާ ރަށަކުން މި ފަހަރުގެ ފެސްޓިވަލްގައި ވެސް ބައިވެރިވާނެއެވެ.

ކުރީ އަހަރުތަކާ ޚިލާފަށް މިއަހަރުން ފެށިގެން ލާމާފަރު ފެސްޓިވަލްގެ ހުށައެޅުންތަކަށް ވަނަވަނަ ދިނުން ނޯންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި އަހަރުގެ ހުށައެޅުންތައް ފޭސްބްކް އަދި ޔޫޓިއު މެދުވެރިކޮށް އާއްމުންނާ ހިއްސާކުރަމުން ގެންދާނެއެވެ.

މި ދިޔަ އަހަރު މި ފެސްޓިވަލް ބޭއްވީ ލ. މާމެންދޫގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.