ތޫނިސްގެ ރަށްބޭރުގައި އުޅުނު އޮޅު ޖަމަލެކެވެ. ދަތުރުވެރިޔަކު ސަހަރާތެރެއަށް އޮށަކަށް ސަވާރުވެގެން ނުކުމެގެން ދަނިކޮށް އެއްކަލަ ޖަމަލު ފެނިއްޖެއެވެ. އަވަހަށް އޮށް ދޫކޮށްލާފައި އެއްކަލަ އޮޅު ޖަމަލުގެ މައްޗަށް ސަވާރުވެ ދަތުރު ފަށައިފިއެވެ. ދަތުރުގެ ވަކި ހިސާބަކުން ދަތުރުވެރިޔާގެ މުހުތާދެއް ފިލުވަން ޖަމަލު ދޫކޮށް މުޅިން އެކަހެރި ރަށެއްގައި އޭނާއަށް ޤާއިމްވެ ހުންނަން ޖެހިއްޖެއެވެ.

ދެން ޖަމަލު މިނިވަންވެ ސަހަރާގައި ހިނގަމުން ހިނގަމުން ދަނިކޮށް އެއްކަލަ ދަތުރުވެރިޔާގެ ވިޔަފާރީގެ މާކުރީގެ ވާދަވެރިއަކަށް ޖަމަލު ފެނިއްޖެއެވެ. ދެން އެކުރި ކަމެއްކޮށް އެއްކަލަ ޖަމަލު އޮޅުކޮށްގެން އުޅެން ފަށައިފިއެވެ. އަދި ދުވަސްކޮޅަކުން ޖަމަލުގެ ވެރިޔާ ޖަމަލު ދޫކޮށްލި ޚަބަރު އިވުމާއެކު ޖަމަލު މިލްކުކޮށްފިއެވެ. އަދި އޭނާގެ ވިޔަފާރި ދަތުރުތަކުގައި ޖަމަލު ބޭނުންކުރަން ފެށިއެވެ.

ޖަމަލުގެ ކުރީގެ ވެރިޔާ މިކަމާ ކަންބޮޑުވެގެން ނޫޅެ އޭނާގެ މަސައްކަތްތަކުގައި އަވަދިނެތި ދުވަސްތައް ހޭދަކުރަމުން ގެންދެއެވެ.

އެހެނަސް ޖަމަލުގެ މިހާރުގެ ވެރިޔާ ދަތުރު މަތީގައި އޭނާއާ މީހުން ބައްދަލުވާ ވަގުތު ފަޚުރުވެރިކަމާއެކު ޖަމަލުގައި ޖަހާލައި ޖަމަލުގެ މިލްކުވެރިކަން އޮތްކަން އޭނާ ދަންނަ މީހުންނަށް ދައްކަމުން ގެންދެއެވެ.

ނަމަވެސް މިވިޔަފާރި ވެރިޔާގެ ޢަޤަލްކުޑަކަމުން ދަތުރު ނިމި އޭނާގެ ސަހަރަށް ހަމަ ދެވުމާއެކު އެއްކަލަ ޖަމަލަށް މާބޮޑު ސަމާލުކަމެއްދީ ބަލަހައްޓަމުންނެއް ނުގެންދެއެވެ. އެއީ އޭނާގެ އާދައެވެ.

ކުރިން މާދުރު ސަރަހަކުން އޮޅުކުރި ޖަމަލާ މެދުވެސް އޭނާ ކަންކުރީ ހަމަ އެގޮތަށެވެ. އޭނާ ދަންނަ މީހުން ހިތާ ހިތުން ކިޔަތެވެ. މިފަހަރު ކިހާވަރަކުން ދާނެބާވައެވެ؟

މިހެން އުޅެމުން ދަނިކޮށް އެއް ދުވަހަކު އެއްކަލަ ޖަމަލު ފިލައިފިއެވެ. އޭނާގެ މުހުތާދުތަކާއި މީހުންގެ ކުރިމަތީގައި އޭނާގެ އަގު ހިފެހެއްޓުމުގެ ބޭނުމުގައި ރަމަލުޖަހާ ކަހީނެއްގެ ގާތަށް ގޮސް ޖެހި ރަމަލަކުން އެއްކަލަ ޖަމަލު އަލުން ހޯދައިފިއެވެ.

ނަމަވެސް އޭނާގެ މިޒާޖާއި ޢަޤަލަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެއްކަލަ ޖަމަލުވެސް އެކިގޮތްގޮތުން ޖަމަލުގެ ވެރިޔާއަށް ޒުވާބު ދީ ހަދަން ފަށައިފިއެވެ. ރޭގަނޑު ދަންވަރު ވަގުތުގައި އަވަށްޓެރީންނަށްވެސް ޖަމަލަށް ތަފާތު ގޯނާ ކުރާ އަޑުތަކާއި ޖަމަލު ހޭރިގަންނަ އަޑު އިވެން ފަށައިފިއެވެ. ނަމަވެސް ވެރިޔާގެ ޖާހުބޮޑުކަމުންނާއި އަވަށްޓެރީންނާ އޮންނަ ގުޅުން ކުޑަކަމުން އެއްވެސް މީހަކަށް މިވާގޮތެއް ބަލައިލަންވެސް ނުކެރުނެވެ.

މިހެން ކަންތައްތައް ވަމުން ގޮސް ޖަމަލު މުޅިން ބަލިކަށިވެ މޮޔަވުމާ ހަމައަށް ގޮސްފިއެވެ. ދެން އިތުރަށް ޖަމަލުވެސް ވެރިޔާގެ ބެލުމުގެ ދަށުގައި އޮންނަން ބޭނުން ނޫންކަން އެނގުމުންވެސް ވެރިޔާއަށް ޖަމަލު ދޫކޮށްލާކަށް ނުކެރުނެވެ. ދެން މައްސަލަ ދިޔައީ ޝަހަރުގެ ދަރުބާރަށެވެ. މާގިނަ ވާހަކަ ދައްކައި ޖަދަލުކޮށްފިނަމަ ޖަމަލު ތަޙައްމަލް ކުރި ވޭންތަކުގެ ވާހަކަ ޝަރީޢަތުގައި ދެކެވި، ވެރިޔާގެ ޖާހަށް އުނިކަމެއް ލިބިދާނެ ކަމަށް ވިސްނައި ވެރިޔާ ނިންމީ ޖަމަލުދޫކޮށްލާށެވެ.

މިހިސާބަށް ކަންތައްތައް ދިޔަ ޚަބަރު އެއްކަލަ ޖަމަލުގެ ކުރީގެ ވެރިޔާއަށް އިވިއްޖެއެވެ. އަދި އޭނާ ޝަހަރުގައި ނެތަތީ ކަންކަން ހިނގާ ދިޔަގޮތް އޭނާގެ ރަޙުމަތްތެރިއެއްގެ ފުށުން، އެއްވެސް އޮޅުމެއް ނެތް ވަރަށް، ސާފުކުރިއެވެ.

ދެނަކާ ދެނެއް ނެތެވެ. ދުނިޔޭގައި ކަން ހިނގާގޮތަށް މާބޮޑަކަށް ލޯހުޅުވިފައި ނެތް، ޖަމަލުގެ ފަހުގެ ވެރިޔާ ފާރަލައިގެން ބަލަމުން ގޮސް، އޭނާގެ އަމިއްލަ ނިންމުން ނިންމައިފިއެވެ. ކުރީގެ ވެރިޔާގެ މިބުނި ރަޙްމަތްތެރިޔާ ޖަމަލަށް ސަވާރުވެއްޖެ ކަމަށް ހީކޮށް، އޭނާގެ ޟަމީރުން އެކަން ޔަޤީންކޮށްފި އެވެ.

ރަޙުމަތްތެރިޔާއާއި ޖަމަލުގެ ކުރީގެ ވެރިޔާ ބުނެތެވެ. – – ކާޅަކަށް ދޮންކޭލެއް ނުކެވުނުތާއެވެ. އެއެއްޗެއް ހޯދިގޮތަށް އެއެއްޗެއް ބީވެގެން ދެއެވެ! އހ

ލިޔުންތެރިޔާގެ ފުރަމަލަ

ހުސެން
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް