ގިނަ ތަރިންތަކެއް ހިމެނޭ ފިލްމު “ލޫޑޯ”ގައި ވަރަށް ވަރުގަދަ ރޯލެއް ކުޅުމަށްފަހު، ބޮލީވުޑްގެ ހިތްގައިމު އެކްޓްރެސް ސަންޔާ މަލްހޯތުރާ މިހާރު ކަމަރުބަނދެލައިގެން ހުރީ ދާދިފަހުން ލޯންޗުކުރި ފިލްމު “މީނާކްޝީ ސުންދަރޭޝްވަރް”ގައި އަބީމަނިޔު ދަސާނީ އާއެކު ވަރުގަދަ ޗެލެންޖިން ރޯލެއް ކުޅުމަށެވެ.

މިއީ ސަންޔާ މަލްހޯތުރާ އާއި އަބީމަނިޔު ދަސާނީ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ސަންޔާ ފެނިގެންދާނީ ދެކުނު އިންޑިޔާ (ތަމަޅަ) އަންހެނެއްގެ ކެރެކްޓަރ އިންނެވެ. މި ފިލްމުގައި ސަންޔާ ކުޅޭ ރޯލު ޗެލެންޖަކަށް ވަނީ ސަންޔާ އަކީ އުތުރު އިންޑިއާއަށް އުފަން ތަރިއަކަށް ވާތީއެވެ. މީގެ ކުރިން ބޮލީވުޑްގެ ފިލްމެއްގައި ދެކުނު އިންޑިޔާގެ އަންހެނެއްގެ ރޯލު، ދެކުނު އިންޑިޔާއަށް ނިސްބަތްނުވާ ތަރިއެއް ކުޅެފައެއް ނުވެއެވެ.

މިހާތަނަށް އާއްމުކޮށްފައިވާ ފަސްޓްލުކް ފޮޓޯތަކުން ސަންޔާ ފެންނަނީ ވަރަށް ހިތްގައިމު ތަމަޅަ އަންހެނެއްގެ ހެދުމާއި މޭކަޕްގައެވެ. އެ ގެޓްއަޕްގައި ފެންނަ ފެނުމުގެ އިތުރުން ތަމަޅަ ރާގުގައި ހިންދީ ބަހުން ސަންޔާ ވާހަކަދައްކާލާ އަޑު އަހައިލުމަށް ހަމަ ގައިމުވެސް ފޭނުން މިހާރު ތިބޭނީ ކެތްމަދުވެފައެވެ.

ނެޓްފްލިކްސް އިން ރިލީޒްކުރުމަށް ނިންމާާފައިވާ ލޯބީގެ ކޮމެޑީ ފިލްމު “މީނާކްޝީ ސުންދަރޭޝްވަރް” ޝޫޓްކުރަނީ ޓަމިލް ނާޑޫގެ މަދުރާއީގައެވެ. ފިލްމު ޑައިރެކްޓްކުރަނީ ވިވެކް ސޯނީއެވެ. ސްކްރީންޕްލޭ ލިޔުނީ ވިވެކް އާއި އާރްޝް ވޯރާ އެވެ.

ސަންޔާ އާއި ގާތް މީހަކު މީޑިއާއަށް ބުނީ މުޅިން ތަފާތު ޘަގާފަތަކުން އައިސްފައިވާ އުތުރު އިންޑިޔާއަށް ނިސްބަތްވާ ސަންޔާ މި ފިލްމުގައި ދެކުނު އިންޑިއާ އަންހެނެއްގެ ރޯލުން ފެންނަ ފެނުން ވެގެންދާނީ ބެލުންތެރިންނަށް ސަންޔާ ގެނެސްދޭ ވަރަށް ތަފާތު އަދި ޗެލެންޖިން ރޯލަކަށް ކަމަށެވެ.

ސަންޔާ އަކީ ތަފާތު ޖޮންރާތަކުގެ ފިލްމުތަކާއި ތަފާތު ރޯލުތަކުން ފެންނަމުން އަންނަ އުއްމީދީ ތަރިއެކެވެ. ވަކިން ޚާއްޞަކޮށް ޗެލެންޖިން ރޯލުތައް ކުޅުމަކީ އޭނާގެ ކެރިއަރުގައި ފެންނަ އުއްމީދީ ކަމެކެވެ.

މި އަހަރަކީ ސަންޔާގެ ފިލްމީ ހަޔާތުގައި ކާމިޔާބު ރޯލުތަކަކުން، ކާމިޔާބު ފިލްމުތަކަކުން ފެންނަމުންދާ ކާމިޔާބު އަހަރެކެވެ. އެގޮތުން ފިލްމު “ޝަކުންތަލާ ދޭވީ” އަށް ފަހު ޝްރޫތީގެ “ލޫޑޯ” ފާހަގަކޮށްލެވެއެވެ.

ދެން އެންމެ އަވަހަށް ސަންޔާ ފެންނާނީ ގުނީތު މޮންގާޣޭ ފިލްމު “ޕައްގަލައިޓް” އިންނެވެ. އެއަށްފަހު “މީނަކްޝީ ސުންދަރޭޝްވަރް” އާއި “ލަވް ހޮސްޓެލް” އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.